އަވައްޓެރި ގައުމުތަކުން އެހެނިހެން ގައުމުތަކަށް ދަތުރުކުރަން ބޭނުންވާމީހުން ކަރަންޓީނުވާ ކަރަންޓީނު ސްޕޮޓަކަށް ރާއްޖެ ހަދާފައިވާ ކަމުގެ ކަންބޮޑުވުންތައް ދިވެހިންގެ މެދުގައި އުފެދެންފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ހާއްސަކޮށް އިންޑިއާގައި ހަލުވިކަމާއެކު ކޯވިޑް ފެތުރުން ފެށުމުން އެގައުމުން ސީދާ ދަތުރުތައް ކުރުން ގިނަގައުމުތަކުން ހުއްޓާލިއެވެ. ހާއްސަކޮށް އިންޑިއާގެ ގިނަބަޔަކު ވަޒީފާ އަދާކޮށް ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މެދުއިރުމަތީގެ ގައުމުތަކުން އެގޮތަށް އަމަލުކުރަން ފެށުމުން އިންޑިއާއިން ދަތުރުކުރާ މީހުނަށް އިރުތު ގައުމަކަށް އެތެރެވެ، 14 ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ހޭދަކުރުމަށް މަޖުބޫރުވިއެވެ.
މިހާއެކު ހަމައެކަނި ކަރަންޓީނު ވެލުމަށް ރާއްޖެއަށް އަންނަ އިންޑިއާ އާއި ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ މީހުން އިތުރުވެ، ރާއްޖޭގައި ވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުން ހާހުން ދެހާހުން އިތުރުވާން ފެށިއެވެ. އަދި ސައުތު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވެ، ރާއްޖޭގައި ކޯވިޑުގެ 2 ވަނަ ރާޅެއް އުފެދުނެވެ. ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަނޭޝަލަން އެއަރޕޯތުގައި މަސައްކަތްކުރާ ބައެއް މީހުންވެސް ނަން ހާމަކުރަން ނޭދި މި މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އެގޮތުން އެހެން ގައުމަކަށް ދިއުމަށް ހަމައެކަނި ކަރަންޓީނުވެލުމަށް އަންނަ މީހުން ގިނަ އަދަދަކަށް އެދުވަސްވަރު ރާއްޖެ އައިކަން އެމީހުން ޚަބަރު އޮންލައިނާ ވާހަކަދެއްކި ބައެއް މީހުން ކަށަވަރުކޮށްދީފައި ވެއެވެ.
ރާއްޖޭގައި ކޯވިޑުގެ ހާލަތު ރަނގަޅުވެ އޭޝިއާގެ ގައުމުތަކުން އަންނަ މީހުނަށް ޝަރުތުތަކަކާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އަނެއްކާވެސް މިވަނީ ގިނަ ކަންތައްތަކެއް ފެންމަތިވާން ފަށާފައެވެ. އެއްކަމަކީ އޮޅުވާލައިގެން ވަގު ބުކިންތަކުގައި މީހުން ރާއްޖެއަށް އެތެރެކުރުމުގެ މައްސަލައެވެ. އަނެއް ކަމަކީ ހަމައެކަނި ކަރަންޓީނު ވެލުމަށް ރާއްޖެއަންނަ މީހުންގެ މައްސަލައެވެ.
ނަތީޖާއެއްގެ ގޮތުން މިއީ ރާއްޖޭގައި ހިނގަމުންއަންނަ ކަމެއްކަމަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާވެސް މިވާނީ ހާމަކުރައްވާފައެވެ. ކޯވިޑްގެ ކަރަންޓީނު ސްޕޮޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ރާއްޖެ ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެފަދަކަންކަން ހުއްޓުވުމުގެ މަސައްކަތް ފައްޓަވާފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެވަނީ ވިދާޅުވެފައެވެ.
އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާކަން ކަށަވަރުކުރުމުގެ ގޮތުން އިއްޔެއިން ފެށިގެން އެތަންތަނުގެ އިސްޕެކްޝަން ފަށާފައި ވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އަމަލުކުރާނަމަ އަނެއްކާވެސް ކޯވިޑްގެ ދަތިހާލަތު އަނބުރާ ރުޖޫއަ ވެދާނެތީ، އެގޮތަށް ވުމުގެ ފުރުޞަތު ނުދިނުމަށް އެދިވަޑައިގަންނަވާފައެވެ.
ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ބަލި ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ދެން އެންމެން އެކުގައި މަސައްކަތްކުރަންވީ އިތުރަށް ފަހަތަށް ނުގޮސް މި ލިބުނު ކާމިޔާބީގައި ހިފެހެއްޓުމަށް ކަމުގައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2020ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަނދާޒާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ 10 ބިލިއަން ރުފިޔާގެ އާމްދަނީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ އުނިކަން ފޫބެއްދުމަށް ސަރުކާރުން ގިނަ ލޯނުތަކެއް ނަގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އަލުން ކޯވިޑް ފެތުރުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެންކަން ފާހަގަކުރައްވައި ޚާއްޞަކޮށް ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން މިކަމުގައި އިތުރު ސަމާލުކަމެއްދީގެން މަސައްކަތް ކޮށްދެއްވުމަށް އެ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ވާގޮތުން ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެން ރަށްރަށުގައި ފަތުރުވެރިންނަށް ޗުއްޓީހޭދަކުރަން ތިބެވޭނީ ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައި ވާ މީހުނަސް އެކަންޏެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ތިބެވޭނީ ގެސްޓްހައުސް ހުރި ރަށުގެ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ކަމަށް އެ އެޖެންސީން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބުނެފައެވެ.
ރަނގަޅެވެ! އިޤްތިޞާދު ކޮޅަށް ޖަހައި ގައުމުގެ ހާލަތު ބަދަލުކުރުން ކިތަންމެހާވެސް މުހިންމެވެ. އެ މަސައްކަތުގައި ރާއްޖެއަށް އެންމެ މުހިންމީވެސް ފަތުފުވެރިކަން ފުޅާވެ ކުރިއަރައިގެން ދިޔަ ވަރެކެވެ. ފަތުރުވެރިން ރާއްޖެއަށް ގިނައިން ޒިޔާރަތްކުރި ވަރެކެވެ.
އެހެން ނަމަވެސް ރާއްޖެއަކީ ކޯވިޑު ކަރަންޓީނު ސްޕޮޓަކަށް ހަދައި، ރާއްޖޭގެ މަދު މީސްކޮޅު އަނެއްކާ އަނެއްފަހަރު ނުރައްކަލަށް ހުށަހެޅޭނެ ފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.