ސަރުކާރު ބަލިކޮށްލުމަށް އެމްޑީޕީ ތެރެއިން ކުރާ މަސައްކަތް ބަލައެއް ނުގަނެވޭނެ: އަސްލަމް

ސަރުކާރު ބަލިކޮށްލުމަށް އެމްޑީޕީ ތެރެއިން ކުރާ މަސައްކަތް ބަލައެއް ނުގަނެވޭނެ: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 02:14
0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމަކީ އެމްޑީޕީގެ ނިންމުމެއް ނޫން ކަމަށާއި އަދި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނުއަސާސީއާ ގާނޫނުތަކާއި އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވަނިކޮށް ރައީސްގެ ޕާޓީން ބަޔަކު އެމަނިކުފާނާ ދެކޮޅަށް ތެދުވުމަކީ އޭނާ ތާއީދު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށްވީ ނަމަވެސް ރައީސް ސޯލިހަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ތެދުވެ ވާހަކަ ދައްކަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.

މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށްވީ ނަމަވެސް ރައީސް ސޯލިހަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެހެންކަމުން ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ތެދުވެ ވާހަކަ ދައްކަންޖެހޭ ސަބަބެއް އަދި ނެތް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާ އުދަނގޫ ވަގުތެއްގައި ސަރުކާރުގެ ކުރިމަތީގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމަކު އެކަމުން އަރައިގަތުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ޕްލޭނައި ވިސްނުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ގައުމަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ކުރެއްވި ދެ ބޭފުޅުން ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ޒަމާންވީ ވަރަށް ގާތް ދެ ރަހްމަތްތެރިންނަަށް ވެފައި އާއިލީ ގޮތުން ވެސް ގުޅިފައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާތީ އެ ދެ ބޭފުޅުންގެ ދެމެދުގައި މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ. އެއީ ގައުމާއި އެމްޑީޕީ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމް މިފަދަ މޭރުމަކުން ފާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ސޯލިހާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމްއާއި ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދުމަކީ މިވަގުތައް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.