ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ހިނގައިދިޔަ ހާދިސާއަށްފަހު ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން އިލްތިމާސް ކޮށްފިއެވެ.
ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގެ މި އިމާރާތުގައި އަލިފާނުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާކަމަށެވެ. އެގޮތުން 2021 މެއި 6 ވަނަ ދުވަހުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން، މި އަލިފާނުގެ ހާދިސާ ހިނގާދިޔަ އިމާރާތްވަނީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުސްކުރެވިފައިވާކަމަށެވެ. އެތަނުގައި ކުދިން ބެލެހެއްޓުން ހުއްޓާލުމަށް 2021 މޭ 24 ވަނަ ދުވަހުން ފެށިގެން ވަނީ ނިންމާފައިކަމަށް ބަޔާނުގައި ވެއެވެ.
މިފުރުސަތުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ފެތުރުމަކީ މި ސަރވިސް އިން ކަންބޮޑުވާ ކަމެއްކަން ފާހަގަކުރަން. މީގެ އިތުރުން މިކަމަކީ މި ސަރވިސްއިން ނުހަނު ކަންބޮޑުވާ ކަމެއްކަމާއި މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހައި އިދާރީ ފިޔަވަޅު މި ސަރވިސްއިން އަޅާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަން.
– ބަޔާނުގައިވެއެވެ.
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފައިވަނީ މި ހާދިސާ ހިނގާދިޔަ އިމާރާތުގައި އެއްވެސް ކުއްޖަކު ދިރިއުޅެމުން ނުދާއިރު ތަނުގައި ހުރި މުހިންމު ލިޔެކިއުންވަނީ ރައްކާތެރިކުރެވިފައިކަމަށެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދިޔަ 54 ކުދިން ރައްކާތެރި މާހައުލުތަކަށް ބަދަލުކުރަމުގެ މަސައްކަތުގެ ތެރެއިން މިހާރު ތަނުގައި ހުރީ އެންމެ ކުއްޖެއްކަމަށާއި، މި ކުއްޖާވެސް ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގެ ގޯތި ތެރޭގައި އަމާން ހިޔާގެ ގޮތުގައި ކަނޑައަޅާފައިހުރި ވަކި އިމާރާތެއްގައިކަމަށެވެ. އަދި މިތަނުގައި ވަގުތީ ގޮތުން އެކި އިޖުރާޢަތްތަށް ފުރިހަމަ ކުރުމަށްޓަކައި އިތުރު ދެ އަންހެން ކުއްޖަކު ހުރިކަމަށާއި، މީގެ އިތުރުން މިވަގުތު 18 އަހަރުން މަތީގެ ދެ ފަރާތައް ދަޢުލަތުން ރައްކާތެރިކަން ފޯރުކޮށްދެމުންދެމުން ދާކަމަށެވެ.
މިފަދަ ހާދިސާތައް ހިނގުމުން، އާންމު އުސޫލެއްގެ މަތިން ހާދިސާ ތަހުޤީގު ކުރުމަށް ތަހުޤީޤީ އިދާރާތަކައި އެކު އަންނަނީ މަސައްކަތް ކުރެވެމުން ކަމަށާއި، މިހާދިސާއިން ތަނުގައި ބަލަހައްޓަމުންދާ އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ. ކުޑަކުދިންގެ ހިޔާގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ހިޔާގައި ކުދިން ގިނަވެ ތޮއްޖެހުމުގެ މައްސަލައާއި ކުޑަކުދިންގެ ހިޔާގެ މާހައުލަކީ ތަނުގައި ދިރިއުޅޭ ކުދިންނަށް އެންމެ އެދެވޭ ހެޔޮ ބަދަލުތަކެއް ގެނުވާ ތަނެއްކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އަށް އަދި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ދައުލަތުގެ އިދާރާތަކަށް ނުފެންނާތީ ކުދިންނަށް އެންމެ އެދެވޭ ރަނގަޅު މާހައުލެއް ހޯދައިދިނުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތުން މިހާރު މިވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދިޔަ 54 ކުދިންގެ ތެރެއިން 53 ކުދިން އަތޮޅު ތެރޭގައި ގާއިމްކުރެވިފައިވާ އަމާންވެށިތަކަށް އަދި ވަޒީފާގެ ފުރުސަތު ހޯދައިދީ އަނބުރާ ޢާއިލާތަކަށް ބަދަލުކުރެވިފައި ކަމަށް ވަނީ ބުނެފައެވެ.
މިވަގުތު އަމާން ހިޔާގައި ތިބި ކުދިންނަކީ އެކުދިންނާއި ގުޅުންހުރި ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކުދިންތަކަކަށް ވުމުން އިތުރުތަނަކަށް ބަދަލުނުކޮށް އެތަނުގައި ބައިތިއްބާފައިވާ ކުދިން ކަމުގައިވެސް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ