އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ގޯތިތަކެއް ނެގުމުގެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރެއް

އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ގޯތިތަކެއް ނެގުމުގެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރެއް

Author
ޢަލީ އާދަމް
08 އޮގަސްޓް 2021 06:06
0

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި އާއްމުންގެ ގޯތިތަކެއް ބަދަލުދޭގޮތަށް ސިޓީކައުންސިލަށް ނެގުމަށް ކުރާމަސައްކަތް ވަގުތީގޮތުން މެދުކަނޑާލުމަށް އައްޑޫސިޓީ ކައުންސިލްގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ކޯޓުން މިއަމުރު ނެރެފައިވަނީ ގޯތިތައް ކައުންސިލަށް ނެގުމުގެ މައްސަލައިގައި ހަތް ފަރާތްތަކުން ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އަޑު އެހުމެއްގައެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މައްސަލައިގައި ޝަރީއަތުން ހުކުމް ކުރުމާއި ހަމައަށް، އިދާރީގޮތުންވެސް އަދި އެއްވެސް ގޮތަކަށް ގޯތީގެ ވެރިފަރާތްތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އައްޑޫ ސިޓީ ކައުންސިލުން އަމަލުނުކުރުމަށް އެފަރާތުގެ މައްޗަށް ވަގުތީ އަމުރު ނެރެފައެވެ.

ކައުންސިލުން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ސަރަހައްދުން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކަށް ސިޓީ ފޮނުވައި އެ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކުރަން އަންގާފައެވެ. އަދި ގޯތިތަށް ނަގަނީ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ބިންތައް ކުއްޔަށް ދޫކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށް ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަދަލުގައި ދޭ ގޯތިތަކާއި ރައްޔިތުން ހަވާލުވުމަށް އަންގާފައެވެ. އަދި ހަވާލު ނުވާ ރައްޔިތުން ގޮވައިގެން ކޯޓަށް ދާނެ ކަމަށް ބުނެ އިންޒާރު ވެސް ވަނީ ދީފައެވެ.

އޭއީއެޗްގެ ވަށައިގެން ހުރި ބިންތަކުން ދޫކޮށްފައިވާ 44 ގޯތި ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކުރާ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.