ރާމޯސް އަށް އަނިޔާވެ އެއްމަހަށް ކުޅުމާއި ދުރަށް

ރާމޯސް އަށް އަނިޔާވެ އެއްމަހަށް ކުޅުމާއި ދުރަށް

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2021 12:21
0

ފްރާންސްގެ ޕީއެސްޖީ އާއި އަލަށް ގުޅުނު އިތުބާރު ޑިފެންޑަރ، އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އެއްމަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެޓީމުން ބުނެފިއެވެ.

ރާމޯސް މެޑްރިޑް ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ނިމިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް ފްރެންޗް ލީގުގައި ޕީއެސްޖީއާއި ޓްރޮޔެސް ބައްދަލުކުރި މެޗުން އޭނާ ނުފެނެއެވެ. ރިޕޯޓުތައް ބުނާގޮތުން މި މެޗުގައި އޭނާ ނުކުޅުނީ އަނިޔާގެ މައްސަލަ ހުރެގެންނެވެ. ރާމޮސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ވަނީ ފަރުވާ ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން ރާމޯސް އަށް ލިބުނު އަނިޔާ ބޮޑެވެ.

ރާމޯސް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހުނީ އޭނާ ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާ އަކާ ގުޅިގެންނެވެ. މިދިޔަ މޭ މަހުން ފެށިގެން އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާތަކަށް އަދި ރަނގަޅު ފަރުވާ ހޯދިފައެއް ނުވެއެވެ. މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހުމުން މިހިނގާ އޯގަސްޓް މަހުގައި ޕީއެސްޖީ ކުޅޭ އެއްވެސް މެޗަކުން ރާމޯސް ނުފެންނާނެއެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަސް ފެށޭ ކޮޅުގައި ސްވިޑެން، ޖޯޖިއާ އަދި ކޮސޯވޯ އާއި ސްޕެއިން ބައްދަލުކުރާ މެޗު ތަކުގައިވެސް ރާމޯސް އަށް ބައިވެރި ނުވެވޭނެއެވެ.

ރިއާލްގެ އެންމެ ކާމިޔާބު އެއް ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އެކްލަަބަށް 101 ގޯލް ޖަހައިދީފައެވެ. ހުސްއަތާ މިއަހަރުގެ ސީޒަން ރިއަލް މެޑްރިޑް ނިންލާފައިވާއިރު އެޓީމުގެ އެންމެ ކާމިޔާބު އެއް ކޯޗް ޒައިނުއްދީން ޒިދާންވެސް ވަނީ ރިއާލް ދޫކޮށް ގޮސްފައެވެ. ރިއާލްގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ އެވަޓަންގެ ކުރީގެ ކޯޗް ކާލޯ އެންޗޮލޮޓީއެވެ. އެންޗޮލޮޓީ ވަނީ މީގެ ކުރިންވެސް ރިއާލަށް ކޯޗް ކޮށްދީފައެވެ.

ފޯވާޑުން އެންމެ ބިރު ގަންނަ އެއް ޑިފެންޑަރުކަމަށްވާ ސާޖިއޯ ރާމޯސްއަކީ ވަރަށް ޖެހިލުން ކުޑަ ކުޅުންތެރިއެކެވެ. ރާމޯސް ވަނީ އޭނާގެ ގައުމް ސްޕެއިންއާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވަނީ ކާމިޔާބުކޮށްފައެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ރާމޯސްއަށް ޖާގަ ގެއްލުނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.