މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ ގެއެއްގެ ފާރެއް ސައިކަލްތަކެއްގެ މައްޗަށް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.
ރޭ ފަތިހުން ފެށިގެން މާލެ ސަރަހައްދުގެ މޫސުން ގޯސްވެ، ވައިގަދަވެ، ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ފާރު ވެއްޓި 3 ސައިކަލަކަށްވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. މިހާދިސާ ހިނގާފައިވަނީ މިއަދުގެ މެންދުރު 12:30 އެހާކަންހާއިރު އައި ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން ވައިގަދަވެ، ގަލޮޅު ހިތައް ފިނިވާ މަގުގައި ހުންނަ ސަލާތައި ރެސްޓޯރެންޓްގެ ގޯތި ތެރޭގައި ހުރި ގަހެއް މުލުން ލިހިގެން، އިން ވެގެން ހުރި ފާރާއި އެކީ ވެއްޓުމުގެ ސަބަބުންނެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހެނދުނު 9:45 އިން ފެށިގެން މެންދުރުފަހު 3:45 ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފައެވެ. އެގޮތުން ކ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހަމައަށް ވަނީ މިއެލަރޓް ނެރެފައެވެ.
މެޓު އޮފީހުން ބުނެފައިވަނީ އުތުރާ މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ބުނެއެވެ.
މެޓު އޮފީހުން ބުނީ މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަ ވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. މެޓު އޮފީހުން ބުނެފައިވަނީ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 6 ފޫޓު އުސްމިނުގައިކަމަށެވެ.
ކޮމެންޓު ފޮނުވާ