ހިޔާ ފްލެޓުގެ ފިނިޝިންއަށް، 9 މަސްދިނުމަށް އެދުމުން ޖަވާބެއް ނުދިން: މުއިއްޒު

ހިޔާ ފްލެޓުގެ ފިނިޝިންއަށް، 9 މަސްދިނުމަށް އެދުމުން ޖަވާބެއް ނުދިން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 08:39
0

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން ވަގުތު އިތުރުކޮށް ނުދޭތީ މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދިނުމަށް ނިންމާފައިވާ ތިން މަހުގެ މުއްދަތު ގުނަށް ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފައެވެ. އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރުމަށް ދީފައިވާ ތިން މަސް ދުވަސް ގުނަށް ފަށާނެ ތާރީހު އަންނަ ހަފްތާގައި އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކު ފްލެޓް ލިބުނު ފަރާތްތަކަށް ދަޅުތަނޑި ހަވާލުކުރި ނަމަވެސް އަދި ފްލެޓްތަކަށް ކަރަންޓެއް ނުލިބެއެވެ.

މިކަމާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން މިކަމުގައި ރައްޔިތުންގެ އަޑު އަހަން ބޭނުން ނުވާ ސަބަބެއް އެއްގޮތަކަށްވެސް ވިސްނި ވަޑައި ނުގަންނަވާ ކަމަށެވެ. ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތާއި ހަމައަށް އިތުރު 9 މަސް ދިނުމަށް ސަރުކާރުގައި މާލެ ސިޓީ ކައުންސިލުން އެދިފައި ވީނަމަވެސް އެކަމަށް އެއްވެސް އިޖަބާއެއް ދީފައި ނުވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަދިވެސް 3 މަސް އިތުރުކޮށްދޭކަށް ނުވިސްނާ!؟ ރައްޔިތުންގެ އާދޭހަށް މިހާބީރު ކަންފަތެއް މިދެނީ ކީއްވެބާ؟ މަދުވެގެން 9 މަސް ދުވަސް ފިނިޝިންގެ މަސައްކަތަށް ދިނުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަދިވެސް ސަރުކާރުގައި އެދެން. މިކަމަށް ރަސްމީ ލިޔުމަކުންވެސް ވާނީ ފޮނުވިފައި. ޚަބަރެއްނުވޭ.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ނިންމާފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓުތަައް ހައްޤުވެރިންނާއި ހަވާލުކުރަން ނިންމާފައި އޮތީ ފިނިޝިންގެ މަސައްކަތްވެސް އެއްކޮށް ނިންމުމަށްފަހުގައެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ފްލެޓުތައް ދޫކުރަނީ ފްލެޓުތަކުގެ ފިނިޝިން ނުނިންމައެވެ.

ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ކަނެކްޝަންތަކުގެ މަސައްކަތް އެކީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މި މަސައްކަތުގައި ސްޓެލްކޯއިން ކުރަންޖެހޭ ކަންކަން ވެސް ވަނީ ނިންމާލައިފައެވެ. ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާ އިރު ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް 17 ޓްރާންސްފޯމަރު ސީއެމްއީސީން ބަހައްޓައި ވަނީ ނިންމައިފައެވެ.

ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައި ނިމުނު އިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. މި ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 14 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.