ތުރުކީގެ، ކުރުދީންނަށް ތާއިދުކުރާ، ގޮޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ، އިދިކޮޅު އެކްޓިވިސްޓު ޖަލުން މިނިވަންކުރުމަށް ތުރުކީގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ހުކުން ކޮށްފައިވާ ކަމަށް، ލޯކަލް މީޑިއާތަކުންނާއި އަދި އޭނާގެ އާއިލާއިން ބުނެފިއެވެ.
އޭނާ ޖަލަށް ލެވިފައިވަނީ، ޓެރަރިޒަމްގެ ތުހުމަތުގައި ފާއިތުވެދިޔަ އެޕްރިލް މަހުން ފެށިގެންނެވެ.
ތުރުކީގެ ޕީޕަލްސް ޑިމޮކްރަޓިކް ޕާރޓީ (HDP)އަށް ނިސްބަތްވާ، އިންސާނީ ހައްގުތަކަށް ވަލާތުކުރާ އުމަރު ފާރޫގް ގާގާލިއޮގްލު ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، އޭނާ ތުރުކީގެ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވުމުގެ ކުރިން 2016 ވަނަ އަހަރު އޭނާ އޮންލައިކޮށް ކޮށްފައިވާ ޕޯސްޓަކުން ޓެރަރިސްޓް ޕްރޮޕަގެންޑާ ފެތުރުމަށް ހިތްވަރު ދިންކަމަށް ސާބިތުވެ 2 އަހަރާއި ބައިގެ މުއްދަތަކަށް، މިއަހަރުގެ އެޕްރިލް މަހުއެވެ.
އޭނާ އޮންލައިންކޮށް ކޮމެންޓް ކޮށްފައިވަނީ، ތުރުކީގައި މަނާކުރެވިފައިވާ ކުރިދީންގެ ހަގުރާމަ ވެރިންނާއި ތުރުކީގެ ސަރުކާރުން ސުލްހަވުމާއި ގުޅޭގޮތުން ޝާޢިއު ކޮށްފައިވާ ރިޕޯޓަކަށެވެ.
އެޕްރިލްމަހުން ފެށިގެން އޭނާ ބަންދު ކުރެވިފައިވަނީ، ތުރުކީގެ ވެރިރަށް އަންކާރާގެ ރަށްބޭރުގައި ހުންނަ ސިންކަން ޖަލުގައެވެ. އޭނާ ޖަލަށް ލާން ހުކުމް ކުރުމާގުޅިގެން އޭނާއަށް ވަނީ މަޖިލިހުގެ ގޮޑި ގެއްލި، އަދި ލިބިފައިވާ އިނާޔަތްތަކުންވެސް މަހުރޫމް ވެފައެވެ.
ފާއިތުވެދިޔަ ހަފްތާގައި ތުރުކީގެ އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ކޯޓުންވަނީ، އޭނާގެ އިންތިޚާބީ ހައްގުތަކާއި އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ ހައްގުވެސް އެނާގެ ކިބައިން ނިގުޅައިގެންފައި ވާކަމަށް ހުކުމް ކޮށްފައެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދަށުކޯޓުން އަންގާރަ ދުވަހު ވަނީ، މަތީ ކޯޓުގެ ހުކުމާ އެއްގޮތްވާ ގޮތުގެމަތިން، އުމަރު ފާރޫގު މިނިވަން ކުރުމަށް އަމުރު ކޮށްފައެވެ.
"ކޯޓުގެ ނިންމުން މިހާރުވަނީ ޕްރޮސެކިއުޓަރުގެ އޮފީހަށް ފޮނުވިފަ، އެމީހުން މިއަދު އަހަރެންގެ ބައްޕަ ދޫކޮށްލާނެ. އަހަރެން މިދަނީ ބައްޕައާއި ހަވާލުވުމަށް ތައްޔާރު ވަމުން،" އުމަރު ފާރޫގުގެ ދަރިފުޅު ޓުވީޓް ކޮށްފައި ވެއެވެ.
ތުރުކީގެ ޕީޕަލްސް ޑިމޮކްރަޓިކް ޕާރޓީ (HDP)އަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ. އަދި، މިޕާޓީއަކީ ތުރުކީގެ މުވައްސަސާތަކުން އަބަދުވެސް ފާރަލާ ބަލަމުން އަންނަ ޕާޓީއެކެވެ. އަދި އެތައް ފަހަރެއްގެ މަތިން މިޕާޓީއަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންނާއި، އަދި ލީޑަރުންވެސް ވަނީ ހައްޔަރު ކުރެވިފައެވެ. މީގެ ތެރޭގައި ޕާޓީގެ ކުރީގެ ކޯ-ޗެއަރ ސެލަހަތިން ޑެމިޓާސްވެސް ހިމެނެއެވެ.
ފާއިތުވެދިޔަ މަހު، ތުރުކީގެ ކޮންޓިޓީއުޝަނަލް ކޯޓުންވަނީ، މި ޕާޓީއާއި، ތުރުކީގައި މަނާ ކުރެވިފައިވާ ކުރުދީ ހަގުރާމަވެރިންނާ އޮން ގުޅުމުގެ ސަބަބުން، ޕާޓީގެ ޝަރީއަތް ކޯޓުގައި ފެށުމަށް ތައްޔާރު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މިޕާޓީވެސް ތުރުކީގައި ހިންގުން މަނާވެ ދިއުމުގެ ފުރުސަތު އެބައޮތެވެ.
ތުރުކީގެ ޕީޕަލްސް ޑިމޮކްރަޓިކް ޕާރޓީ އިންވަނީ، ޓެރަރިޒަމާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ. އަދި މި ޕާޓީން ވަނީ، އެޕާޓީއާއި ދެކޮޅަށް ހިންގޭ ހަރަކާތްތައް ބަޢާވާތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
ކުރުދިސްތާން ވޯކާރސް ޕާޓީ (PKK)އިން ދަނީ، 1984 ވަނަ އަހަރުން ފެށިގެން ތުރުކީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންނެވެ. އަދި މި ހަމަނުޖެހުންތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކުވަނީ މަރުވެފައެވެ.
ތުރުކީގެ ސަރުކާރުންނާއި އަަދި ތުރުކީގެ ގާތް ހުޅަގުގެ ބައެއް ގައުމުތަކުންވަނީ ޕީކޭކޭއަކީ ޓެރަރިސްޓް ޖަމާޢަަތެއްގެ ގޮތުގައި ކަޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ