ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު އަތުލައިގަނެ، ވެލިތައް އަނބުރާ އަޅުވައިފި

ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު އަތުލައިގަނެ، ވެލިތައް އަނބުރާ އަޅުވައިފި

Author
އަހުމަދު
27 ޖުލައި 2026 03:09
0

ގދ. ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ މީހުން ބަސްތާތަކަށް އަޅާފައި ހުރި ވެލިތައް އަނބުރާ އެ ރަށަށް އަޅުވައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ސަރަޙައްދުގެ ފަޅުރަށްތަކުން ވެލި ނެގުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ފަސްޖެހުމެއް ނެތި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، ހުއްޓުމެއް ނެތި ވެލި ނެގުމުގެ ސަބަބުން މީގެ ކުރިން އެ ސަރަޙައްދުގައި އޮތް އެއް ރަށް މުޅިން ގިރައިގެންގޮސް ވަނީ ނެތިވެފައެވެ. އަދި މިހާރު އޭގެ ޖެހިގެން އޮތް ރަށުންވެސް ހަމަ އެފަދަ ޢަމަލުތައް ފެންނަމުންދާތީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މި ރަށްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

"އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތްކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް،" ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކައުންސިލުން ވަނީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.