އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އިހުލާވި ވެރިން މަޤާމުތަކުން އިސްތިއުފާ ދެއްވުމަށް ގޮވާ އަޑު ގަދަވެއްޖެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމުން ވަނީ ރޭ ފާސްކޮށްފައެވެ. ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް މިހާދިސާގެ މައުލޫމާތު ވަނީ ހިމަނާފައެވެ. އަދި މިރިޕޯޓުގައި ވަޒީރުންގެ ތެރެއިން މިކަމުގައި އެންމެ ބޮޑަށް އިގިލި ދިއްކުރަމުންދިޔަ ވަޒީރުން މިކަމުގައި އަމަލުކޮށްފައިވާ ގޮތް ތަފްސީލާއިއެކު ވަނީ ހިމަނާފައެވެ.
އިންކުއަރީ ރިޕޯޓުގައި ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެއެވެ. މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.
ހަމަލާގެ ކުރިން އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު މާރިޔާ ސިއްރުކުރުން:
އިންކުއަރީ ރިޕޯޓުން އެނގޭ ގޮތުގައި މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ އަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިނިސްޓަރު މާރިޔާ އަށް އިލްޔާސް ގުޅުއްވީ އޭނާ އަށް ލިބުނު މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރެއްވުމުން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސް އަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި ތިންވަނަ ދުވަހު އިލްޔާސް ގުޅުއްވުމުން މާރިޔާ އެރޭ އެ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މެއި ހަތަރު ވަނަ ދުވަހު މިނިސްޓަރު މާރިޔާ، އިލްޔާސް އަށް ގުޅުއްވުމުން އޭނާ ވަނީ ލިބިވަޑައިގެންނެވި މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބަޔަކަށް ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެ ފޯން ކޯލްގައި އިލްޔާސް ވިދާޅުވެފައިވެއެވެ.
މާރިޔާގެ އެންމެ ބޮޑު އިހްމާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މެންބަރު އިލްޔާސް ހުށަހެޅުއްވި މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމެވެ. ކޮމިޓީއަށް ހާޒިރު ކުރި ސިފައިންގެ އިސްވެރިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ފަރާތުން ވެސް، މިނިސްޓަރު މާރިޔާ އަށް ލިބުނު މައުލޫމާތު ހިއްސާކުރައްވާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މިނިސްޓަރު މާރިޔާ އެގޮތަށް އަމަލުކުރީ އެއީ "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އެކަމަނާ އިންކުއަރީ އަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މާރިޔާ އަށް، މެންބަރު އިލްޔާސްގެ ފަރާތުން މައުލޫމާތު ލިބުމާ ގުޅިގެން މެއި ހަތަރުވަނަ ދުވަހު މިނިސްޓަރު މާރިޔާ ވަނީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވާ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ވެރިން ހިއްސާކުރެއްވި މައުލޫމާތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އިލްޔާސް ހިއްސާކުރެއްވި މައުލޫމާތުާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން އެމްއެންޑީއެފްގެ އިސްވެރިންނަށް މައުލޫމާތު ހިއްސާ ނުކުރެއްވީ ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.
އިމްރާނަށްވެސް ބޮޑެތި ތުހުމަތުތަކެއް:
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ފަސް އިދާރާއެއް ކަނޑައަޅާފައިވެ އެވެ. އެ އިދާރާތަކަކީ އެމްއެންޑީއެފް، ޕޮލިސް، ކަސްޓަމްސް، އިމިގްރޭޝަން އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއެވެ.
މި ފަސް އިދާރާގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް ނުވަތަ އުސޫލެއް ގާއިމުކުރަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ލާޒިމްކޮށްފައިވެއެވެ. ގާނޫނުގެ 19 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ (ހ)ގައިވާ ގޮތުން އެކަން ކުރައްވަންޖެހޭ ފަރާތަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އިންކުއަރީ ރިޕޯޓްގައިވާ ގޮތުން އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ އޮނިގަނޑެއް ނެތުމުން މައުލޫމާތު ބަދަލުކުރުމުގައި އެއްވެސް ހަރުދަނާ ކަމެއް ނެތެވެ. އިދާރާތަކުން މައުލޫމާތު ބަދަލުކުރަނީ ކޮންމެ އިދާރާއެއް ވަކިން ހަދާފައިވާ އުސޫލެއްގެ ތެރެއިން އެ އިދާރާ އަކަށް ފެންނަ ގޮތަކަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ލާޒިމުކުރާ އޮނިގަނޑު ހަދާފައި ނުވި ނަމަވެސް އެޓާނީ ޖެނަރަލްގެ ލަފާ ލިބިގެން ކަމާ ގުޅޭ ގަވައިދެއް ހަދައި މިއަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ގަވައިދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވައިދުގެ ދެވަނަ ބާބުގައި ހާއްސަކޮށްފައިވަނީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ބާބުން ބާރު ލިބިގެން ކަމާ ގުޅޭ މުއައްސަސާ ތަކުގެ މެދުގައި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ތަންފީޒު ކުރާނެ ގޮތުގެ ޕްރޮސީޖުރަލް ފްރޭމްވާކެއްގެ ޑްރާފްޓް، އިސް އިދާރާގެ ހައިސިއްޔަތުން ފުލުހުން އެކުލަވާލާފައިވެ އެވެ. އެކަމަކު ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އެ ފްރޭމްވާކް ވެސް ފައިނަލް ކުރެވިފައެއް ނުވެއެވެ.
އިހުމާލުވި ވަޒީރުންގެ އިސްތިއުފާގެ އަޑު ވަނީ ގަދަވެފަ:
ރިޕޯޓުގައި ފާހަގަކޮށްފައިވާ މިކަންކަމާއިއެކު މިދެބޭފުޅުންގެ އިސްތިއުފާއަށް ގޮވާ އަޑުވަނީ ގަދަވެފައެވެ. ހުދު ރައީސް ނަޝިދުގެ އާއިލީ ބޭފުޅުންވެސް ދަނީ މިނިސްޓަރ މާރިޔާއާއި މިނިސްޓަރ އިމްރާނަށް ނިސްބަތްކޮށް، އެކި ޓްވީޓުތައް ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނާއި، ޤާނޫނީ ފުންނާބު އުސްބޭފުޅުންވެސް ދަނީ މިކަމުގައި އިހުމާލުވި ބޭފުޅުން އަމިއްލަ ފުޅަކަށް ކަންކަން ނުކުރެވުނުކަމަށް ގަބޫލުކޮށް މަޤާމުން އެއްފަރާތްވުމަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ