ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވޮޝިންގޓަނަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޝީގެ ޝަރަފުގައި ވައިޓް ހައުސްގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ހަފުލާއަކީ، ދެ ލީޑަރުން އެދުވަހު ކުރެއްވި މަޝްވަރާތައް ނިންމުމުގެ ގޮތުން ބޭއްވި ޖާފަތެކެވެ. ދިހަ އަހަރަށްވުރެ ގިނަ ދުވަސްތަކުގެ ތެރޭގައި ޝީ ވޮޝިންގޓަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ، މިއަހަރު ދެ ލީޑަރުންގެ މެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމެވެ.
ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެ ގައުމަކީ ތަފާތު ނިޒާމުތަކެއް ތަމްސީލުކުރާ ގައުމުތަކެއް ކަމުގައި ވިޔަސް، ދެ ގައުމުގެ ގުޅުން މިހާ ބަދަހިވެފައި ދުވަހަކުވެސް ނުވާ ކަމަށެވެ. ޝީ ވިދާޅުވީ، އެމެރިކާ އަލުން މަތިވެރިކުރުމާއި ޗައިނާގެ ގައުމިއްޔަތު އިޔާދަކުރުމަކީ އެއްކަމަކުން އަނެއްކަމަކަށް ބާރުލިބޭ ލަނޑުދަނޑިތަކެއް ކަމަށެވެ.
ރަސްމީ މަޝްވަރާތަކުގައި ދެ ލީޑަރުން ވަނީ ތައިވާނާއި ވިޔަފާރި އަދި އާޓިފިޝަލް އިންޓެލިޖެންސާ ބެހޭ ކަންކަން ބައްލަވާލައްވާފައެވެ. އީރާނާއި ތައިވާން ފަދަ މައްސަލަތަކުގައި ދެ ގައުމުގެ މެދުގައި ޚިޔާލުތަފާތުވުންތައް އޮތް ނަމަވެސް، ވާހަކަ ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރަމުންނެވެ.
ޖާފަތުގައި އޯޕަންއޭއައިގެ ސޭމް އޮލްޓްމަން، އެމެޒަންގެ ބާނީ ޖެފް ބޭޒޯސް، ޓެސްލާ އަދި ސްޕޭސްއެކްސްގެ އީލޮން މަސްކް، އެންވިޑިއާގެ ޖެންސަން ހުއާންގ އަދި އެލްވީއެމްއެޗްގެ ބާނާޑް އަރްނޯ ފަދަ ނުފޫޒުގަދަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ ޝީއަށް މެރިން ވަން ހެލިކޮޕްޓަރާއި އަލަށް ހެދި ހެލިޕެޑް، އަދި ވައިޓް ހައުސްގައި ބިނާކުރަމުންދާ ބޯލްރޫމް ދައްކަވާލައްވާފައެވެ.
މަސްދަރު: އަލް ޖަޒީރާ
ކޮމެންޓު ފޮނުވާ