މަރު ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭ އެތައް ސުވާލެއް، އަމާޒު ސާފުވާންޖެހޭ!

މަރު ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭ އެތައް ސުވާލެއް، އަމާޒު ސާފުވާންޖެހޭ!

Author
މުޙައްމަދު ޝަޒައިމް
04 އޮގަސްޓް 2021 09:30
0

ވެރިކަމާއި ހަވާލުވުމަށްފަހު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުފެއްދެވި ރިޔާސީ ދެކޮމިޝަންގެ ތެރެއިން ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޝަނަކީ ވަރަށް މުހިންމު މަޤުސަދެއްގައި އެކުލަވާލި ކޮމިޝަނެކެވެ.

މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭގި ގެއްލުވާލާފައިވާ މިހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ގޮތުން އުފެއްދި މިކޮމިޝަނުން ބަލާނެ އެންމެ މުހިންމު މައްސަލަތަކުގެ ތެރޭގައި އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާހަރަކޮށްލި މައްސަލައާއި، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދް ރިލްވާނުގެ މައްސަލައާއި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލަ ހިމެނެއެވެ.

މިމައްސަލަތައް ތަޙުގީގުކުރައްވައި އެކަމުގެ މަޢުލޫމާތު މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާމަ ކުރައްވަނާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް ވެރިކަމަށް 3 އަހަރު ފުރުމާއި ގާތަށް ދާއިރުވެސް މި މަރުތަކާއި ގުޅޭ ސާފު މައުލޫމާތެއް ރައްޔިތުންނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކޮމިޝަނުން ތަފާތު މައުލޫމާތު ހިއްސާކުރައްވައި، އެކި ވާހަތައް ދައްކާފައިވެއެވެ.

މަރުކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން 27 މައްސަލައެއް ބަލަމުންދާއިރު، މީގެ ތެރެއިން އެއްވެސް މައްސަލައެއްގެ ސައްތައިން ސައްތަ މަސައްކަތް މިހާތަނަށް ނިންމާލެވިފައިނުވެއެވެ. ކޮމިޝަނުން ވަނީ މަސައްކަތްތައް ނިންމުމަށް އެކި ތާރީޚުތައްވެސް ދީފައެވެ. ކޮމިޝަން އުފެދުނުތާ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ މައްސަލަތައް ނިންމުމަށްވެސް އަމާޒުހިފިއެވެ. ނަމަވެސް އެކަންވެސް ކުރެވިފައިނުވެއެވެ.

ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނެސްދެމުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަކަށް އަހަރު ދުވަސްވީއިރު އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުން ފެންނަނީ އެންމެ ކަމެކެވެ. އެއީ ދީނީ ގޮތުން ހަރުކަށި ފިކުރާ، ހައްދު ފަހަނަ އެޅުން ރާއްޖޭގައި އޮތް މިންވަރެވެ. ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި، ރިލްވާން ގެއްލުވާލި މައްސަލައިގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައްވެސް ގުޅެނީ ހަރުކަށި ފިކުރާއެވެ. އަދި އޭގެ ފަހުން ނެރުނު ރައުދާ އާތިފް މަރުވެފައިވަނީ އަމިއްލައަށް ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މަރު ކޮމިޝަންގެ ކުރީގެ ރައީސް ސުއޫދާއި މަޖިލިސް ރައީސް ނަޝީދު ބައްދަލު ކުރައްވަނީ،

މަރުކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ނުހިނގާތީ ކޮމިޝަނާއިމެދު އެތައްބަޔަކު ދަނީ ގިނަ ސުވާލުތައް އުފައްދަމުންނެވެ. އޭގެ ތެރޭގައި މިމައްސަލަތަކުގައި ޝާމިލުވާ މީހުންގެ އާއިލާތަކާއި، އާންމު ރައްޔިތުންނާއި، ސިޔާސީ މީހުންވެސް ހިމެނެއެވެ. ސިޔާސީ މީހުންގެ ތެރެއިން ކޮމިޝަނާއިމެދު އެންމެ ބޮޑަށް ސުވާލު އުފައްދަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ކޮމިޝަނާއި ހަވާލުކުރި މަސައްކަތް ނުކުރެވޭ ކަމަށްވުނެ ކޮމިޝަން އުވާލުމަށްވެސް ތަކުރާރުކޮށް ގޮވާލާފައެވެ.

މަރުތަކާ ގުޅޭ ކޮމިޝަނުން މިހާރު މަޖިލީހަށް ސިޓީއަކުން އަންގާފައިވޭ، އެ ބޭފުޅުންނަށް ދެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއޭ. އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ.

– ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު އެ ކޮމިޝަނުގެ މަސައްކަތް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދާ ކަމަށް ރައީސުލްޖުމްހޫޜިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
އިދިކޮޅުގެ ނަޒަރުގައި ރިޔާސީ ކޮމިޝަނަށް މިހާތަނަށް އެއްވެސް ކަމެއް ހާސިލް ކުރެވިފައެއް ނުވެއެވެ. ހަމަ އެކަނި ކުރި ކަމަކީ އިދިކޮޅުގައި ތިބި ބައެއް ބޭފުޅުންގެ ބޮލުގައި "އިލްޒާމް" ތަކެއް އެޅުވުމެވެ.

ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނެސްދެމުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަކަށް އަހަރު ދުވަސްވީއިރު އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުން ފެންނަނީ އެންމެ ކަމެކެވެ. އެއީ ދީނީ ގޮތުން ހަރުކަށި ފިކުރާ، ހައްދު ފަހަނަ އެޅުން ރާއްޖޭގައި އޮތް މިންވަރެވެ. ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި، ރިލްވާން ގެއްލުވާލި މައްސަލައިގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައްވެސް ގުޅެނީ ހަރުކަށި ފިކުރާއެވެ. އަދި އޭގެ ފަހުން ނެރުނު ރައުދާ އާތިފް މަރުވެފައިވަނީ އަމިއްލައަށް ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމިޝަނަށް ދީފައިވާ ބާރުތައް:

  • އާންމު ތަންތަން ބަލާ ފާސް ކުރުން
  • މައްސަލަތަކާ ގުޅޭ ތަކެއްޗާއި ހެކިތައް ހިފެހެއްޓުން
  • ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބެންކު މައުލޫމާތު ހޯދުން
  • އެކައުންޓު ފްރީޒް ކުރަން އެންގުން
  • މީހުން ހާޒިރުކޮށް ހެކި ބަސް ނެގުން
  • ފުލުހުން މެދުވެރިކޮށް ހައްޔަރު ކުރުން
  • ޕާސްޕޯޓު ހިފަހައްޓަން އެނގުން
  • މުދަލާއި ފައިސާ ރާއްޖެއިން ބޭރަށް ގެންދިޔުން މަނާ ކުރުން
  • މިލްކުވެރިކަން ބަދަލު ކުރުން ހުއްޓުވުން

މީގެ އިތުުރުން މިހާތަނަށް އެ ކޮމިޝަނުން އާންމުކުރި އެއްވެސް ރިޕޯޓެއް އާއިލާތަކުން ގަބޫލުނުކުރުމަކީވެސް މަރު ކޮމިޝަން ދެމި އޮތުމާމެދު އުފެދޭ ސުވާލެކެވެ. ޑރ. އަފްރާޝީމްގެ އާއިލާއިން ސިފަކުރާ ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓަކީ ލިޔެފައިވާ ޑްރާމާއެކެވެ. ރައުދާގެ އާއިލާއިން ދެކޭ ގޮތުގައި ސާފު ހެކި ހުށަހަޅާފައި ވަނިކޮށް ކޮމިޝަނުން ރިޕޯޓް ތައްޔާރުކުރީ ގޯސްކޮށެވެ. ރިލްވާންގެ އާއިލާއިން ތިބީ އިންސާފު ލިބޭނެ ދުވަހެއް ނޭނގި އެ ކަމުގެ ކަންބޮޑުވުމުގައެވެ. އަދި ޔާމީންގެ އާއިލާގެވެސް އޮތީ ހަމަ އެ ކަންބޮޑުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރާ ކޮމިޝަނަށް މިހާތަނަށް 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން 3.8 މިލިއަން ރުފިޔާއަކީ އެކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.

މިހާބޮޑު މުސާރައާއި އެލަވަންސް ތަކާއިއެކު ކޮމިޝަނުން މިވީހާތަނަށް ކުރެވުނު މަސައްކަތާއި، ނެރެވުނު ނަތީޖާއާއިމެދު މިއަދު ޖަވާބުދާރީވާންޖެހޭ އެތައް ސުވާލެއް އެބައޮތެވެ. މިސުވާލުތަކަށް ކޮމިޝަނުން ދޭނެ ޖަވާބަކީ މިއަދު ކޮބައިތޯ އެތައްބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.