ޗައިނާގައި ދިރުއުޅެމުންދާ ބައިމަދު މުސްލިމުންނާއި އަދި އުވީގަރ ދަރިކޮޅުގެ މީހުންނާމެދު ޗައިނާގެ ސަރުކާރުން އަމަލް ކުރަމުންދާ ގޮތުގެ ސަބަބުން، އެގައުމުގެ ބައެއް ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލު ހިފާނެކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނެފައިވަނީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ބޭއިންސާފުން އެގައުމުގެ ކުންފުނިތަކަށް ދަތި ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި، އަދި މި ފިޔަވަޅުތައް ބައިނަލް އަގުވާމީ ވިޔަފާރިއާއި އިގްތިސާދުގެ އުސޫލްތަކާވެސް ޚިލާފު ކަމުގައެވެ.
ޗައިނާއިން، "އެގައުމުގެ ކުންފުނިތަކުގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތް ކުރާނެ،" އާދީއްތަދުވަހު، ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް ޗައިނާއިން ދީފައެއް ނުވެއެވެ. އެހެންނަމަވެސް، ޗައިނާއިންވަނީ، އެގައުމުގެ އެންމެ ހުޅަގުގެ އަވަށްތަކުގެ ތެރޭގައި ހިމެނޭ ޒިންޖިއާން ސަރަައްދުގައި، މީހުން ބަންދު ކުރުމާއި އަދި އަޅު މަސައްކަތް ކުރުވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކޮށްފައެވެ.
އަދި ފަހަކަށް އައިސް ޗައިނާއިން ވަނީ އެގައުމުގެ ކުންފުނިތަކާއި އަދި އޮފިޝަލުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ވިސާ ދޫނުކުރުމާއި، އަދި ވިޔަފާރީގެ ގުޅުންތައް ގާއިމް ނުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ ޒިންގޖިއާންގ ޕްރޮވިންސްގައި ދިރިއުޅެމުންދާ ބައިމަދު މުސްލިމުން ހައްޔަރުކޮށްފަ ބޭތިއްބުމަށާއި އަދި އެމީހުންނަށް ދަތި ކުރުމަށްޓަކާ، ބއިޖިންގއިން ކުރިޔަށް ގެންދާ ކެމްޕޭންއަށް އެހީތެރި ވެދެމުންދަނީ، ޗައިނާގެ އިލެކްޓްރޯނިކްސް އަދި ޓެކްނޮލޮޖީ ފާރމްތަކާއި އަދި އެހެނިހެން ވިޔަފާރި ކުންފުނިތަކުން ކަމުގައެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އެމެރިކާގެ ކުންފުނިތަކުން، ޗައިނާގެ މި ކުންފުނިތަކަށް، ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ވިއްމުން މަނާކުރުމުވެ.
އެމެރިކާއިންވަނީ، ޗައިނާއިން އެގަމުގެ އުވީގަރ މުސްލިމް އާބާދީއާއި އަދި އެނޫނަސް ޗައިނާގައި ދިރިއުޅޭ ބައިމަދު އެހެނިހެން މުސްލިމް ދަރިކޮޅުތަކުގެ މުސްލިމުންނާ މެދު ޗައިނާގެ ސަރުކާރުން އަމަލް ކުރަމުދާ ގޮތުގެ ސަބަބުންނާއި އަދި، ޗައިނާއިން އެގައުމުގެ ސަރަހައްދެއްކަމުގައި ދެކޭ ހޮންގކޮންގ ޑިމޮކްރަސީއާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އެގައުމާ ދެކޮޅަށް އަޅަމުންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ފަހަކަށް އައިސް ވަރުގަދަ ކޮށްފައެވެ.
2017 ވަނަ އަހަރު ޗައިނަގެ ސަރުކާރުންވަނީ، އެގައުމުގެ ޒިންގޖިއާން ޕްރޮވިންސްގައި ދިރިއުޅެމުންދާ މިލިއަނެއްހާ ރައްޔިތުން އެ ސަރަހައްދުގައި ބަންދު ކޮށްފައެވެ.
ފާޑުކިޔާ ފަރާތްތަކުންވަނީ، ޗައިނާއިން މިސަރަހައްދުގެ މުސްލިމުން ލައްވާ އަޅު މަސައްކަތް ކުރުވާ ކަމަށާއި، އަދި ލާއިންސާނީ އަނިޔާތައްކޮށް، މި މީހުންނަށް މަޖުބޫރު ކޮށްގެން ދަރިން ނުލިބޭގޮތް ހަދާ، ބައިމަދު މުސްލިމުންގެ މި އާބާދީ ރޫޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، ޗައިނާގެ ޒިންގޖިއާންގެ މުސްލިމުންނާމެދު އަމަލްކުރަމުންދާ ގޮތުގެ ސަބަބުން، ޗައިނާގެ 14 ކުންފުންޏެއް ބްލެކްލިސްޓު ކޮށްފައިވާ ކަމަށާއި، އަދި އިރު 5 ކުންފުންޏެއް، ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ސަބަބުން ބްލެކް ލިސްޓް ކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ