6 މޭގަ ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އެމަނިކްފާނަށް ފޯރުކޮށްދޭނެޖެހޭ ސެކިއުރީޓި ދޭންވާގޮތަށް ނުދެވިގެން ހިގައިދިޔަ ހަމަލާއެއް ކަމަށާއި، ޕާޓީގެ ވަރަށް ގިނަ މެމްބަރުން ސީދާ ޕާޓީން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދޭން ބޭނުންވާ ކަމުގައި ވިލިފުށީ ދާއިރާގެ މެމްބަރު ހަސްނަ އަފީފު ވިދާޅު ވެއްޖެއެވެ.
ހަސަން އަފީފު ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ލިބިދޭންޖެހޭ ސެކިއުރިޓީ ފުރިހަމަޔަށް ލިބޭނެކަމުގެ ޔަގީންކަމެއް އޮތްކަމެއް އަދި ޔަގީންވެފައި ނުވާ ކަމަށާއި، ސެކިއުރީ ދޭން ތިއްބެވި ފަރާތްތަކުން ކުރިޔަށް އޮތްތަނުގައި ގެންނަން ބޭނުންވާ ބަދަލުތަކެއް ވިދާޅުވެ ދެއްވާފައި ނުވާކަމަށެވެ. އެހެންނަމަވެސް، ހަސަަން އަފީފު ވިދާޅުވީ، ރައީސް ނަޝީދާއި އެމައުލުމާތު ހިއްސާ ކުރައްވާފައި އޮވެދަނެ ކަމަށާއި، އަދި އެމަނިކްފާނު ރާއްޖެ ވަޑައިގަންނަވާނީ އިތުބާރުހުރި ގޮތެއްގައި ސެކިއުރިޓީގެ ކަންކަން ހަމަޖެހިގެން ދިޔައިމަ ކަމަށެވެ.
ހަމަ އެއާއެކު އަފީފު ވިދާޅުވީ އޭގެ އިތުރަށް ޕާޓީގެ ވަރަށްގިނަ މެމްބަރުން، ސީދާ ޕާޓީން ރައީސް ނަޝީދަށް ހިމާޔަތްދޭން ބޭނުންވާކަމަށެވެ.
ސަންގުޓީވީގައި ގެނެސްދިން ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން އަފީފު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުވި ޓެރަރިސްޓް ހަމަލާއަކީ ސެކިއުރިޓީ ފެއިލްވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ދެވުނު ހަމަލާއެއްކަން މަޖިލީހުން ތައްޔާރުކޮށްފައިވާ އިންކުއަރީ ރިޕޯޓުން ވަރަށް ރަގަލަށް ސާފުވެގެން ގޮސްފައިވާ ކަމުގައެވެ.
އަފީފް ވިދާޅުވީ، މިހަމަލާގަ ސެކިއުރިޓީ ފޯރުކޮށްދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި، ރައީސް ނަޝިދުއަކީ އެންމެ ކުރިޓިކަލް ބޭފުޅާ ކަމަށްވާއިރު، އެމްނިކްފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ކަންކަން ހަމަޖައްސާފައިވަނީ، އެންމެ ކުރިޓިކަލް ބޭފުޅާއަށް ސެކިއުރިޓީ ފޯރުކޮށް ދިނުމުގައި ކަންކަން ހަމަޖައްސަންޖެހޭ ގޮތަށް ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
މިގޮތުން އަފީފު ވިދާޅުވެފައިވަނީ، ކެނެރީގޭ ގޯޅިތެރޭގައި ހުރި އުޅަދުތައް ނަގަން ޑިފެންސް މިނިސްޓްރީން ސިޓީ ކައުންސިލަށް އެންގިކަން އެގެން އެބަ އޮތްކަމަށާއި، އެހެންނަމަވެސް އެންމެ ކުރިޓިކަލް ބޭފުޅާ ދިރިއުޅުއްވި ގެ ހުންނަ ގޯޅި ތެރޭގައި ހުރި އުޅަދުތައް ޗެކް ކުރެވޭނެ ގޮތެއްވެސް އޮންނަންވާނެ ކަމަށާއި، އެފަދަ އެކުއިޕްމަންޓް އެމްއެންޑީއެފްގައި ހުންނާނެކަމަށެވެ. މިގޮތުން ބޮން ގޮއްވާލާފައިވަނީ ރިމޯޓު ބޭނުން ކޮށްގެން ކަމަށާއި، އެ ރިމޯޓު ބޭން ނުކުރެވޭ ގޮތް ހަދަން އެތަނުގައި ޖޭމަރެއްވެސް އޮންނަން ޖެހޭނެ ކަމަށެވެ.
ކުރިޓކަލް ލެވެލަކީ ހަމައެކަނި ކުރިޓިކަލް ލެވެލްއޭބުނެ ކަރުދާހުގައި ލިޔުމެއް ނޫންކަމުގައި ވިދާޅުވަމުން، އަފީފު ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ދިއުޅުއްވި ގެ ކައިރީގައި ބަޔަކު ފާރަލާކަން އެގިހުރެ، ފާރަލާތޯވެސް ބެލިފައި ނެތްކަމަށެވެ. އަދި އެރޭ ހިންގަވާފަ ވަޑައިގެންނެވި އަރިހުގައިވެސް ތިއްބެވީ އެންމެ ދެ ބޭފުޅުންކަމަށާއި، އަރިހުގައ ހިއުމަން ޝީލްޑެއްވެސް ނެތްކަމަށް ވިދާޅުވެ، އަފީފްވަނީ ރައީސް ނަޝީދަށް ފޯރުކޮށްދީފައިވާ ސެކިއުރިޓީއަކީ އެކަށިގެންވާ ސެކިއުރިޓީއެއް ނޫންކަމަށް ވިދާޅުވެ ވަރަށްބޮދަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިން ފަރާތްތަކަށް އަފީފު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ފަހަކަށް އައިސް އަފީފު ގެންދަވަނީ ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގައި އެޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، ހަސަން އަފީފު ފާހަގަވަނީ، ރައީސް ނަޝީދަށް ނިސްބަތްވާ ފެކްޝަނުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ