الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އިސްލާމްދީން އައިސްފައިވަނީ އަންހެނާގެ ކަރާމާތްތެރިކަން ރައްކާތެރިކޮށްދިނުމަށެވެ. އެހެންކަމުން އެކަމަށް މަގުފަހިވާނެހާ ކަންތައް ވަނީ ޝަރްޢު ކުރައްވާފައެވެ. އެގޮތުން ކަނޑައަޅުއްވާފައިވަނީ އަންހެނުން ގެއިން ނުނިކުމެ ތިބުމެވެ. މަޖްބޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ ގެއިން ނުނިކުތުމަށެވެ. އަދި މިސްކިތުގައި ނަމާދު ކުރުމަށްވުރެ ގޭގައި ނަމާދު ކުރުމަކީ އަންހެނުންނަށް އައުލާކަން ބޮޑުގޮތް ކަމުގައި ލައްވާފައިވަނީ އެހެންވެއެވެ. އެއީ މަސްޖިދުލް ޙަރާމްކަމުގައި ވީނަމަވެސް އެވެ.
އަލްއަޙްޒާބް ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وقرن في بيوتكن ولا تبرجن تبرج الجاهلية الأولى) މާނައަކީ: "އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ!". މިއާޔަތުގައި މުޚާޠބު ކުރައްވާފައިވަނީ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަނބި އަނބި ކަނބަލުންނަށް ކަމުގައިވީނަމަވެސް، މިއަމުރުފުޅުގައި މުޅި އުއްމަތުގެ ހުރިހާ އަންހެނުންވެސް ޝާމިލުވެގެންވެއެވެ. އެކަނބަލުންނަށް ޚާއްޞަ ކުރައްވާ ޚިޠާބު އައިސްފައިވަނީ އެކަނބަލުންނަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަނބިކަނބަލުންނަށް ވުމުން އެކަމުގެ ޝަރަފުގައެވެ. އަދި އެކަނބަލުންނަކީ މުޅި އުއްމަތުގެ އެންމެހައި އަންހެންވެރިން ނަމޫނާ ނަގަން ޖެހޭ ކަނބަލުން ކަމަށް ވީތީއެވެ.
އަންހެނުން ގެ ނަމާދާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (وبيوتهن خير لهن) މާނައަކީ: "އެކަނބަލުންގެ ގެތައް އެކަނބަލުންނަށް މާ ހެޔޮކަން ބޮޑެވެ".
ނަމަވެސް، މީގެ މާނައަކީ އަންހެނުން ގޭގައި ބަންދުވެފައި ތިބުމެއް ނޫނެވެ. އަދިކިއެއްތަ، އެކަނބަލުން މިސްކިތަށް ދިޔުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫނެވެ. އަދި އެކަނބަލުންގެ މައްޗަށް ޙައްޖާއި ޢުމްރާ ފަރްޟު ކުރައްވާފައިވެއެވެ. ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރުމަށާއި، ދީނުގެ ޙުކުމްތައް އޮޅުންފިލުވުމަށް، އަދި އެކަނބަލުންގެ ޙާޖަތްތައް ފުއްދުމަށް ގެއިން ނިކުތުން ހުއްދަ ކުރައްވާފައިވެއެވެ.ނަމަވެސް، މިހުރިހާ ކަމެއް ކުރަންވާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި، އިސްލާމީ ފޭރާމަކުން ހެދުން އަޅައިގެންތިބެއެވެ.
ތިރީގައި މިވާ ކަންތައްތައް ހަމަވާ ކަމަށް ވަނީ ނަމަ އަންހެނުން ގެއިން ނިކުމެ ވަޡީފާ އަދާ ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެކެވެ.
1. ދިރިއުޅުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރުން ކޮންމެހެންވެސް ލާޒިމު ވެފައިވުން.
2. އަންހެނާގެ ޚިލްގަތާ ޠަބީޢަތާ ގުޅޭ ކަހަލަ މަސައްކަތެއް ކުރުން. މިސާލަކަށް: ފެހުން، ބޭސްވެރިކަން ފަދަ ކަންތައް.
3. ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ އުޅެވޭފަދަ މާޙައުލަކަށް ވަޡީފާގެ މާޙައުލު ނުވުން.
4. އިސްލާމީ ފޭރާމުގައި ހުރެގެން މަސައްކަތް ކުރެވޭ ފަދަ ވަޡީފާ އަކަށް ވުން.
5. ވަޡީފާ ގެ ގޮތުން މަޙްރަމަކާއި ނުލައި ރަށުން ބޭރަށް ދާން ނުޖެހުން.
6. ހިލޭފިރިހެނުންނާއި އެކަހެރިވުމާއި، މޫނާއި ތުންފަތުގައި ކުލަޖައްސާ، މީރުވަސް ދުއްވައިގެން ފިރިހެނުންގެ ހިތްތައް އެކަނބަލުންނާއި ދިމާލަށް ލެންބުވޭ ފަދަ ގޮތަކަށް ގެއިން ނުނިކުތުން.
7. ވަޡީފާ އަށް ނިކުތުމުގެ ސަބަބުން އެޔަށް ވުރެ މުހިންމު ކަންތައް ކަމުގައިވާ ފިރިމީހާގެ ކަންތައްތައް ބެލެހެއްޓުމާއި ދަރިން ތަރްބިއްޔަތު ކުރުމުގެ ކަންތަކަށް ހުރަހެއް ނޭޅުން.
ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީނު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
"އަންހެނުން މަސައްކަތް ކުރަންވާނީ އެމީހުންގެ މަޖާލުގައެވެ. އެމީހުންގެ ޠަބީޢަތާއި ގުޅޭ ކަހަލަ މަސައްކަތެކެވެ. މިޘާލަކަށް، އަންހެން ކުދިން ތަކަކަށް ކިޔަވާދިނުން، ނުވަތަ އެފަދަ މަދަރްސާ އެއްގެ އިދާރީ ކަންތައް ބެލެހެއްޓުން ފަދަ ކަންތަކެވެ. ނުވަތަ ގޭގައި ހުރެގެން ކުރެވޭނެ ކަހަލަ މަސައްކަތެއް ކުރުމެވެ. މިޘާލަކަށް ފެހުން ނުވަތަ އެނޫންވެސް މަސައްކަތެކެވެ. އެހެންނަމަވެސް، ފިރިހެނުންނާއި ގުޅޭ ކަހަލަ މަސައްކަތްތައް އަންހެނުން ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން ފިރިހެނުންނާއި ގައިގޯޅިވެ މަސްހުނިވެ، ނިކުމެދާނެ ފިތްނަ ތަކުން ސަލާމަތް ވުމަށްޓަކައެވެ. އެފަދަ ކަންތަކުން ރައްކާތެރިވާން ޖެހެއެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ބަސްފުޅު މަތިން އަބަދާއި އަބަދު ހަނދާން ކުރާށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. (ما تركت بعدي فتنة أضر على الرجال من النساء وأن فتنة بني إسرائيل كانت في النساء) މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންގެ މައްޗަށް އަންހެނުންނަށް ވުރެ ބޮޑު ފިތުނަ އެއް ދުލެއް ނުކަރައްވަމެވެ. ހަމަކަށަވަރުން ބަނީ އިސްރާއީލުންގެ ފިތުނަ އަކަށްވީ އަންހެނުންނެވެ". އެހެންކަމުން، ކޮންމެ މީހެއްގެ މައްޗަށް ވެސް ވާޖިބު ވެގެންވަނީ އެމީހެއްގެ ބެލުމުގެ ދަށުގައިވާ އަންހެނާ މިފަދަ ނުބައި ފިތުނަ ތަކުން ސަލާމަތް ކޮށް ދިނުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ފިތުނަ އުފެދިދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެ ސަލާމަތްކަން ލިބިގަތުމެވެ".
އިސްވެ ބަޔާންކުރެވުނު ގޮތަށް ފިރހިނެނުންނާއި ގައިގޯޅި ވުމެއްނެތި، ޙިޝްމަތްތެރިކަމާއި ޢީއްފަތްތެރިކަމާ އެކު އަންހެނުން ވަޒީފާ އަދާ ކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. والله أعلم.
އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.
One Response
ވަރަށް ރަނގަޅު ވާހަކައެއް. މުސްލިމުން ފަސާދަކުރުމަށް އަންހެނުންގެ ހައްގޭ އަންހެނުންގެ ދުވަހޭ ބާރުވެރިކުރުމޭ އެބަކިޔާ. އިރުއަރާ އިރުއޮއްސޭ ކޮންމެދުވަހަކީ އަންހެނުންގެ އަދި ފިރިހެނުންގެވެސް ދުވަސް. އަންހެނުންނަށް ލިބެންޖެހޭ ހައްގުތަކުން މަހްރޫމްވާގޮތަށް އަމަލުތައް ބަހައްޓާނީ އިސްލާމްދީނަށް ލޯބިނުކުރާ ފިރިހެނުން. ޢެހެންވީމަ ދީންވެރި ފިރިން އިހްތިޔާރުކުރަންވީ. އަންހެނުން ބާރުވެރިކުރުމުގެނަމުގައި ފިރިންނާދެކޮޅަށް އެމީހުން މަގުމައްޗަށްނެރެ އެމީހުންގެ އަންހެންވަންތަކަން ގެެއްލޭހާގޮތަކަށް ހަޅޭއްލުމާއި ހަޑިހުތުރުބަހުން ވާހަކަދައްކައި ނުކިޔަމަންތެރިވުމަށް ހިއްވަރުދޭމީހުނަށް ހަލާކުހުރި.