މިފަހަރު ޖަޕާންގެ ޓޯކިޔޯގައި ބޭއްވުނު އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި، ސައުދީ އަރަބިއާ ތަމްސީލުކުރި ކަރާޓެ ކުޅުންތެރިޔާ ތަރެކް ހަމްދީއަށް އިނާމެއްގެ ގޮތުގައި 1.3 އެމެރިކާ ޑޮލަރު (5 މިލިއަން ސައުދީ ރިޔާލް) ދިނުމަށް ހަމަޖެހިފައިވާ ކަން، ސައުދީ އަރަބިއާގެ ކުޅިވަރާބެހޭ ވަޒީރު އަދި އެގައުމުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޕްރިންސް އަބުދުލް އަޒީޒު ބިން ތުރުކި އަލް-ފައިސަލް އިއުލާން ކުރައްވައިފިއެވެ.
ހަމްދީ އޮލިމްޕިކްސް މުބާރާތުން ރިހި މެޑަލާއެކީ ގައުމަށް އަންނަން ޖެހުނީ ފިރިހެނުންގެ 75 ކިލޯގްރާމުން މަތީ ކެޓަގަރީގެ ފައިނަލްގައި ވާދަކުރަމުން ދަނިކޮށް އޭނާ ހޫރާލި ފައި، އިދިކޮޅު ކުޅުންތެރިޔާގެ ކަރަށް އަމާޒުވެ އޭނާ ހޭނެތި ވެއްޓުމާއި ގުޅިގެން ހަމްދީ މެޗުން ޑިސްކުއަލިފައި ކުރުމާއި ގުޅިގެންނެވެ. ހަމްދީ ހޫރާލި ފައި، އޭނާއާއި ވާދަކުރަމުންދިޔަ އިރާނުގެ އެތުލީޓް ސަޖަދު ގަންޒާދޭގެ ކަަރަށް އަމާޒުވިއިރު، ހަމްދީ ވަނީ އެ މެޗުގައި ޕޮއިންޓުގެ ގޮތުން އެހާތަނަށް ކުރި ހޯދާފައެވެ. ހަމްދީ ހޫރާލި ފައި ސަޖަދު ގަންޒާދޭގެ ކަރަށް އަމާޒުވެ، ވެއްޓި އޭނާ ހަރަކާތް ހުއްޓިފައި އޮވެ، ޖެހުނީ ސްޓްރެޗަރގައި އެރީނާއިން ބޭރަށް ގެންދާށެވެ.
ގަންޒާދޭގެ ކަރަށް އެރި މި އެތިފަހަރު، އޮފިޝަލުން ރަގަޅަށް ބަލާ ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ، ގަންޒާދޭގެ އަށް ރަން މެޑަލް ދިނުމަށެވެ. ސަބަބަކީ، ހަމްދީގެ މި ހަރަކާތަކީ މި ކުޅިވަރުގެ ގަވާއިދާ ޚިލާފު ހަރާތެއްކަމަށް އޮފިޝަލުންނަށް ފެނުމުގެ ސަބަބުންނެވެ.
"އަހަރެމެން އެންމެންވެސް ދެކެނީ އޭނާއަކީ ބަތަލެއް ކަމަށް، އެހެންކަމުން އަހަރެމެންގެ އޮލިމްޕިކްސް ޗެމްޕިއަން ތަރެކް ހަމްދީއަށް އިނާމެއްގެ ގޮތުން ރަން މެޑަލްއެއް އެރުވުމުގެ އިތުރުން އޭނާ ދެއްކި ކުޅަދާކަމާއި، އުފެއްދުންތެރިކަމާއި، އަދި ޓޯކިޔޯ 2020ގައި މުޅި ދުނިޔޭގެ ކުރިމަތީގައި ނުހަނު ޝަރަފްވެރިކަމާއެކީ އެނާ ގައުމު ތަމްސީލް ކޮށްދީފައިވާތީ އިނާމެއްގެ ގޮތުން 5 މިލިއަން ރިޔާލްވެސް ދިނުމަށް ވަނީ ހަމަޖެހިފައި،" ޕްރިންސް އަބުދުލް އަޒީޒް ވިދާޅުވިއެވެ.
"މިއީ އޭނާއަށް ހައްގު އިނާމެއް، ތިޔައީ ބަތަލެއް، އިރާދަ ކުރެއްވިއްޔާ މުސްތަގުބަލް އޮތީ ކުރިޔަށް،" ޕްރިންސް ޓުވީޓް ކުރައްވާފައި ވެއެވެ.