އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެކި ފަހަރު މަތީން އެކި ތުހުމަތުކޮށް، މިހާރުވެސް މަޤާމުން ސަސްޕެންޑަކޮށްފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދޮގުވާހަތަކެއްނަމަ އޭނާއާއިމެދު ސަރުކާރުން ފިޔަވަޅު އަޅަން ނުކެރެންވީ ސަބަބެއް ނެތްކަމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވިެއްޖެއެވެ.
މަހުލޫފްގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި، އެއްވެސް ހެއްކެއްނެތި ކޯޓަށް ހުށައަޅައިފިނަމަ، މިމައްސަލައިގަ ދައުލަތުން ހޭވި ހަޑި ހާމަވެ “އޮރިޔާން ވާނެ”ކަމުގެ އިންޒާރު މަހުލޫފްވަނީ ދެއްވާފައެވެ. އަދި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު އާއި ގުޅޭގޮތުން މުޅި ދައުލަތް އޮރިޔާން ވާވަރުގެ ހެކި އެބަހުރިކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
މަހުލޫފްގެ ވާހަތަކާއި ގުޅިގެން މިހާތަނަށްވެސް ސަރުކާރުން އެއްވެސް އެއްޗެސް ވިދާޅުނުވެ، ހަނު އޮންނާތީ ހުސެއިން ވިދާޅުވީ ދައުލަތުގެ ވަޒީރަކަށް ހުންނަވައިގެން މުޅި ދައުލަތް ފަލީހަތް ވެގެންދާ ވަރުގެ ކަންކަން ކުރަމުންދާއިރު ސަރުކާރު ފެންނަނީ ނިދާފައި އޮތް މަންޒަރުކަމަށެވެ. މިނިސްޓަރ މަހުލޫފް ދައްކަވާ ވާހަތަކަކީ ދޮގު ވާހަތަކެއްނަމަ އެމަނިކުފާނާއިމެދު މިހާރު ފިޔަވަޅު އަޅަންޖެހޭކަމަށް ހުސެއިން ވިދާޅުވިއެވެ.
ސަރުކާރުގެ މިނިސްޓަރަކަށް ހުންވައިގެން މިިނިވަން މުއައްސަސާތަކަށް މިވަރުގެ ތުހުމަތުތައް ކުރައްވާއިރުވެސް ސަރުކާރު ނިދާފަ. މިނިސްޓަރގެ ވާހަކަފުޅު ދޮގުނަމަ އެބޭފުޅާއަށް ފިޔަވަޅު އަޅުއްވާ.
– ހުސެއިން ވިދާޅުވިއެވެ.
ރޭ ކްލަބް ހައުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޚްލޫފް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާޢުގައި ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެސްއީޒެޑް ޤާނޫނު ފާސްކުރުމަށް ވޯޓު ދެއްވުމަށް ވަޑައިގަތީ މެލޭޝިއާގައި ހުންނެވުމަށްފަހުއެވެ. މަހުލޫފް ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ކުރިން އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުހައްމަދަށް ގުޅުއްވައި ވޯޓު ނެގުމަށް އޮތް ބިލެއް އޮތްތޯ ސާފުކުރެއްވިކަމަށެވެ. މަހުލޫފް ވިދާލުވީ މެލޭޝިއާއިން ރާއޖެ ވަޑައިގަތީ ބިޒްނަޒް ކްލާހުގައިކަމަށާއި، ޕާޓީން ލިބުހާވެސް އެއްޗަކީ ބިޒްނަސް ކްލާސް ޓިކެޓްކަމަށެވެ. އަދި ރާއްޖެ ވަޑައިގަތީ ދަރިފުޅައި އަނބިކަނބަލުންވެސް މެލޭޝިއާގައި ބަހައްޓާފައިކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ، އޭސީސީގެ ރައީސް މަރްޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުގެ ޗެޓްލޮގްތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. މަހުލޫފް ވިދާޅުވީ ޝަރީއަތަށް އޭނަގެ މައްސަލަ ގޮސްފިނަމަ އެ ވާހަކަތައް ހާމަކުރައްވާނެކަމަށާއި، އެއީ ދައުލަތް “އޮރިޔާން” ވާނެ ފަދަ ވަހަކަތަކެއްކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކުރެވަރުގެ މައްސަލައަކަށް ވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.