ތިންރަށެއްގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ކެނޑިޑޭޓެއް ކުރިމަތިނުލި

ތިންރަށެއްގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ކެނޑިޑޭޓެއް ކުރިމަތިނުލި

Author
މުޙައްމަދު ޖިމީ
14 އޮގަސްޓް 2021 01:23
0

ތިން ރަށެއްގައި ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ގަޑި ހަމަވިއިރުވެސް އެއްވެސް މީހަކު ކުރިމަތިލައްވާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ މަހުގެ 11 ގައި ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު މެންދުރު 13:00އާއި ހަމައަށެވެ.  އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ، ހދ. ނޭކުރެންދޫއާއި، ރ.މަޑުއްވަރީ އަދި ނ.ކެނދިކުޅުދޫއެވެ. ހދ.ނޭކުރެންދޫގައި އިންތިޚާބު ބާއްވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީއެވެ. އަދި ނ.ކެނދިކުޅުދޫއާއި ރ.މަޑުއްވަރީގައި އިންތިޚާބު ބާއްވަނީ ކޮމިޓިގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީއެވެ. މިއިން ކޮންމެ ރަށަކަށްވެސް އިންތިޚާބު ކުރަންޖެހެނީ އެންމެ މެންބަރެކެވެ.

ދައުލަތުގެ މީޑިއާއަށް އީސީން ބުނެފައިވަނީ، ތިން ރަށުގައި ބާއްވާ އިންތިޚާބަށް ވާދަކުރުމުގެ ފުރުޞަތު މިއަދު ހަމަވި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާކަމަށެވެ. ނޭކުރެންދޫއާއި، މަޑުއްވަރީ އަދި ކެނދިކުޅުދޫގައި އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11ގައެވެ. އެ ތިން ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުން ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށް ނިމޭނެކަމަށްވެސް އީސީން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 7 ވަނަ ދުވަހުވެސް 5 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.