އިނގިރޭސި ލީގުގައި އާސެނަލްގެ މައްޗަށް ކުރިހޯދާ ލެސްޓާ އިން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.
ރަށުންބޭރުގައި ކުޅުނު މެޗުން ލެސްޓާ ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް ޖިމީ ވާޑީއެވެ. ވާޑީ މި ގޯލު ޖަހާފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ.
މެޗުގައި އާސެނަލަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިިބުނެވެ. އެގޮތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި އާސެނަލުން ފުރަތަމަ ހާފުގައި ލަކަޒެޓް އާއި އޮބަމަޔަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
ލީގުގައި މިހާތަނަށް އާސެނަލްގެ ދަނޑުގައި ކުޅުނު ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއަހަރު އަމިއްލަ ދަނޑުގައި އާސެނަލް މިހާތަނަށް 11 މެޗުން ބަލިނުވެ ދެމެހެއްޓި ރެކޯޑު ވަނީ މިމެޗުން ބަލިވުމާއެކު ނިމިފައެވެ. މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި 12 ޕޮއިންޓާއެކު ލެސްޓާ އޮތްއިރު މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ ދިހަވަނައިގައި 9 ޕޮއިންޓާއެކުގައެވެ.