ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިހުރިތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިހާތަނަށް 10 އޮފީހެއް ބަލައިފިއެވެ.
އެޗްޕީއޭއާއި ފުލުހުން ގުޅިގެން މިއަދު ފެށި މި އިންސްޕެކްޝަންގައި ބަލަމުންދަނީ، އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތަށް ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި މަސައްކަތުގެ މާހައުލުގައި ގައިދުރުކަން ބަހައްޓަމުންދާ މިންވަރާއި، މާސްކު ބޭނުންކުރުމާއި، ތަނުގެ ސާފުތާހިރުކަން ހުރި މިންވަފަދަ ކަންކަން ފުރިހަމަކޮށްފައިހުރި މިންވަރެވެ. މި އިންސްޕެކްޝަނާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ގިނަ އޮފީސްތަކުގައި ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރިނަމަވެސް ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަންކަން އިސްލާހުކުރުމަށް އަންގާފައިވާކަމަށެވެ.
"މިހާތަނަށް 10 އޮފީސްވަނީ ބަލާފައި. ބައެއް ކަންކަން ފާހަގަވި، މީޓިންގް ރޫމްގައި ހުންނަންޖެހޭ ޑިސްޓެންސް ނެތުމާއި، ސާފުކުރުމުގެ ޝެޑިއުލެއް ނެތުމާއި އަދި މަދުން ފާހަގަވި މާސްކު ނާޅާ މައްސަލަވެސް." ޑރ ނަޒްލާ ވިދާޅިވިއެވެ.
އޮފީސް މާހައުލުގައި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގައިޑްލައިންގައިވާގޮތުން އެ ގައިޑްލައިންއާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިއރަށް އެ އޮފީހެއް ބަންދުކުރާނެއެވެ. އަދި އުސޫލާ ޚިލާފުވާ ދެވަނަ ފަހަރު 3 ދުވަހަށް ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ތިން ވަނަ ފަހަރު 5 ދުވަހަށް ތަން ބަންދުކޮށް 1000ރުފިޔައިން ޖޫރިމަނާކުރާނެއެވެ.
ކޮމެންޓު ފޮނުވާ