އިހުތިޖާޖު ކުރުމުގެ ގޮތުން، ރާހުލް ގާނދީ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެންވީ ބައިސްކަލުގަ

އިހުތިޖާޖު ކުރުމުގެ ގޮތުން، ރާހުލް ގާނދީ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެންވީ ބައިސްކަލުގަ

Author
ހުސެއިން
03 އޮގަސްޓް 2021 09:51
0

އިންޑިއާގައި ތެލުގެ އަގު މަތިވުމާއި ދެކޮޅަށް އިހުތިޖާޖް ކުރުމުގެ ގޮތުން، އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ވަޑައިގެންނެވީ ބައިސްކަލުގައި ދުއްވާފައެވެ.

މި ބައިސްކަލް މުޒާހިރާގައި ރާހުލް ގާނދީއާއެކީ، ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެހެން މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ރާހުލް ގާނދީ އިސްވެސް ހުންނަވާ މިއަދު ކޮށްފައިވާ މި ބައިސްކަލް މުޒާހިރާގައި ބޭނުންކުރި ހުރިހާ ބައިސްކަލެއްވެެސް ބެހެއްޓިފައި ހުރީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކޮންސްޓިޓިއުޝަން ކުލަބުގައެވެ. މިތަނުގައި މިއަދު ހެނދުނު ރާހުލް ގާނދީ ވަނީ، އިންޑިއާގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 17 މެމްބަރަކާ ބައްދަލުވެސް ކުރައްވާފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހު، ރާހުލް ގާނދީ އާއި ކޮންގްރެސް ޕާޓީގެ އިސް ވެރިންވަނީ، ޓްރެކްޓަރުތަކުގައި ގާނޫނުހަދާ މަޖިލީހަށް ދަތުރުކޮށް، އިންޑިއާގެ ގާނޫނުހަދާ މަޖިލިހުން ފާސްކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑުވެރިންނާ ގުޅޭ ދެ ގާނޫނަކާ ދެކޮޅު ހެދުމުގެ ގޮތުންވެސް މިޒާހިރާ ކޮށްފައެވެ. މި މުޒާހިރާގައި ކޮންގްރެސް ޕާޓީގެ ވަރަށް އިސް 6 ބޭފުޅަކު ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މީހެތޭރޭގައި ހިމެނޭ ރަންދީޕް ސިންގ ސުރުޖެވާލާ އާއި ދީޕެންދުރަ ސިންގ ހޫދާ ފުލުހުންގެ ބެލުމުގެ ދަށަން ގެންދެވިފައި ވެއެވެ.

ގާނޫނުހަދާ މަޖިލިހުގެ ބޭރުގައި، ރާހުލް ގާދީ ޓްރެކްޓަރެއްގެ މަތީގައި މުޒާހިރާ ކުރައްވަނީ

"އަހަރެން މަޖިލީހަށް ގެނެސް ދީފައި މިވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތައް. ސަރުކާރުން ދަނީ ދަނޑުވެރިންގެ ހައްގުތަކަށް އަރައިގަންނަމުން. އަދި އެމީހުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ގާނޫނު ހަދާ މަޖިލިހުގައި ބަހުސްކުރާކަށްވެސް ފުރުސަތެއް ނުދޭ. އެމީހުން ޖެހޭނީ މި ގާނޫނުތައް ބާތިލް ކުރަން. މުޅި ގައުމުވެސް ދަނޭ، މިގާނޫނުތަކުން އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި އެންމެ ދެތިން ބޮޑެތި ވިޔަފާރިވެރިއަކަށް ކަން،" ޓްރެކްޓަރ މުޒާހިރާގައި ރާހޫލް ގާނދީ ވިދާޅުވެފައި ވެއެވެ.

ރާހުލް ގާނދީއަކީ، ތަލަޅަ ޓައިގަރުންގެ ހަމަލާއެއްގައި އަވަހާރަ ކޮށްލެވުނު، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީގެ ދަރިކަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.