ސީމަނުންގެ ޙައްޤުގައި ކުރަންޖެހޭ ކޮންމެކަމެއް ކުރާނަން: ނަހުލާ

ސީމަނުންގެ ޙައްޤުގައި ކުރަންޖެހޭ ކޮންމެކަމެއް ކުރާނަން: ނަހުލާ

Author
މުޙައްމަދު ޖިމީ
25 ޖޫން 2021 03:09
0

ސީމަނުންގެ ޙައްޤުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ދެމި ހުންނަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ދެއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ "އިންޓަނޭޝަނަލް ސީ ފެއަރަރސް ޑޭ" ނުވަތަ ބައިނަލް އަޤްވާމީ ކަނޑު އުޅަދު ފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި، މިނިސްޓަރ ނަޙުލާ ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި، އިޤްތިޞާދީ މުޢާމަލާތްތައް ބަރޯސާ ވެފައިވަނީ، ކަނޑު ދަތުރުފަތުރުގެ މައްޗަށްކަމަށާ، އެއްރަށުން އަނެއް ރަށަށް، އެއް ޤައުމުން އަނެއް ޤައުމަށް، މުދާ އުފުލުމުގެ ހަރަކާތްތައް ނުހުއްޓި ދެމިއޮތުމަކީ އިންސާނީ ތަރައްޤީގައި ޒަރޫރީ ކަމެއްކަމަށެވެ. އަދި މި މުހިއްމު މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ، ހިތްވަރުގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންކާން ފާހަގަކުރައްވާ، ސީމަނުން އެވާ ގުރުބާނީއާއި، އެމީހުންގެ މަސައްކަތުގެ ބުރަކަމުގެ މައްޗަށް މިނިސްޓަރުގެ ޚިޠާބުގައި އަލިއަޅުއްވާލެއްވިއެވެ.

ކަނޑުގެ ބިޔަ ރާޅުތަކާއި، މޫސުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އަދި ހަނގުރާމަ ހިނގާ ސަރަޙައްދުތައް ހުރަސްކޮށް، ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމުގައިވެސް ސީމަނުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބިކަމީ ނުހަނު ބޮޑު ޙަޤީޤަތެއް. އަނބިދަރިންނާއި، އާއިލާއާއި ދުރުގައި، ސީމަނުން ކަނޑުމަތީގައި އެތައް ދުވަހެއް، އެތައް މަހެއް އަދި އެތައް އަހަރެއް ހޭދަ ކުރުމުގެ ބުރައާއި ތަކުލީފަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިޙްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއް.

– ޓްރާންސްޕޯޓް މިނިސްޓަރ ނަޙުލާ

މިނިސްޓަރގެ ޚިޠާބުގައި، ފުރާނަޔަށް ނުރައްކާވާފަދަ ބައްޔެއް ދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި، ސީމަނުންނަށް ކުރިމަތިވެފައިވާ ޙައްލުކުރަން ދަތި ބޮޑެތި މައްސަލަތައް ހުރިކަން ފާޙަގަކުރައްވާ ވިދާޅުވީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް، އެމީހުންގެ ބަދަލުގައި ވަޒީފާއަށް އަންނަން ތިބި ސީމަނުންނަށް އާދެވޭނެ ގޮތެއް ނެތިގެން، އަމިއްލަ ވަޒަނަށް އަނބި ދަރީންނާއި، އާއިލާ ގާތަށް ނުދެވި، ބޯޓު ފަހަރުގައި ހައްޔަރުވެފައި ތިބި އެތައް ހާސް ސީމަނުން ތިބިއިރު، އެ ހިތްދަތިކަމާ ވޭނަކީ ސީމަނުންގެ އާއިލާތައް ފިޔަވައި އެހެން ބަޔަކަށް ތަޞައްވަރު ކުރެވޭނެ ކަމެއްނޫންކަމަށެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވެފައި، ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުންކަމަށެވެ.

އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން، ރާއްޖޭގެ ކަނޑުތަކުގައި ކޮންމެ ދުވަހަކު ދަތުރުކުރަމުންދާކަން ފާހަގަކުރައްވާ، ސީމަނުންގެ ޙަޔާތަކީ ރާއްޖޭގެ ޠަބީޢަތާއި މާޙައުލާއި ގުޅިލާމެހިފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގައި މި ސިނާޢަތް ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ސީމަނުންގެ ޙައްޤުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ނަހުލާ ދެއްވިއެވެ.

ދުނިޔޭގެ ޝިޕިންގ ކޮމިއުނިޓީ ޤަބޫލުކުރެވޭ ފެންވަރަށް، ރާއްޖޭގެ މި ސިނާއަތް ބައްޓަން ކުރުމަށްޓަކައި، އިދާރީ ގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެގޮތުން ނިމިދިޔަ އަހަރު ވަނީ ސީމަނުންގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ސީފެއަރަރސް ރައިޓްސް އިންޓަރނޭޝަނަލް އާއި ދެމެދު މުއާހަދާއެއްގައި ސޮއި ކުރެވި މަސައްކަތްތައް ފެށިފައި. މިކަމުގެ ސަބަބުން، ސީމަނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަދަންޖެހޭ ޤާނޫނާއި، ޤަވާއިދުތައް ހަދާ ތަންފީޒު ކުރުމުގައި ފަންނީ އެހީތެރިކަން ލިބިގެންދާނެ.

– ޓްރާންސްޕޯޓް މިނިސްޓަރ ނަޙުލާ

މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މޭނުމަކީ، ސީމަނުންގެ ޤުރުބާނީއާއި ޚިދުމަތުގެ އަގުވަޒަން ކުރުމާއި، ސީމަނުންގެ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަށް ވަކާލާތުކުރުމާއި، އެމީހުންގެ ޞިއްޙީ އަދި މަސައްކަތު މާޙައުލުގެ ރައްކާތެރިކަން، ކަށަވަރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައްޕި
ދިވެހި ރާއްޖެގަ އުޅޭ ސީމަނުނަކީ އަޅުންތަކެއް ސީމަނުން ނައްލިބިދޭ އެއްވެސް ހައްގެއް ލިބިފައެއްނެއް ދިވެހިރާއްޖޭގަ މިކަމުގަ ސަބަބުތަކެއްވެސް އެބަހުރި ރާއްޖޭގަ ސީމަނުންގެ ވަޒީފާ މިއޮތީ ސަރުކާރުގެ އިސްވެރިންގެ އަތްމަތީގަ އެހެވީމާ ނަހުލާ ސީމަނުނާ ބައްދަލުކޮއްލާ އެމީހުންގެ އިހުސާސްތައް އަޑުއައްސަވާލާ