ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވޭނެ، ހައްޤު ހޯދަން މަސައްކަތްކުރާނަން: މަހުލޫފް

ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވޭނެ، ހައްޤު ހޯދަން މަސައްކަތްކުރާނަން: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2021 11:13
0

ޖިނާއީ ކުށެއް ސާބިތު ނުވާހާ ހިނދެއްގައި، އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ޤާނޫނުން ލިބިދޭ ކަމަށާއި، އެހައްގު ހޯދަން މަސައްކަތް ކުރާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއް އޭސީސީން ބަލަމުން ދާތީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެ ދެ ބޭފުޅުންނަށް ވާދަ ނުކުރެއްވޭނެ ކަމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

މިނިންމުމާއި ގުޅިގެން މަހުލޫފް ވިދާޅުވީ ޤާނޫނުން ލިބިދޭ ހައްގެއް ނިގުޅައި ނުގަނެވޭނެކަމަށެވެ. އޭނާއަކީ އެމްޑީޕީގެ ވަޒީރަކަށްވެ ހުރެ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޖާގަ ނުދިނުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށެވެ. އަދި އޭނާގެ ހައްގު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ/ މަޖިލިސް/ ކައުންސިލް އިންތިޚާބަށްވެސް ޝަރުތު ހަމަވޭ. ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފަ، ގައުމީ މަޖިލީހުގެ އިންތިޚާބުގަ ވާދަނުކުރެވުނީމަ ހަމައެއްނުޖެހޭ. ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ. މިހައްޤު ހޯދަން މަސައްކަތްކުރާނަން.

– މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެމްޑީޕީން އޭނާއާއިމެދު ނިންމާފައިވަނީ ޑިމޮކްރަސީއާއި ދިމާ އިދިކޮޅު ނިންމުމެއްކަމަށެވެ. އަދި މިހާރު މިހިނގާ ކަމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނައި ގުޅުންއޮތް ކަމެއް ނޫންކަމަށާއި، މިއީ ސިޔާސީ ގޮތުން ކުރެވޭ ކަމެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިއީ އެމްޑީޕީ އިން އަބަދު ވަކާލާތުކުރި، އިންތިޚާބުތަކުގަ ވާދަކުރުމުގެ ހައްޤާއި ދިމާ އިދިކޮޅު/ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް. MDPގެ ރައީސް، ނައިބު، ޗެއަރޕަރސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމެ. މިހިނގާ ކަންކަމަކީ MMPRC އާއިގުޅޭ ކަމެއްނޫން، މިއީ ސިޔާސީ ކަމެއް.

– މަހުލޫފް ވިދާޅުވިއެވެ.

އެމްޑީޕީން މަހްލޫފަށާއި އަކްރަމަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާފައިވާ ސިޓީގައި ވެއެވެ.

އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވާއިރު، އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މިހާރު ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ޕީޖީ އޮފީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.