މަގާމުގެ ހުވާ ކުރެއްވުމަށްފަހު ބައްޝާރުލް އަސަދު ތާއީދު ކުރައްވާ ފަރާތްތަކަށް ހަނާ އަޅުއްވަނީ

އަހުލީ ހަނގުރާމާގައި ވީރާނާ ވެފައިވާ، ސީރިއާގެ ރައީސްކަމުގެ 4 ވަނަ ދައުރަކަށް އަސަދު ހުވާ ކުރައްވައިފި

އަހުލީ ހަނގުރާމާގައި ވީރާނާ ވެފައިވާ، ސީރިއާގެ ރައީސްކަމުގެ 4 ވަނަ ދައުރަކަށް އަސަދު ހުވާ ކުރައްވައިފި

އަހުލީ ހަގުރާމާގައި މުޅިން ކަހަލަ ގޮތަކަށް ވީރާނާ ވެފައިވާ، ސީރިއާގެ ރައީސްކަމުގެ މަގާމުގެ 7 އަހަރުގެ 4 ވަނަ ދައުރަކަށް، އެގައުމުގެ ރައީސްކަމުގައި މިހާރުވެސް ހުންނެވި ބައްޝާރުލް އަސަދު ހޮނިހިރު ދުވަހު ހުވާ ކުރައްވައިފިއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، އަސަދު ވަނީ، ހުޅަގުގެ ގައުމުތަކުން އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުންނާއި އަދި 10 އަހަރުވީ އަހުލީ ހަގުރާމާގައި އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށުން ގެއްލިގެން ގޮސްފައިވާ މަދު ސަރަހައްދުތައްވެސް އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ދީނީ ފަރާތްތަކާ، ގާނޫނުހަދާ މަޖިިހުގެ މެމްބަރުންނާއި، ސިޔާސީ ފަރާތްތަކާއި، އާރމީ އޮފިސަރުންނާއި، އަދި އަސަދަށް ތާއިދުކުރާ އެހެން ފަރާތްތަކުންވެސް ބައިވެރިވި މި އިހުތިފާލް ކުރިޔަށް ދިޔުއިރުވެސް، ސީރިއާގެ ހުޅަގު އުތުރުގައި، ހަގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނަ ބައެއް ސިޓީތަކަށް ސަރުކާރު ސިފައިން ދެމުންދާ ހަމަލާތަކުގައި ހަމީހަކުވަނީ މަރުވެފައެވެ. މީގެތެރޭގައި 3 ކުޑަކުދިންނާއި އެކުދިންގެ މާމަ ހިމެނޭކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.

މިއަހަރު މޭމަހު ބޭއްވުނު ސީރިއާގެ އާންމު އިންތިޚާބު އަސަދު ކާމިޔާބު ކުރައްވާނެ ކަމަކީ މީގެ ކުރިންވެސް ޔަގީން ކުރެވިފައިވާ ކަމެކެވެ. އަދި ސީޔާގެ އިދިކޮޅު ފަރާތްތަކާ ހުޅަގުގެ ގައުމުތަކުން މިއިންތިޚާބު ސިފަ ކޮށްފައިވަނީ، ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ޖޯކެއްގެ ގޮތުގައެވެ.

2،000 ވަނަ އަހަރުން ފެށިގެން ސީރިއާގެ ވެރިކަން ކުރައްމަން ގެންދަވާ، ބައްޝާރުލް އަސަދު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެވަނީ، "ސީރިއާގެ ހާލަތު ރަގަޅު ކުރުމަކީ ކުރެވޭ ކަމެއް، އަދި ޔަގީން ކަމެއް،" ކަމުގައެވެ.

"ހަގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހުޅުވިފައިވާ ދޮރުތައް އެކީ ބަންދުވެގެނެއް ނުދިޔަ، އަހަރެމެންނަށް އެދޮރުން ވަދެންގެން ކުރިޔަށް ދެވޭނެ. އަހަރެމެން ދެނެގަންނަންވީ ކުރިޔަށް ދާންވީ މިސްރާބު،" ގަޑިއެއްހާއިރު ވަންދެން ގައުމާ މުޚާތަބު ކުރައްވާ ވާހަކަ ދަައްކަވަމުން އަސަދު ވިދާޅުވެފައި ވެއެވެ.

ޔޫއެންއިން އަންދާޒާ ކޮށްފައިވާ ގޮތުގައި ސީރިއާގެ %80އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ފަގީރު ހާލުގައެވެ. އަދި ސީރިއާގެ ފައިސާގެ އަގު ވެއްޓި، އާންމު ޚިދުމަތާއި ތަކެތީގެ އަގުވަނީ އިންތިހާއަށް އެގައުމުގައި އުފުލިގެން ގޮސްފައެވެ. އަދި އެގައުމުގައި ކުރެވެމުންދާ އަހުލީ ހަގުރާމާގައި، ގައުމުގެ އެކި ހިސާބުތަކުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލި ބައެއް ސަރަހައްދުތައް އިދިކޮޅު ހަގުރާމަވެރިންގެ ބާރުގެ ދަށުގައި ވާއިރު، ގައުމުގެ އެކި ސަރަހައްދުތަކުގައިވަނީ ގައުމުން ބޭރުގެ ސިފައިން ބޭތިއްބިފައެވެ.

އަސަދު ވިދާޅުވި ގޮތުގައި ހުޅަގުން އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށްވުރެއްވެސް ބޮޑަށް އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުމަކީ، ލުބުނާންގެ ބޭންކުތަކުގައި ހިފެހެއްޓިފައިވާ އެގައުމުގެ 40-60 ބިލިއަން ޑޮލަރުގެ ފައިސާ ލިބޭނެގޮތް ވެގައި ނުވުމެވެ.

ބައްޝާރުލް އަސަދު ސީރިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 95.1%ގެ ބޮޑު އައުލަބިއްޔަތަކުންނެވެ.

އަހުލީ ހަގުރާމާގައި މުޅިން ވިރާނާ ވެފައިވާ ސީރިއާގެ ރިޔާސީ އިންތިޚާބު ބޮޑު އަޢުލަބިއްޔަތަކުން ކާމިޔާބުކޮށް، ޖެހިޖެހިގެން 4 ވަނަ ދައުރަކަށް ބައްޝާރުލް އަސަދު އެގައުމުގެ ވެރިކަމަށް އިންތިޚާބު ވެވަޑައިގަތްއިރު، އެގައުުގެ އިދިކޮޅު ފަރާތްތަކުންވަނީ، މިއިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައިވަނީ، މަކަރާ ހީލަތުން ވޯޓު އޮޅުވާލައިގެން ކަމަށް ތުހުމަތު ކޮށްފައެވެ.

11 އަހަރަށް ދިގުލައިގެން ގޮސްފައިވާ ސީރިއާގެ އަހުލީ ހަގުރާމައިގައި، އެތައް ސަތޭކަ ބަޔަކު މަރުވެ، އަދި 11 މިލިއަނަށް ވުރެ ގިނަ މީހުން (ސިޔާގެ އާބާދީގެ %50)ގެ ގެދޮރު ގެއްލިފައިވާ ހަގުރާމަ އަދިވެސް ކުރިޔަށް ދިޔަނަމަވެސް، ސީރިއާގެ ސަރުކާރުން ބުނެފައިވަނީ، މިއިންތިޚާބުގެ ނަތީޖާއިން ދޭހަ ކޮށްދެނީ، އެގައުމުގެ ހާލަތު މިހާރު އާދައިގެ ހާލަތަކަށް އައިސްފައިވާ ކަންކަމަށެވެ.

ބައްޝާރުލް އަސަދު ސީރިއާގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ 2،000 ވަނަ އަހަރުން ފެށިގެންނެވެ. ވެރިކަމަށް އިސްވެވަޑައިގަތީ، 1970 ވަނަ އަހަރު ގެނެވުނު ބަޢާވާތެއްގައި ސީރިއާގެ ވެރިކަމަށް އިސްވެވަޑައިތް އޭނާގެ ބައްޕާފުޅު ހާފިޒުލް އަސަދު 20،00 ވަނަ އަހަރު އަވަހާރަ ވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *