އަފްއާނިސްތާނުގައި އުތުރުގައި އޮންނަ އެންމެ ބޮޑު އެއް ސިޓީ، އަދި އތުރު ސަރަހައްދުގައި އަފްއާނިސްތާން ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ހަމަ އެކަނި ސިޓީ ކަމުގައިވާ މަޒާރިޝަރީފް ތާލިބާނުންގެ ބާރުގެ ދަށަށް ގޮސް، އަފްއާނިސްތާން ސަރުކާރު ނޭވާ ހޮޅިޔަށް އެޅިއްޖެއެވެ.
އުތުރުގެ އެންމެ މުހިންމު ސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ދިއުމާއެކު، އަފްއާނިސްތާނުގެ މުޅި އުތުރު އެކީއެކަށް މިހާރުވަނީ ތާލިބާނުންގެ ބާރުދަށަށް ގޮސްފައެވެ.
އަފްއާނިސްތާންގެ 4ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ މަޒާރިޝަރީފް ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިމިވަނީ، އަފްއާނިސްތާންގެ ސަރުކާރާ، އަދި އެ ސިޓީގައި ޒަމާނުއްސުރެ ނުފޫޒުގަދަ އިތުރު ދެ ހަގުރާމަވެރި ޖަމާއަތަކުންވެސް އެ ސިޓީ ދިފާޢު ކުރާނެކަމަށް ބުނަމުން ގޮސްފައި ވަނިކޮށެވެ. މީގެ ތެރޭގައި އަފްއާނިސްތާނުގައި މަޝުހޫރި ހަގުރާމަވެރި ލީޑަރެއް ޖަމުގައިވާ އަބުދުއްރަޝީދު ދުޝްތުމްވެސް ހިމެނެއެވެ.
އޭނާއަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އޭނާ މިހާރުވަނީ ރައްކާތެރި ސަރަހައްދަކަށް ގޮސްފައި ކަމަށެވެ. އަދި މަޒާރިޝަރީފްގައި ހުންނާ އޭނާގެ ގެއަށް ތާލިބާން ހަގުރާމަވެރިން ވަދެގެން އުޅޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ވަނީ ފެނިފައެވެ.
މިސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ދިއުމާއި ގުޅިގެން، އަފްއާނިސްތާނުގައި މިހާރު އޮތް، ހުޅަގުން އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ ބާރުގައި ދަށުގައި މިހާރު އޮތީ، އެގައުމުގަ މެދުތެރޭގެ ބައެއް ސަރަހައްދުތަކާއި، އަދި އިތުމަތީގެ މަދު ސަރަހައްދުތަކެއް އެކަންޏެވެ. މީގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ ސިޓީ ކާބުލްއާއި އަދި ޖަލާލް އާބާދެވެ.
އެހެންނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ތާލިބާން ހަގުރާމަވެރިން މިހާރުވަނީ ޖަލާލް އާބާދުވެސް އެމީހުންގެ ބާރުގެދަށަށް ގެނެސްފައެވެ.
ބަލްޚް ޕްރޮވިންސްގެ ވެރިކަން ކުރާ ސިޓީ ކަމުގައުވާ މަޒާރިޝަރީފް ސިޓީގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ސިޓީ ތާލިބާނުންގެ ބާރުގެދަށަށް ގޮސްފައިވަނީ މާބޮޑު ހަގުރާމައެއް ކުރުމަކާ ނުލައެވެ.
ބަލްޚް ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްކަމުގައިވާ، އައްބާސް އިބްރާހުމްޒާދާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަޒާރިޝަރީފް ސިޓީގައި އެންމެ ފުރަތަމަ އަމާން ދީފައިވަނީ ސަރުކާރު ސިފައިން ކަމުގައެވެ. އަދި އެއަށްފަހު ސަރުކާރަށް ތާޢީދުކުރާ ހަގުރާމަވެރިންނާއިން އަދި ހަގުރާމަވެރި ޖަމާއަތަތްކުންވެސް އަމާން ދީފައިވާ ކަމުގައެވެ.
މަޒާރިޝަރީފް ސިޓީއަކީ އަފްއާނިސްތާނުގެ އިގްތިސާދީ މައި ހަބެއްގެ ގޮތުގައި ބެލެވޭ މުހިންމު ސިޓީއެކެވެ. އެސިޓީ އޮންނަނީ އުޒްބަކިސްތާނާއި ތަޖިކިސްތާން އިންވެގެންނެވެ. އެންމަފަހުން މިސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވަނީ 1990 ވަނަ އަހަރުއެވެ.
އަފްޢާނިސްތާނުގެ ވެރިކަން ކުރރާ ސިޓީ ކާބުލް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުންގެ ބާރުގެ ދަށަށް ދާނެކަމަށް ބަލާ، ހުޅަގުގެ ގައުމުތަކުން މިހާރުވަނީ ކާބުލްގައި ތިބު އެގައުމުތަކުގެ ޑިޕްލޮމެޓިކް މުވައްޒަފުންނާއި އަދި ރައްޔިތުންގެ އަފްޢާނިސްތާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި މިހާރު އަފްއާނިސްތާނުގައި ހިގަމުންދާ ހަގުރާމާގައި އަތައްހާސް ބަޔަކު ގެދޮރު ނެތިފައިވާއިރު، ރައްކާތެރިކަން ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ވެރިރަށް ކާބުލްއަށް ހިޖުރަ ކޮށްފައެވެ.