ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހި ކުރުމަށް ޗައިނާ ރައީސާއި، ރައީސް ޞާލިހު މަޝްވަރާ ކުރައްވާފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗައިނާގެ ރައީސް ޒީ ޖިންޕިންއާ ފޯނުން ބައްދަލު ކުރައްވައި ދެކެވުނު ވާހަތަކާއި ގުޅޭގޮތުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖެ އާއި ޗައިނާއާއި، ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅިގެން ކުރިއަށްދެވޭނެ ގޮތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ރައީސް ޞާލުހުވަނީ ޗައިނާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. މިއީ މިފަހަކަށް އައިސް ރައީސް ޞާލިހު ޗައިނާގެ ރައީސާއި ރައީސް ޞާލިހު ފޯނުން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.
Looking forward to reinvigorated Maldives-Sino relations following my phone conversation with President Xi Jinping of China this afternoon. I thanked President Xi for China’s support to Maldives’ development and discussed ways to further enhance cooperation between us.
— Ibrahim Mohamed Solih (@ibusolih) July 16, 2021
ރައީސް ޞާލިހު ޗައިނާގެ ރައީސްއާއި ފޯނުން ބައްދަލު ކުރައްވާފައިވާއިރު، ރައީސް ވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއާއި އިންޑިޔާގެ ތަރައްޤީގެ މަސައްކަތްތަކައި ދެޤައުމުގެ މަސްލަޙަތު ހިމެނޭ މިސަރަޙައްދުގެ ބައެއް ކަންކަމާމެދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކާ ބެހޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ސަރަހައްދީ މަސްލަހަތާއި ދެޤައުމުގެ މަސްލަހަތު އޮތް ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައާއި ދިމާވި ދަތިތަކާއި އިޢްތިޞާދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވުނުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހު ވެރިކަމާއި ހަވާލުވިފަހުން ޗައިނާއާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުވެ، އިންޑިއާއާއި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.