ނަފްރަތުގެ ބިލް: މެމްބަރުންގެ މެދުގައި ނަފްރަތު އުފެދި، ބައިބައި ވުމުގެ އަސްލަކަށް!

ނަފްރަތުގެ ބިލް: މެމްބަރުންގެ މެދުގައި ނަފްރަތު އުފެދި، ބައިބައި ވުމުގެ އަސްލަކަށް!

Author
ހުސެއިން
09 ޖުލައި 2021 09:03
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލަކީ، އެތައް ގޮތަކުން ގިނަ ބައެއްގެ ޚިޔާލުތަފާތުވުން އެބިލަކާ ގުޅޭގޮތުން ދިވެހި މުޖުތަމައުގެ ތެރޭގައި އުފެދިގެން ގޮސްފައިވާ ބިލެކެވެ.

އަދި މި ބިލް ވެގެން ދިޔައީ ފަހަކަށް އައިސް، މި ބިލާގުޅޭގޮތުން މުޅި މުޖުތަމަޢުގެ ގިނަ ބައެއްގެ ފާޑިކިއުން މިބިލަށް އަމާޒުވެ، ގިނަ އަދަދެއްގެ ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ދިނީ އިލްމުވެރިންނާއި އަދި މީގެ އިތުރުން އެމްޑީޕީ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓިތަކުންވެސް އެބިލަކާ ދެކޮޅަށް ފާޅުގައި ތެދުވި ބިލެއްކަމުގައެވެ.

ހަމަ އެފަދައިން، މުޖަތަމަޢުގެ އެތައް ގިންތިއަކުން މިބިލާ ދެކޮޅު ހަދަމުންދިޔައިރު، އެންމެ ބޮޑަށް ފާހަގަވާން އޮތް އަނެއްކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވެސް މިބިލާ ފެށުނީއްސުރެ ދެކޮޅު ހައްދަވަމުން ގެންދަވާފައި ވާކަމެވެ. މީގެތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ހިމެނި ވަޑައިގަންނަވައެވެ.

މީގެ އިތުރުން، މަޖިލީހުގެ 10 މެމްބަރަކުވަނީ، ކޮމީޓީން މިބިލް ދިރާސާކޮށް ނިންމި ގޮތް ގަބޫލު ނުކުރެވޭނަކަަމަށް ވިދާޅުވެ، މިބިލް ފާސްނުކުރުމަށް އިލްތިމާސްކޮށް ގުޅިފައިވާ ބަޔާނެއްވެސް ނެރުއްވާފައެވެ. 10 މެމްބަރުންގެ ޝަކުވާއަކަށްވީ، ދައުލަތުގެ މުހިންމު ބައެއް މުވައްސަސާތައް ކަމުގައިވާ، ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި ވަކީން ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީން މިބިލަށް ހުށަހެޅުއްވި ޚިޔާލުތަަކަށް ކޮމިޓީ މަރުހަލާގައި ރިއާޔަތް ކޮށްފައި ނުވުމެވެ.

މިގޮތުން އުފެދިގެން ދިޔަ މިހުރިހާ ޚިޔާލު ތަފާތުވުންތަކާއެކު، މަޖިލީހުގެ ފްލޯއަށް ކޮމިޓީރިޕޯޓު ހުށަހެޅުމަށް އެޖެންޑާވެސް ކުރުމަށްފަހު، ބިލް އިއްޔެ މިވަނީ އަނެއްކާ ކޮމިޓީއަށް އަބުރާ ގެންގޮސްފައެވެ.

ޏަފްރަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ނަފްރަތުގެ ބިލަކީ ދިނީ އިސްލަމީ ޝަރީއަތާ އެއްގޮތަށް ހުށަހެޅުއްވި ބިލެއް ކަމަށް

ނަފްރަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، މީގެ ކުރިން މަޖިލީހުގައި މި ބިލް ދިފާޢު ކުރައްވަމުން ވިދާޅުވެފައި ވަނީ ނަފްރަތުގެ ބިލަކީ ދިނީ އިސްލަމީ ޝަރީއަތާ އެއްގޮތަށް ހުށަހެޅުއްވި ބިލެއް ކަމުގައެވެ.

އެހެންނަމަވެސް، ގަބޫލު ކުރެވޭގޮތުގައި، މިބިލް އަބުރާ ކޮމިޓީއަށް ގެންދަން ޖެހުނީ، މިބިލް މަޖިލީހުގެ ފްލޯގައި ވޯޓަށް އަހައިގެން ފާސްނުވާނެކަން، އިއްޔެގެ ހާޒިރީ ހުރިގޮތުން ޔަގީވެގެން ދިއުމުންނެވެ.

ނަތީޖާއެއްގެ ގޮތުން އިއްޔެގެ މަޖިލިސް ފްލޯއިން ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރު ތަކެކެވެ. މެމްބަރުން، މެމްބަރުންނަށް އެތައް ތުހުމަތުތަކެއް އަމާޒުކޮށް، އަދި ބައެއް މެމްބަރުން ސަރުކާރަށް ފާޑުކިއުމުގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.

 

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ނަފްރަތާއި، ބޮޑެތި ބައިބައި ވުންތަކެއް

ނަފްރަތުގެ ބިލް ކޮމިޓީ މަރުހަލާއިން ނިންމާ، މަޖިލީހުގެ ފްލޯރއަށް ހުށަހެޅުމަށްޓަކާ އެޖެންޑާ ކުރުމަށްފަހު އެޖެންޑާއިން ނަގާ އަނެއްކާވެސް މި ބިލް މިވަނީ އަބުރާ ކޮމިޓީއަށް ފޮނުވާފައެވެ.

މުޅި މުޖުތަމައުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ހުރި މިބިލް، މަޖިލީހުގެ ފްލޯރއަށް ހުށަހަޅަން ތާވަލް ކުރުމަށްފަހު ރިޔާސަތުން ބިލް އަބުރާ ގެންދަން ޖެހުނީ، ގަބޫލު ކުރެވޭގޮތުގައި މި ބިލާ ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުން ތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

އިއްޔެގެ މަޖިލިސް ފްލޯގައި، އެމްޑީޕީގެ ބައެއް މެމްބަރުން، ހަމަ އެޕާޓީގެ މެމްބަރުންނަށް ދެއްވި ރައްދުތަކުންނާއި، އަދި ސަރުކާރަށް އަމާޒުކުރި ފާޑުކިއުންތަކުން މިކަން ވަރަށްވެސް ރަގަޅަށް ސިފަވެގެން ދިޔައެވެ.

މިގޮތުން އެންމެ ބޮޑަށް މަޖުލިހުގެ ތަޅުމުން ފާހަގަ ވެގެން ދިޔައީ، އެމްޑީޕީގެ، މަޖިލިސް ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލިސް ފްލޯގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވި ގޮވުމެވެ.

މިގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އެކަށީގެންވާ ގޮތަށް ތަހުގީގް ކުރެވިފައި ނުވާތީ ކެބިނެޓް އުވާލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޤާމުން އިސްތިއުފާ ދެއްވުމަށް ބޮންޑޭވަނީ ގޮވާލައްފާއެވެ. އަދި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ނަފްރަތުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ގަސްތުގައި، ނަޝީދަށް ދިން ހަމަލާގެ ފޯކަސް ގެއްލުވާލުމުގެ މަގުސަދުގައެވެ.

މިއީ، މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި، އެމްޑިޕީއަށް ނިސްބަތްވާ މެމްބަރަކު ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވި ފުރަތަމަ ފުރަތަމަ ފަހަރުވެސް މެއެވެ.

އަދި ހަމަ އެފަދައިން، މީގެ އިތުރުންވެސް، ނަފްރަތުގެ ބިލުގެ މައްސަލާގައި، މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އޮތް ނަފްރަތާއި، ރުޅިވެރިކަން، މިނޫނަސް އެޕާޓީގެ ޕީޖީ ގުރޫޕަށް ނިސްބަތްވާ އެތަކެއް މެމްބަރުންނެއްގެ ވާހަތަކުން ސާފުވެގެން ދިޔައެވެ. މީތެރޭގައި، ނަފްރަތުގެ ބިލް ކޮށާ މަށާ، ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރި ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ވާހަ ފާހަގަ ކޮށްލެވެއެވެ.

ނަފްރަތުގެ ބިލް ދިރާސާކުރި، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރި އިމްތިޔާޒު ފަހުމީ

މިގޮތުން، ސަރުކާރުން މި ބިލް ދިފާއުކޮށް މި ބިލަށް ތާއިދު ނުކުރި ކަމަށް ތުހުމަތުކުރައްވައި، އިމްތިޔާޒް ފަހުމީ (އިންތި) ވަނީ މަޖިލިހުގައި ވާހަކަ ދައްކަވާފައެވެ.

"މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަށް ފަހު ބިލު ދިފާއުކުރެއްވުމަށް ސަރުކާރުން ނުކުންނެވި ތަން ނުފެންނާތީ އަޅުގަނޑު އިންތިހާ އަށް ކަންބޮޑުވަން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުންވެސް، މިބިލް މަޖިލީހުގެ އިއްޔެގެ އެޖެންޑާގައި ހިމެނިގެން ނުދިއުމުން އެކަމާ ހިންހަމަ ނުޖެހުން ފާޅުކޮށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މީކާއިލް ނަސީމް ވަނީ، މަޖިލީހުގައި އޮތީ ފިނޑި ސުޕަރ މެޖޯރިޓީއެއް ކަމަށް ވިދާޅުވެ، މަޖިލިހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުންނަކީ ފިނޑި ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މީކާއިލް ވިދާޅުވީ މިބިލް މަޖިލީހަށް ފޮނުވީ ސަރުކާރުން ކަމަށެވެ. މިބިލް ފޮނުވުމަށްފަހު ސަރުކާރުން މިބިލް ހިސާން ބޮލަށް ޖަހާފައި ހިސާން ހަވަރަށް ދީފައިވާކަމަށެވެ. މީކާއިލް ވަނީ ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން، ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ރައީސް ޞާލިހަށާއި، ކޯލިޝަން ލީޑަރުންނަށްވެސް ރައްދު ދެއްވާފައިވެއެވެ.

މިގެއިތުރުންވެސް، މަޖިލިހުގެ ފްލޯގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުންގެ ތެރެއިން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންވަނީ، ރައީސް ސޯލިހަށާއި، އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުނަށް ބަހުގެ ހަމާތައް ދެއްވާ، ރުޅިވެރިކަމާއިއެކު އެ މެމްބަރުންގެ ހިތުގައި އުފެދިފައިހުރި ނަފްރަތާއި އުދާސްތައް ބަންޑުން ކޮށްފައެވެ.

 

ބިލްގެ ސަބަބުން މެމްބަރުންގެ މެދުގައި ނަފްރަތު

ނަފްރަރުގެ ބިލް ފާހަގަ ވެގެންދިޔައީ ފެށުނީއްސުގެ މެބްރުންގެ މެދުގައި ޚިޔާލުތަފާތުވުން އޮތް ބިލެއްގެ ގޮތުގައެވެ. އެއީ އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭ ގޮތުންނެވެ.

މިގޮތުން، މި ބިލް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހަޅުއްވާ، ބިލް ބަލައިގަންނަން މަޖިލީހުގައި ނެގި ވޯޓުގައިވެސް ބިލް ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ 4 މެމްބަރަކު ވޯޓު ދެއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި، މި ބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބިލަކަށް ވާތީ، ބިލާ ދެކޮޅު ހައްދަވަން ކެރިވަޑައި ނުގެން، އެހެންނަމަވެސް، ބިލަށް ތާއީދު ނުކުރައްވާ މިނޫނަސް އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ތިއްބެވިކަން މިއީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮންމެއަކަސް، މަޖިލިހަށް ނަފްރަތުގެ ބިލް ހުށަހެޅިގެން ދިއުމާއެކު، އާންމު ރައްޔިތުންގެ ތެރޭގައި ބިލް ފަރުމާ ކޮށްފައި އޮތްގޮތާމެދު އުފެދިގެންދިޔަ ނަފްރަތުގެ ރާޅު މަޖިލިސް މެމްބަރުންގެ ބޮލަށް ބިންދާލީ ވަރަށްވެސް ބޮޑުކޮށްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ބެލެވޭ ގޮތުގައި، ގިނަ އަދެއްގެ ރައްޔިތުންގެ ޝުޢޫރު ހުރިގޮތް އެއަށްފަހު ސަރުކާރަށްވެސް ވަނީ ވަރަށް ބޮޑަށް ވަޒަން ކުރެވިގެން ގޮސްފައެވެ.

ކަމުގެ ހަގީގަތަކީވެސް އެއީއެވެ. ގައުމުގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް މަޖިލީހުން ބިލެއް ފާސްކުރުމަށް ތާއީދު ކުރުން އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ވެގެނެއް ނުދާނެއެވެ. އަދި އެކަން އެގޮތަށް ކުރުމުން އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމާއުގައި އުފެދިގެންދާ ނަފްރަތާއި، ގެއްލިގެންދާ ސުލްހަ މަސްލަހަތު ފާއިތުވެދިޔަ ވެރިކަމުގެ ވަނީ ވަރަށްވެސް ރަގަޅަށް، އެހާމެ ގާތުން ފެނިގެން ގޮސްފައެވެ.

މަޖިލީހަށް ހުށަހެޅިފައި އޮތް ނަފްރަތުގެ ބިލަށް އެންމެ ބޮޑަށް ތާއީދު ކުރައްވަ އެއް މެމްބަރު މީކާއިލް ނަސީމް

އަދި މީގެއިތުރުން، ފާހަގަވަން އޮތް ކަމަކީ، މި ބިލާގުޅޭގޮތުން، ދައުލަތުގެ ދެމުވައްސަސާއެއް ކަމުގައިވާ، އިސްލާމިކް މިނިސްޓްީއާއި، ހިއުމަންރައިޓްސް ކޮމިޝަނުން ހުށަހެޅުއްވި އިސްލާހުތަކެވެ. ގިނަ މެމްބަރުން ތުހުމަތު ކުރައްވާގޮތުގައި، މަޖިލިހުގެ ކޮމިޓީގައި، މިބިލް ދިރާސާކޮށް ނިންމިއިރު މި ދެމުވައްސަސާގެ މުހިންމު އިސްލާހުތަކަށް ކޮމިޓީން ރިއާޔަތް ކޮށްފައެއް ނުވެއެވެ.

މިހުރިހާ ސަބަބުތަކެއް މި ބީދައިން ހުރިކަމުގައިވި ނަމަވެސް، މިބިލް މަޖިލީހުގެ ފްލޯއާއި ހަމައަށް އައިއިރު، މިބިލުގެ ޒަރީއާއިން އެމްޑީޕީގެ މެމްބަރުގެ މެދުގައި އުފެދިގެން ދިޔަ ނަފްރަތާއި ރުޅިވެރިކަން ކުޑަ ކަމުގައި ދެންނެވޭކަށް ނެތެވެ.

އަދި ވަކީން ޚާއްސަކޮށް، ނަފްރަތުގެ ބިލް އިއްޔެގެ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވި ދިއުމުން، މެބަރުންގެ މެދުގައި އުފެދިގެން ދިޔަ ނަފްރަތާއި ރޯވެގެންދިޔަ ރުޅިވެރިކަމުގެ އަލިފާން މިވަނީ އެތައް ގުނައެއް ބޮޑުވެގެންވެސް ގޮސްފައެވެ.

މިބިލް ހަގީގަތުގައިެވެސް އެންމެފަހުން ވެގެން މިދިޔައީ، މެމްބަރުންގެ މެދުގައި ނަފްރަތު އުފެއްދި ބިލަކަށެވެ. މިހާރުވެސް ފެކްޝަން އުފެދި، ބޮޑެތި ބައިބައިވުންތަކެއް އުފެދިފައި އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު އިތުރަށް ރޫޅި ބައިބައި ކުރުވި ބިލަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
އިސްލާމްދީނަށް ފުރަށްސާރަކޮށް އިސްލާމްދީނަށް މަލާމަތްކޮށް ހަޖޫޖަހާމީހުން އުމުރުދުވަހަށް ޖަލަށްލެވޭގޮތަށް ބިލްފާސްކުރަންވީ އޭރަށް މިރާއްޖެއަށް ހަމަޖެހުން ލިބޭނެ ވަރަށްސާފް އިނގޭތޯ
ނ ނަފުރަތު
ނަފުރަތުގެ ބިލުގެ ސަބަބުން މުޅިޤައުމުވެސް މިވަނީ އެންމެހައި ރަޢިއްޔަތުންގެ މެދުގައި ނަފުރަތު އުފައްދައި، ޚާއްޞަކޮށް ޢިލްމުވެރިންގެ މެދުގައިވެސް ޚިޔާލުތައް ފާޅުކުރާފަރާތްތަކަށް އަމާޒުކޮށް ނަފުރަތު އުފައްދާފައި.. ހިންހަމަޖެހުމާއި، އަމާންކަންމަތީގައި އުޅެމުންދިޔަ އެއްބަނޑު އެއްބަފާ ކުދިންނާ ޢާއިލާތަކުގެ ދެމެދަށްވެސް މިބިލުގެ ސަބަބުން ނަފުރަތު އުފައްދާ ބައިބައި ކުރުވާފައި. މާތްﷲ އަޅަމެންނަށް މިނޫން ވެރިކަމެއް މިންވަރު ކުރައްވާށި.! އާމީން....