ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގް ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ކުރިއަށް ގެންދިޔައީ އަސްލަމް އިސްކޮށް ހުންނަވައިގެން 241 ކޮމިޓީންނެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިމުނު ތަނާހެން އަސްލަމް ކުރެއްވި ޓްވީޓުގައިވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައި، ފުލުހުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުލުހުން މިހާތަނަށް ތަހުގީގުގައި ހޯދާފައިވާ ކުރިއެރުންތަކަިީ ތަޢުރީފް ހައްގު ކުރިއެރުންތަކެއް ކަމުގައި އަސްލަމް ވިދާޅުވިއެވެ.
6 މެއި ގައި ރައީސް މުހައްމަދު ނަޝީދު އަވާހާރަ ކޮއްލުމަށް ދިން ބޮމުގެ ހަމަލާ ގެ ތަޚްޤީގު ގައި ފުލުހުން ހޯއްދަވަމުން ގެންދަވާ ކުރިއެރިއެރުން ތަކަށް ތައުރީފުކުރަން. މި ތަޚްޤީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރަން!
– އަސްލަމް ވިދާޅުވިއެވެ.
ހަމަލާއަށްހު ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އަސްލަމް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވައި ވާހަކަ ދައްވާފައެވެ. އަސްލަމް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށްވީ ނަމަވެސް ރައީސް ސޯލިހަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެހެންކަމުން ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ތެދުވެ ވާހަކަ ދައްކަންޖެހޭ ސަބަބެއް އަދި ނެތް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާ އުދަނގޫ ވަގުތެއްގައި ސަރުކާރުގެ ކުރިމަތީގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމަކު އެކަމުން އަރައިގަތުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ޕްލޭނައި ވިސްނުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ގައުމަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ކުރެއްވި ދެ ބޭފުޅުން ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ޒަމާންވީ ވަރަށް ގާތް ދެ ރަހްމަތްތެރިންނަަށް ވެފައި އާއިލީ ގޮތުން ވެސް ގުޅިފައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާތީ އެ ދެ ބޭފުޅުންގެ ދެމެދުގައި މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ. އެއީ ގައުމާއި އެމްޑީޕީ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.