ކޯވިޑް ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމްކުރާ ދެވަނަ މެޑިކަލް ފެސިލީޓީގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ނިނޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި އެވެ.
ކޯވިޑް ބަލިމީހުންނަށް ހާއްސަ ދެވަނަ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ރާއްޖޭގައި ކޯވިޑް ކޭސްތައް ގިނަވެ އެ ބަލީގައި ފަރުވާ ދޭން ޖެހޭ މީހުން އިތުރުވާންފެށުމުންނެވެ. ނަމަވެސް މިހާރު ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދަށްވެ މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގައި މިހާރު ހިދުމަތްދޭ ކޯވިޑް ފެސިލިޓީގައި އެއްވެސް ބަލިމީހެއްނެތް ދުވަސްތަކެއްވެސް ދިޔައެވެ.
އޮރެންޖް ހިޔާގެ ނަމުގައި ހުޅުމާލޭގައި 2 ވަނަ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި ބަދަލުކުރަނީ ކުރީގައި ޑިސްޓްރިބިއުޝަން ސެންޓަރގެ ގޮތުގައި ބޭނުންކުރި އިމާރާތެވެ.
މި ފެސިލިޓީގެ މަަސައްކަތުގެ 41 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
Project progress update for the new Medical Facility: This site, previously a distribution centre, is being converted into a COVID-19 medical facility in order to provide better care for patients who test positive for the virus and to increase the number of beds available. pic.twitter.com/GXDXBCSCe6
— HDC (@hdcmaldives) August 5, 2021
270 އެނދުގެ ޖާގައިގެ މި ފެސިލިޓީ ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ކޯވިޑް-19 ގެ އިތުރު ރާޅެއް ކުރިމަތިވެއްޖެ ހިނދެއްގައި އިތުރު ފަރުވާ ދިނުމަށް ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 78،130 އަށް އަރާފައި ވާއިރު، މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،543 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 24 މީހުންނަށެވެ.