ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޮޑި ގާޑުންނާއި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމްގުގެ އަގު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އިންކުއރީ ރިޕޯޓްގައި ހިމަނައިފިއެވެ.
ރައީސް ނަޝީދަށް ދިންހަމަލާއާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން އެކުލަވާލާ މަޖިލީހުން ރޭ ފާސްކުރި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓް މިހާރު ވަނީ ޢާންމުކޮށްފައެވެ. އެ ރިޕޯޓްގައި ހިމެނޭ ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން އުނިކުރަނެކަމަށް ބުނެ، ފުރަތަމަ ޢާންމުކުރި ރިޕޯޓްގައި އެފަދަ މަޢުލޫމާތުތައް ކުލަ ޖައްސަލއި ފޮރުވަން މަސައްކަތްކޮށްފައ ހުރިނަމަވެސް އެހުރީ ކިޔަން އެނގޭގޮތަށެވެ. އެކަން ފާހަގަވުމާއެކު މަޖިލީހުން ވަނީ އެރިޕޯޓް ނަގައި އިޞްލާހުކޮށްފައެވެ.
މަޖިލީހުން އެކުލަވާލި 270 ޞަފްހާއެއްހާ އެ ރިޕޯޓްގައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ކަންހިނގައިދިޔަ ގޮތުގެ ތަފްސީލީ މަޢުލޫމާތުތަކެއް ހިމަނާފައެވެ.
އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދުގެ ސެކިއުރިޓީން ޢަމުކުރި ގޮތް ހިމަނާފައިވާއިރު، މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު ކާރުކޮޅަށް އަރައިވަޑިގަންނަވަނިކޮށް ނީލޯފަރު ހިނގުން މަގުގެ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލާފައި ވަނީ، އެމަނިކުފާނުގެ ސެކިއުރިޓީގައި ހިމެނޭ ތިން ބޮޑީގާޑުންގެ ތެރެއިން ޕްރައިވެޓް މުހައްމަދު ރިޝްވާން، ކާރުކޮޅުގެ ދޮރު ހުޅުވުމަށް އަތްޖައްސައިލިވަގުތުކަމަށް ރިޕޯޓްގައި ވެއެވެ.
އެވަގުތު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގަންނަވަން ދަނިކޮށް، އެ މަނިކުފާނުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު (ޕީއެސްއޯ) ސާޖެންޓް އިލްހާމް އާދަމް ނަޝީދު ހިފެހެއްޓެވިކަމަށާއި، އެމަނިކުފާނު އެއްކޮށް ބިންމައްޗަށް ނުވެއްޓޭނީސް ގައިގައި ހިފެހެއްޓިކަމަށްވެސް ސާޖަންޓް އިލްހާމް އަހުމަދު ވިދާޅުވެފައިވެއެވެ. އޭރު ރައީސް ނަޝީދުގެ ހަށިކޮޅުގެ އެކިއެކި ތަންތަނުން ލޭއޮހޮރެމުން ދިޔަ ކަންވެސް ފާހަގަކޮށްފައިވެއެވެ. ސާޖެންޓް އިލްހާމް ނަޝީދުގެ ދެ ކިހިލިފަތްދަށަށް އަތްލައްވައި އަތްދަނޑި މައްޗަށް ނަގައި ކާރުކޮޅަށް އެރުވިކަމަށް އިންކުއަރީގައި އޭނާ ކިޔައިދީފައިވެއެވެ. އެހެންނަމަވެސް، އެ ކާރު ނުދުވާކަމަށް ކަމަށް ޑްރައިވަރު ސްޓާފް ސާޖެންޓް އަބްދުﷲ އާއިދު ބުނިކަމަށް އިލްހާމް ކިޔައިދީފައިވެއެވެ.
ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ އަގު ވަޒަންކުރުމަށްވެސް އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ނުރައްކާނުވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފައިވެއެވެ. ހަށިގަނޑުގެ އެތައް ތަނަކަށް ޒަހަމަށްތައް ލިބިފައިވާއިރު، ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ޑޮކްޓަރުން ބުނެފައިވަނީ ރައީސް ނަޝީދުގެ ހާލަތު މިވަގުތު ސްޓޭބަލް ކަމަށްވީނަމަވެސް އެމަނިކުފާނަށް ފަރުވާ ދެމުންދަނީ ވަރަށްގާތުން ސީރިއަސް ޕޭޝަންޓެއްގެ ގޮތުގައި ބަލައިގެކަމަށެވެ.
ޑޮކްޓަރުން ބުނިގޮތުގައި އޮޕަރޭޝަންކޮށް ބެލިއިރު، އެ ދަގަނޑުކޮޅު ތެރެއަށް ވަދެގެން ގޮސް މޭގެ ކަށިގަނޑެއްގައި ޖެހި، ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ. އެ ކަށިގަނޑަށް ވުރެ ތަންކޮޅެއް ތިރިން އެ ރޭޒާ ފުށް ދިޔަ ނަމަވެސް އޭތި ގޮސް ވަންނާނީ ހިތަށެވެ. އެފަދަ ހާލަތެއް ކުރިމަތި ނުވި ކަމީ ޑޮކްޓަރުން ވިދާޅުވި ގޮތުން ވަރަށް ބޮޑު ނަސީބެކެވެ. އެކަމަކު ކަށިގަނޑަށް ގެއްލުން ލިބުމުން އޭގެ ކުނޑިތައް ފުއްޕާމެއަށް އެޅިފައި ހުއްޓެވެ. އަދި ފުއްޕާމޭގެ ބައެއް ތަންތަނުގައި ޕެޗް އަޅަން ޖެހުނެވެ.
އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ރައީސް ނަޝީދަށް ފަރުވާ ދެއްވުމަށް ކުރެއްވި މަސައްކަތާއި، ފަރުވާދެއްވި އަވަސްމިނަށް ގިނަބަޔަކު ތައުރީފްކޮށްފައިވެއެވެ.
ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމުގެ މަސައްކަތް ފާހަގަކޮށްފައެވެ. ރައީސް ނަޝީދު ވިދާޅުވީ އޭޑީކޭގެ ދިވެހި ޑޮޮކްޓަރުންނާއި ނަރުހުންގެ ހުނަރާއި އޯގާތެރިކަމާއި ކުޅާދާނަކަމުން "ހަމަ ފިތްކަނޑައިގެން ގޮސްފި"ކަމަށެވެ.
ކޮމެންޓު ފޮނުވާ