ތަފާތުއެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއިއެކު ވަޑައިގެންނެވުމުން އެކަމެއް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ޒުވާނުންނަށް ދެއްވައިފިއެވެ.
"އަންވެއިލިންގ ވިޝަންސް 2020″ ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ އާޓިސްޓުންނަކީ ފަންނުވެރި މޮޅު ބައެއްކަމަށެވެ. ޒުވާނުންގެ ތެރެއިން ގިނަބަޔަކު މިކަމުގައި އަމަލީގޮތުން އުޅުއްވާއިރު މިކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޒުވާނުންގެ މިނިސްޓްރީއަކީ ވަކި ޚާއްސަ މަސައްކަތެއްކުރާ މިނިސްޓްރީއެއްކަމަށް ވަރަށްގިނަ ބަޔަކު ދެކެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް ފުޓުބޯޅައާއި ފުޓްސަލްގެ ކަންކަން ކުރާ މިނިސްޓްރީއެއްކަމަށް ދެކޭކަމަށެވެ. އެކަން އެގޮތަަށްވަނީ ރާއްޖޭގެ ގިނަ ޒުވާނުންނާއި، ކައުންސިލްތަކާއި، މަޖިލީހުގެ މެމްބަރުންގެ ފަރާތްޕުޅުންވެސް އެކަމަށް އެދޭވަރު އިތުރުވުމުންކަމަށެވެ. ނަމަވެސް ޒުވާނުން ހަރަކާތްތެރިވާ އެއްވެސް ދާއިރާއަކީ މިނިސްޓްރީން އަޅައި ނުލައި ދޫކޮށްލާނެ ދާއިރާއެއް ނޫންކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
ހަޤީގަތުގައި މިއަދު އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާއިއެކީ ބައިވެރިވެލެވޭ ވަރަކީ، ހަގީގަތުގައި ވަރަށް ވަރަށް، ވަރަށް ކުޑަ މިންވަރެކޭ. އަޅުގަނޑު މިމަޤާމުގައި ހުންނައިރު ވަރަށް ފާޑުކިޔުން އަމާޒުވޭ ތީހަމައެކަނި ކުޅިވަރުގެ މިނިސްޓަރުތޯ؟ ތިތަނުން ހަމައެކަނި ކުރާކަމަކީ ފުޓުބޯޅަ ދަނަޑާއި، ފުޓްސަލް ދަނޑާ އެޅުންތޯ؟ މީހަމަ ރަނގަޅު ވާހަކައެއް، މީހަމަ ވަރަށް ގިނައިން ފެންނަވެސް މަންޒަރެއް، އިވޭވެސް އަޑެއް. އަޅުގަނޑާއި ކޮންމެތާކުން ކޮންމެ ބޭފުޅަކާއި ބައްދަލުވިޔަސް، މަޖިލިސް މެމްބަރަކަސް ކައުންސިލަކަސް، ދައްކަނީ ފުޓުބޯޅަ ދަނޑު ފުޓްސަލް ދަނޑުގެ ވާހަކަ. އެންމެ ގިނަބަޔަކު ދައްކާ ވަހަތަކާއި އެއްގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަނީ ކުރަމުންމިދަނީ.
– އަހުމަދު މަހުލޫފް
ޒުވާނުންގެ ބައިވެރިވުން އޮންނަ ދާއިރާތަކަށް ޚާއްސަކޮށް އާރޓިސްޓުނަށް މިހާރު ދެވޭ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި އިތުރުކުރަން ވަރަށް ބޮޑަށް ބޭނުންވާކަމަށާއި، އެމަސައްކަތް އާރޓް އެންޑް ކަލްޗާ މިނިސްޓްރީއާއި ގުޅިގެން ކުރައްވާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ރާއްޖެއަކީ ފަންނުވެރިން ގިނަ ހަރުދަނާ ޒުވާނުން ތަކެއް ތިބި މުޖުތަމައަކަށްވާއިރު، މިމުޖުތަމައަށް މިއަދު ބޭނުންވަނީ ސަރުކާރާއި ކަމާއި ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަން ކަމަށެވެ. ސަރުކާރުން ޒުވާނުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް ތިބިކަމަށް ޒުވާނުންގެ މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ