ވެރިކަމާއި ހަވާލުވާތާ 1 ގަޑިއިރުތެރޭ، މިސަރުކާރުގެ ވެރިންނަށް ނުފުރޭ ގޮތް ހަދާނަން: އަދުރޭ

ވެރިކަމާއި ހަވާލުވާތާ 1 ގަޑިއިރުތެރޭ، މިސަރުކާރުގެ ވެރިންނަށް ނުފުރޭ ގޮތް ހަދާނަން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 10:50
0

ޕީޕީއެމްއިން ރާއްޖޭގެ ވެރިކަމާއި ހަވާލުވާތާ އެއް ގަޑިއިރުގެ ތެރޭގައި މިސަރުކާރުގެ އިސްވެރިންގެ ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރައިގެން ނުދެވޭނެ ގޮތް ހަދާނެ ކަމުގައި އިދިކޮޅޮ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މާލަސްތަކެއްނުވެ ޕީޕީއެމްއިން ރާއްޖޭގެ ވެރިކަމާއި ހަވާލު ވާނެކަމަށެވެ. އަދި އެވެރިކަމެއްގެ ރައީސަކަށް ވާނީ ރައީސް ޔާމީންކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ދުވަހުގައިވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްގުލާލު ނަގައިލުމަށް މަސައްކަތް ކުރި މީހުންނާއި، ބޮޑެތި ވައްކަންތައް ހިންގާފައިވާ މިސަރުކާރުގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓާނެކަމަށެވެ.

އިރާދަކުރެއްވިޔާ ޕީޕީއެމްއިން މާލަހެއްނުވެ ވެރިކަމާއި ހަވާލުވާނަމޭ. ޕީޕީއެމްއިން ވެރިކަމާއި ހަވާލުވާނީ އިރާދާކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޕީޕީއެމްގެ ސަރުކާރެއްގަ ބަލާނީ މިއަދު މިހިންގާ ސަރުކާރުން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަ. އެމައްސަލަ ބަލާނީ އަދުލު އިންސާފާއި އެއްގޮތަށް. ޤާނޫނީ ހަމަތަކުގެ މަތީން.

– އަބްދުއްރަހީމް އަބްދުﷲ

މިއަދު ޤައުމުގެ ހާލަތު މީގެ 70 އަހަރު ކުރިން ރާއްޖެ އޮތް ހާލަތަށް ވެއްޓިފައިވާއިރު، ރާއްޖޭގެ ބައިތުލްމާލު މިސަރުކާރުން ހުސްކުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ވައްކަމުގެ އެތައް މައްސަލައެއް ފެންމަތިވެ މިކަންކަން ނުބެލޭކަމީ މިއަދު ރައްޔިތުންގެ އޮތް ކަންބޮޑުވުމަކަށްވާއިރު މިސަރުކާރުން މިކަމަށް ސަމާލުކަން ނުދޭކަމަށެވެ. ޕީޕީއެމްއިން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު އަދުލު އިންސާފުގެ ތެރެއިން މިކަންކަން ބަލައި ޤަނޫނީ އިމުން ބޭރުން ހިންގާފައިވާ ހުރިހާކަމެއް ހުއްޓުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދައުލަތުން ބަދަލެއް ދީގެން ކުރަންޖެހޭ ކަމެއްނަމަ އެކަމެއްވެސް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތައް ބަލާ ނިމުމުގެ ކުރިން މިހާރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ރާއްޖެއިން ފުރައިގެން ނުދެވޭނެ ގޮތް އެންމެ ފުރަތަމަ ދުވަހު އަޅުގަނޑުމެން ކަނޑައަޅާނަން. އެއީ ޕާސްޕޯޓް ހިފަހައްޓައިގެން ކަމަށްވަންޏާ އެކަންވެސް އަޅުގަނޑުމެން ކުރާނަމޭ. އަބްދުﷲ ޝާހިދަށް ދަންނަވާލަން އޮތީ މަނިކުފާނަށް ހަމަހިލާ ލާހިކެއެއްނޫނޭ ރާއްޖެއިން ފުރައިން ރައްކާވާކަށް. ހަމަ ހިލާ ނުކުރޭނެއޭ. ކެނެރީގޭ މުހައްމަދު ނަޝީދަށް ދަންނަވާލަން އޮތީ އެންމެ ފުރަތަމަ މަނިކުފާނާއިމެދު އަޅުގަނޑުމެން ބަލަން އޮތީ އަބްދުﷲ ޤާޒީ މައްސަލައޭ. އަލުން މިމައްސަލަ އަޅުގަނޑުމެން މުރާޖާކޮށް ބަލާ ނިމެންދެން ހުންނަންޖެހޭނީީ ރާއްޖޭގައޭ. ވެރިކަމުގެ ހުވާކުރާތާ 1 ގަޑިއިރުތެރޭ އަޅުގަނޑުމެން ތިޔަބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާނަން.

– އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ މިތިން ބޭފުޅުންގެ އިތުރުންވެސް ރާއްޖޭގެ ސަލާމާތީ ބާރުތަކުގެ އަގުވައްޓާލައި، އިސްލާމްދީނަށާއި، މާތް ރަސޫލާއަށް ފުރައްސާރަ ކުރި އެންމެންގެ ޕާސްޕޯޓް ހިފަހައްޓައި މައްސަލަ ބަލާނެކަމަށެވެ. މިކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައްޓަކައި ބަލާނެ މައްސަލަތަކެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.