މީޑިއާ ޒިންމާދާރު ކުރުވުމުގައި މުވައްސަސާތައް ފެއިލްވެގެން ދާކަމުގެ ޝަކުވާއަކީ އޭރުވެސް، މިހާރުވެސް ކުރެވެމުންދާ ޝަކުވާއެއް

މީޑިއާ ޒިންމާދާރު ކުރުވޭނީ މުވައްސަސާތަކުގައި ދަތް ހުރެގެން! ހަރުދަނާ ވެގެން!

މީޑިއާ ޒިންމާދާރު ކުރުވޭނީ މުވައްސަސާތަކުގައި ދަތް ހުރެގެން! ހަރުދަނާ ވެގެން!

މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާއަކީ، އެޑިމޮކްރަސީގެ 4 ވަނަ ބާރެވެ. މާނައަކީ، ޑިމޮކްރަސީގެ 4 ވަނަ ބާރުގެ މަގާމް މިނިވަން މީޑިއާއަކުން އަދާ ކުރުމަށްޓަކާ ޑީމޮކްރަސީގެ ބާރު ހިގާ، މީޑިއާ ޒިންމާ ދާރުކުރުވޭނެ މުވައްސަސާތަކެއް ޑިމޮކްރަޓިކް ނިޒާމުގެ ތެރޭގައި އޮންނަން އެބަ ޖެހެއެވެ.

މިއުސޫލުން ހިނގާ މީޑިއާތައް ވެގެންދާން ޖެހެނީ، ގާނޫނު އަސާސީން ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީގެން، ޒިންމާދާރު ކުރުވިގެން، ސަރުކާރާއި ދައުލަތް ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތުވެސް އުފުލާ މީޑީއާތަކަކަށެވެ.

މިގޮތުން، ގާނޫނު އަސާސީގެ 2ވަނަ ބާބުގެ ގޮތުގައި ޚާއްސަވެފައި އޮތް، އަސާސީ ހައްގުތަކުގެ ބާބުންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވެން އޮތް އެއް މިނިވަންކަމަކީ ދުލާއި ގަލަމުގެ މިނިވަންކަމެވެ. މިއީ މިނިވަން މީޑިއާ އެ ދެމުހިންމު ވަސީލަތެއްގެ މައްޗަށް ބިނާވެގެން އަންނަ ދެވަސީލަތްވެސްމެއެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް ގާނޫނު އަސާސީގައި، މީޑިއާގެ މިނިވަންކަން ލިބިދީފައިވަނީ، ގާނޫނު އަސާސީގެ 2 ވަނަ ބާބުގެ ތިން މާއްދާއަކުންނެވެ. އެއީ ޖެހިޖެހިގެން އޮތް 27، 28 އަދި 29 ވަނަ މާއްދާއެވެ.

މި މާއްދާތަކުގައި މީޑީއާގެ މިނިވަންކަން ބަޔާން ކޮށްފައި ވަނީ ތިރީގައި މިވާ ފަދައިންނެވެ.

ގާނޫނު އަސާސޯގެ 27 ވަނަ މާއްދާ (ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން): މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތުން ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާ (ނޫސްވެރިކަމުގެ މިނިވަންކަން): ނޫސްވެރިކަން ކުރުމާއި، މުއަޞަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެނެއް ނުވާނެއެެވެ.

ގާނުނު އަސާސީގެ 29ވަނަ މާއްދާ (މަޢުލޫމާތު ހޯދުމާއު މަޢުލޫމާތު ދިނުމުގެ މިނިވަންކަން): އެނގެނުމާއި އުނގަންނައި ދިނުމާއި، މަޢޫލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: އާގާނޫނު އަސާސީންވަނީ ގިނަގުނަ އަސާސީ ހައްގުތަކެއް ލިބިދީފައި

2008ވަނަ އަހަރު އެކަށައެޅުނު ގާނޫނު އަސާސީގައި، އިސްވެ ދެންނެވެނު 3 މާއްދާއިން ނޫސްވެރިކަމަށް ނުވަތަ މީޑިއާއަށް މިނިވަންކަން ލިބިދީ އަދި އެމިނިވަންކަން ރައްކާތެރި ކޮށްދީފައިވަނީވެސް ނުހަނު ފުރިހަމަ ކޮށެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ ކޮންމެ މިނިވަންކަމަކީވެސް، ނުވަތަ ކޮންމެ މަސްއޫލިއްޔަތަކީވެސް އެމިނިވަންކަމެއް ނުވަތަ މަސްއޫލިއްޔަތަކާ އެކީ ޒިންމާތަކެއްވެސް އެކުލެވިގެންވާ ކަންކަން ކަމެވެ. އަދި މީޑީއާތަކަށް މިނިވަންކަން ލިބިދީފައިވަނީވެސް، ލިބިދީފައިވާ މިނިވަންކަމުގެ ހުދޫދުން ބޭރުވޭތޯ ފާރަވެރި ވުމަށްޓަކާ އުފައްދާފައިވާ މުވައްސަސާތަކުން އަދާކުރާނެ މަސްއޫލިއްޔަތުތައްވެސް ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކުރުމާވެސް އެކީއެވެ.

 

މީޑިއާ ކައުންސިލާ ބްރޯޑްކާސްޓިންގ ކޮމިޝަން

ފެހި ގާނުނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު ހަދިޔާއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ އެގާނޫނު އަސާސީން ފޯރުކޮށްދިން އަސާސީ ހައްގުތަކެވެ.

އެހެންނަމަވެސް، މި އަސާސީ ހައްތުތަކުގެ ތެރެއިން ލިބިދީފައިވާ އެއްވެސް މިނިވަން ކަމަކީ، މުތުލަގަށް ގާނޫނު އަސާީގައި ލިބިދީފައިވާ މިނިވަން ކަމެއް، ނުވަތަ ހައްގުތަކެއް ނޫންކަން ފާހަގަ ކޮށްލަން ޖެހެއެވެ. މާނައަކީ، ނޫސްވެރިކަމާއި، މީޑިއާގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވަނީ، ފުރިހަމަ ޑިމޮކްރަސީތަކުގައި އެމިނިވަންކަން ލިބި ދީފައި އޮންނަ އުސޫލަށް ބިނާކޮށް، އިސްލާމް ދީނުގެ އެއްވެސް އަސާސަކާއި ޚިލާފް ނުވާނޭ މިންގަޑުން، އަނެކުންގެ ހައްގުތަކަށްވެސް ހުރުމަތްތެރިކޮށް ހިތުމަށް ލާޒިމް ކޮށްގެންނެވެ.

އަދި، މިއުސޫލުތައް ތަންފީޒުކުރާނޭ މުވައްސަސާތަކެއްވެސް ގާނޫނު އަސާސީން ވުޖޫދު ކޮށްފައިވެއެވެ. މިގޮތުން މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށްޓަކާ އުފައްދާފައިވާ މުހިންމު ދެ މުވައްސަސާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލެވެ.

ބޮރޯޑް ކާސްޓިންގ ކޮމިޝަން ބޮޑަށް ވިޝުއަލް މީޑިއާ ރެގިއުލޭޓް ކުރުމަށް ޚާއްސަ ވެފައިވާއިރި، މީޑިއާ ކައުންސިލް ޚާއްސަވެފައިވަނީ، ޕްރިންޓް މީޑިއާ ނުވަތަ އޮންލައިން މީޑިއާ ރެގިއުލޭޓް ކުރުމަށެވެ. އެހެންނަމަވެސް، މި ދެވަސީލަތަށް ދެމުވައްސަސާ ޚާއްސަވެގެން ދިޔަނަމަވެސް، ހަގީގަތުގައި ދެމުވައްސަސާގެ މަސައްކަތްތަކުގައި އެތަކެއް ފުށުއެރުންތަކެއް ހުރިކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮންމެއަކަސް، ޖުމްލަކޮށް ދިވެހިރާއްޖޭގެ މުޅި މީޑިއާ ރެގިއުލޭޓް ކުރުމަށް މުވައްސަސާތަކެއް ޚާއްސަ ކުރެވިފައިވާއިރު، ގިނަ ބަޔަކު މެދުކެނޑެމެއްނެތި ކުރަމުންދާ އެއް ސުވާލަކީ ނުވަތަ ޝަކުވާއަކީ، ދައުލަތުން ޚަރަދު ކޮށްގެން ހިންގާ ދެ މުވައްސަސާއެއް، އެއް މަގުސަދެއްގައި އުފެދިވާއިރުވެސް، މު މުވައްސަސާތަކަށް މީޑިއާތައް ޒިންމާދާރު ކުރެވެނީ ކިހާވަރަކަށްތޯ އެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓު ލަނީ: މީޑިއާ ކައުންސިލުން މީޑިއާ ޒިންމާދާރު ކުރުމުގެ މުހިންމަ މަސްއޫލިއްޔަތު އުފުލަން ޖެހޭ

މީގެތެރޭގައި މީޑީއާތައް ވުޖޫދުވެގެން އައުމާއި، ވުޖޫދުވެގެން އައުމަށްފަހު މީޑިޔާތަކުގައި ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އަދި އެފަރާތްތަކުން ކުރާ މަސައްކަތްތައް، ނުވަތަ ކޮންޓެންޓް މެނޭޖްކުރަމުންދާ މިންވަރާއި ގޮތްތައް މުވައްސަސާތަކަށް ބެލެހެއްޓެނީ ކިހާވަރަކަށްތޯވެސް މިއީ، މިއަދުވެސް ގިނަބައެއްގެ މެދުކެޑުމެއް ނެތް ޝަކުވާއެކެވެ.

މިއަދު ދިވެހިރާއްޖޭގައި އޮންލައިން މީޑިއާތައް އިންތިހާއަށް ގިނައިން އުފެދިފައިވާއިރު، ފުރަތަމަ ކަމަކަށް، ޑޮމެއިންއެއް ގަނެލައިގެން ހިންގަމުންދާ އޮންލައިން މީޑިއާތަކަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތަކެއްތޯވެސް މިއަދު ކަށަވަރު ކުރެވިފައެއް ނުވެއެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެއްކަން ކަށަވަރުވެ ޔަގީންވަނީ، ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް، މީޑިއާތަކުގެ ނަމުގައި އާންމު ލިޔުންތައް ޝާޢިއުކުރަމުންދާ އެތަކެއް ނޫސްތަކެއް މިއަދުވެސް ފެންނާން ހުރީތީއެވެ. މީގެތެރޭގައިވެސް ގިނައީ އަނެކުންގެ އަބުރަށް އަރައިގަންނަ ޚަބަރުތަކާއި އާންމު މައުލޫމާތުތަށް ޝާއިއު ކުރަމުންދާ މީޑިއާތަކެވެ.

ހަމަ އެފަދައިން، މީޑިއާގެ ދާއިރާގައި މިއަދު އެންމެ އާންމު ވެފައިވާ އެއް އުސޫލަކީ، ބޮޑެތި ސްޕޮންސާތައް ނަގާ، ދުވާލަކަށް ތިން ހަތަރު ޚަބަރު ޝާއިއުކޮށްގެން މީޑިއާގެ ނަމުގައި އޮންލައިން ނޫސްތައް ހިންގަމުން ދިއުމެވެ. އަދި މިގޮތުންވެސް ޝާޢިއުކުރާ ޚަބަރުތަކުގެ ކޮންޓެޓަކީ، ރަގަޅަށް ހިނގާ، މައުލޫމާތު ހޯދައިގެން ޚަބަރު ޝާޢިއުކުރާ ނޫސްތަކުން ނަކަލް ކޮށްގެން ޝާއިއުކޮށްފައި ހުންނަ ޚަބަރުތަކާއި މައުލޫމާތުތައް ކަމުގައި ވެގެންދަނީވެސް މަދު ފަހަރަކުއެއް ނޫނެވެ.

ހަމަ މިއުސޫލުން، ނޫސްވެރިން އެކްރެޑިޓް ކުރެވޭނެ އުސޫލެއް އަދިވެސް ނެތްއިރު، މީޑިއާއެއްގެ ގޮތުގައި ނުވަތަ ނޫސްވެރިކަމުގެ ގޮތުގައި ބަލައިގަނެވޭނެ ވަކި އުސޫލެއް، ހަމައެއް، ލިޔެވި ބަޔާންކުރެވި ވާކަމެއް، ނުވަތަ އެފަދަ އުސޫލަކަށް މީޑިއާ ކައުންސިލުންވެސް ނުވަތަ ބްރޯޑްކާސްޓިން ކޮމިޝަނުންވެސް އަމަލުކުރާތަނެއް މިއަދު ފެންނަމުން ނުދެއެވެ.

އެހެންކަމުން މިއަދު ގަބޫލު ކުރަންޖެހިފަ އޮތް ހަގީގަތަކީ، ނޫސް މީޑިއާތަކަކީ، މުޖުތަމަޢުގެ ސުލްހަ މަސަލަސްކަމަށް ނޭދެވޭ އަސަރުކުރުވާ ވަސީކަތަކަށް ވެގެން މިދަނީ، އަދި އެއީ އަނެކުންގެ އަބުރަށްވެސް އަރައިގަންނަ ވަސީލަތަކަށްވެ، ދޭދޭ ގައުމުތައް ފިތުނަވެރިވެސް ކުރުވާ ވަސީލަތަކަށް މިއަދު މުޖުތަމަޢުގައި ވެގެން މިދަނީވެސް، ނޫސް މީޑިއާތައް ޒިންމާދާރު ކުރުމުވުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމުގައި ހައްލުކުރަންޖެހިފައިވާ ބޮޑެތި މައްސަލަތައްވެސް ހުރެގެން ކަމެވެ.

ވިޝުއަލް މީޑިއާގެ ކޮންޓެންޓް ރެގިއުލޭޓްކޮށް، ޒިންމާދާރު ކުރުވަންޖެހޭ އެންމެ މުހިންމު މުވައްސަސާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަން

 

ހައްލެއް އެބަ އޮތްތަ؟

ސިޔާސީގޮތުން އިންތިހާއަށް ހަލަބޮލި، އަދި އެއްބަޔަ އަނެއް ބައެއްގެ މައްޗަށް ސިޔާސީގޮތުން އިންތިހާއަށް ހަސަދަވެރި ވެފައިއޮތް މުޖުތަމަޢެއްގައި، މީޑިއާތަކުގައި ސިޔާސީ ކުލަ ނުޖެހި ދިއުމަކީ މުސްތަހީލު ކަމެއްކަމުގައި މިއަދު ގަބޫލުކުރަން ޖެހެއެވެ.

މިގޮތުން، ސިޔާސީ ކުލަޖެހި، ގިނަފަހަރަށް އެނެކުންގެ އަބުރަށް އަރައިގަނެ، ސާބިތު ނުހިފޭ ވާހަކަތައް އަބަދުވެސް ދައްކާފައިވަނީ ސިޔާސީ ވަކި އެޖެންޑާއެއް ފަތުރަން މަސައްކަތް ކުރަމުންދާ މީޑިއާތައްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

އެހެންކަމުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ބަދަލު ހިފުމާއި ނޭއްގާނީކަން މިފަދަ ދަރަޖައަކަށް އާންމު ވެފައި އޮތް މުޖުތަމަޢެއްގައި، މީޑިއާތައް ޒިންމާދާރު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މުވައްސަސާތަކުން، މަސްއޫލިއްޔަތުން އަދާ ކުރުމުގައި ފަހަތައް ނުޖެހި، އަޅަންޖެހޭ ފިޔަވަޅު ވަގުތުން ވަގުތަށް އަޅަންޖެހޭނެ ކަމެވެ. ރަޖިސްޓްރީ ނުކުރެވި މީޑިއާތަކުގެ ނަމުގައި، ނޫސްވެރިކަމުގެ ބޯޑު އަޅުވައިެގެން މައުލޫމާތު ފެތުރުމުގެ މަސައްކަތް ކުރެވިގެން ނުވާނޭ ކަމެވެ. އެފަދަ ޑޮމެއިންތައް ބޮލޮކް ކުރެވެން އެބަ ޖެހެއެވެ. މީޑިއާތަކާއި، ނޫސްތަކާއި، ނޫސްވެރިން އެކްރެޑިން ކުރެވެން ޖެހެއެވެ.

އަދި ހަމަ އެފަދައިން، އޮންލައިން ނޫސްވެރިކަން އޭގެ އިންތިހާއަށް އާންމުވަމުންދާ ޒަމާނެއްގައި، އޮންލައިން ނޫސްވެރިކަމަކީ ކޮބައިކަން ފުރިހަމަޔަށް ބަޔާންވެސް ކުރެވެން އެބަޖެހެއެވެ. ދުވާކަލަށް ތިން ހަތަރު ޚަބަރު ޝާޢިއުކޮށްގެން، ތެދު މައުލޫމާތު ބުރަ މަސައްކަތުން ހޯދާ މީޑިއާތަކުން ޚަބަރުތައް ނަކަލްކޮށް، ނުވަތަ ކޮޕީކޮށްގެން ހިންގާ ނޫސްވެރިކަން ހުޓުމަކަށް ގެނެވެން އެބަޖެހެއެވެ. މިއުސޫލުން ކޮންޓެންޓް ރެގިއުލޭޓް ކުރެވެންވެސް އެބަ ޖެހެއެވެ.

ގަވާއިދުތަކާއި އުސޫލުތައް ތަންފީޒު ކުރުމަށް އެކަށީގެންވާ ހަރުދަނާކަން ނުވަތަ ޒިންމާދާރު ގޮތުގައި ހަރުކަށިކަން ނުދެއްކި، މީޑީއާތައް ޒިންމާދާރު ކުރުވުމުގެ ނަމުގައި، އުފެދިފައިވާ މުވައްސަސާތަކަކީ ހަމައެކަނި ހުށަހެޅޭ މައްސަލަތައް ބެލުމުގެ ޒިންމާ އެކަނި އުފުލާ ތަންތަން ކަމުގައި ވެގެން ހިގައްޖެނަމަ، ދުވަހަކުވެސް، "ގެރި މަރުވުމުގެ ކުރިން" މިއިން މުވައްސަސާއަކަށް މީޑިއާ ޒިންމާދާރު ކުރުވޭ ދުވަހެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

ޗެނަލް13އިން ގެނެސްދިން ޓޯކް ޝޯވްއެއްގައި ދައުލަތުގެ އިސްވެރިއެއްގެ އަބުރަށް އަރައިގަތް މައްސަލައެއް ބްރޯޑްކާސްޓިންގ ކޮމިޝަންއިން ދަނީ ބަލަމުން

މާނައަކީ، މީޑިއާކުން މީގެއްގެ އަބުރަށް އަރައިގަތުމުން، އެމީހާގެ އަބުރު ވެއްޔާ މޮޑެވިގެންގޮސް، ކިތަންމެ ބޮޑު ދޮގެއްވެސް ތެދެއްކަމުގައި ގަބޫލުކުރެވި، މުޖަތަމަޢުގައި އާންމު ފަރުދަށް ދިރިއުޅެން އުދަގޫވާ ހާލަތަށް ކަން އޮންނަނީ ގޮސް ނިމިފައެވެ.

ފެންނާން މިޖެހެނީ މިނޫން އުސޫލަކުން މީޑިއާތައް ރެގިއުޅޭޓް ކުރެވި، އަމިއްލައަށް އިސްނަގައިގެން، ވަގުތު ފާއިތު ވުމުގެކުރިން ފިޔަވަޅު އަޅާ، މީޑިއާތައް ޒިންމާދާރު ކުރުވި، މިނިވަން ނޫސްވެރިކަމަށް މިރާއްޖޭގައި ހިނގަމުން ދާތަނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތެދުފުޅެއް މުއައްސަސާގައި ރަނގަޅު އަނގައަކާއު ހެލޭދުލެއް ކުޅަދާނައަތެއް އޮވެގެންނޫނީ މީޑިއާތައް ޒިންމާދާރުނުކުރެވޭނެއެވެ

Leave a Reply

Your email address will not be published. Required fields are marked *