ރާއްޖެއިން އިތުރު 105 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 105 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 68 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،953 އަށް އަރާފައެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،611 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 90 މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74،110 އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5،424 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 1688 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 203 ދިވެހިންނާ 17 ބިދޭސީންނެވެ.