ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް ނަޝީދު ދެއްކި ވާހަކަތަކަށް ހަސަންގެ ތާއީދު

ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް ނަޝީދު ދެއްކި ވާހަކަތަކަށް ހަސަންގެ ތާއީދު

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 12:42
0

ވެރިކަން ކުރަމުންދާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އެކީ މަސައްކަތް ކުރެވެން އޮތް ގޮތުގެ ތަފްސީލެއް ހާމަކުރައްވާފައި ވަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނަޝީދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި ކޯލިޝަން ހެދުމުގެ ފުރުސަތު ފަހިވާގޮތަށް ވާހަކަ ދައްކަވައިފިއެވެ.

މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ ބަހުގެ ހަމަލާތައް ރައްދު ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގައިވެސް އަދި ޕީޕީއެމްގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެމްބަރުން އެބަތިބި ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރާއްޖެ އަފްޣާނިސްތާނަށް ވުމަށް ނޫންކަމަށާއި، އެފުރުސަތު ދިވެހި ރައްޔިތުން ނުދޭނެކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގައިވޭ އުންމީދުތަކާއި އުސޫލުތަކެއް. އަޅުގަނޑުމެން ބޭނުމީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން. އެއީ ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމަތްވާން އޮތް މަގު. އެމްޑީޕީ އާއި ޕީޕީއެމް ގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެމްބަރުން އެބަތިބި.

– ހަސަން ވިދާޅުވިއެވެ.

“ޖަޒީރާ” ވަޓްސް އަޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޖިހާދީ ފިކުރުގެ މީހުން ގިނަ އަދަދަކަށް ތިބިކަމަށެވެ. އެމީހުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ކަމަށާއި، ޓްރެނިން ހަދަމުންދަނީ ރާއްޖޭގެ ފަޅު ރަށްތަކުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހިސާބަށް ކަންކަން ގޮސްފައިވާއިރު، ސަރުކަރުގެ ކޯލިޝަން ތެރޭގައިވެސް ތިބީ މިފަދަ ފިކުރުތަކަށް ތާއީދު ކުރާ މީހުންކަމަށެވެ. އެމީހުންނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާކަމަށާއި، ދީނީ ގޮތުން މެދު މިނުގެ ވިސްނުން ގެންގުޅުއްވާނަމަ ރައީސް ޔާމީންއާއި، ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއްނެތް. ރައީސް ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން.

– ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ކޯލިޝަން ހެދުމުގެ ވިސްނުން އެމްޑީޕީން ގެންގުޅުނު ނަމަވެސް ޕީޕީއެމްއިން ބުނެފައިވަނީ އެފަދަ ކޯލިޝަނެއް ހެދުމުގެ އެއްވެސް މަގެއް ނެތްކަމަށެވެ. އަދި އެމްޑީޕީއާއި ރައީސް ނަޝީދަކީ ޕީޕީއެމްއާއި ދިމާ އިދިކޮޅު ސިޔާސަތުތަކެއް ގެންގުޅޭ ބައެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.