އެމީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި، ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓޭނެކަމަށް ބަޔާންކުރައްވާ، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައ ގޮވާލައްވައިފިއެވެ.
ބުއްދީގެ ނިޢުމަތުގެ މައްޗަށް އަލިއަޅުވާލާ މިއަދު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ، ބުއްދި އަކީ ރިޒުޤު ދެއްވާފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާ މަތިވެރި ނިޢުމަތެއްކަން ބަޔާޏްކުރައްވާފައެވެ. ބުއްދީގެ ނިޢުމަތަކީ އިންސާނާ އަށް
ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތްކަމާއި، ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެން ވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ބުއްދިވެރިކަމެއް ނެތް މީހާ އާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެން ވާކަމަށާއި، ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަން ބަޔާންކޮށް ޚުޠުބާގައި ވަނީ، ބުއްދި އަކީ، ﷲ ވޮޑިގެންވާ ކަމުގެ ވަރަށް މަތިވެރި ދަލީލެއްކަމަށް ވިދާޅުވެފައެވެ. އަދި ފާޅުވެގެންވާ ޙުއްޖަތެއްކަމަށްވެސް ވިދާޅުވިއެވެ.
ބުއްދީގެ ނިޢުމަތާ މެދު، ވިސްނައި ފިކުރު ކުރުމަށް މާތް އިންސާނިއްޔަތަށް ގޮވާލައްވާފައި ވެއެވެ. އެއީ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމުގައި ވީތީއެވެ. މުސްލިމް އަޚުންނޭވެ! އިންސާނުން އެކި ރޮނގުތަކުން ކުރިއަރައިގޮސް، މީގެ ކުރީން ދެކިފައިނުވާ ޢިލްމީ ޢާލިމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރެވެ. އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ ޢިލްމީ ވަސީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދި އެވެ.
– ހުކުރު ޚުޠުބާ
ޚުޠުބާގައި ވަނީ، ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތްކަމާއި، ދީންވެރިކަމާ ނުލައި ލަދުވެތިކަމެއް ނެތްކަމަށް ބަޔާންކުރައްވާފައެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ، އެމީހާގެ މައްޗަށް ހުރި ވަބާއެއްކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާ ޟޢވގެ ސުންނަތުގައި ބުއްދީގެ މުހިއްމުކަން ބަޔާން ކުރައްވައި، ހެޔޮ ގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތަޢުރީފު ކުރައްވާފައި ވެއެވެ. ނަމަވެސް އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮގެން ނުވަތަމި ޒަމާނުގެ ސައިންސުގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ކަންކަމެއްނޫނެވެ. ﷲ ތަޢާލާ އެ ކަލާނގެ ނަބީންނާއި، ރަސޫލުންނަށް ދެއްވި ބައެއް މުޢުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ޤުދުރަތީ އާދަ ފޫވައްޓާލައިފަނިވި ކަންކަމެވެ. އެ ފަދަ އެއްވެސް ކަމެއްގެ ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއް ނުކުރެވޭނެ އެވެ. ހަމަ އެއާއެކު ޝަރީޢަތުގެ ބައެއް ޙުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫނެވެ.
– ހުކުރު ޚުޠުބާ
މިއަދުގެ ހުކުރު ޚުޠުބާގައި، ބުއްދި އަކީ އިންސާނާގެ ފާރަވެރިޔާކަން ބަޔަންކުރައްވާ ވިދާޅުވީ، އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑިކަމާއި، ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެކަމަށެވެ. އެއީ އޭނާ އަމިއްލައަށް އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް ނަފްސުގެ ހިސާބު ބެލުމަށް
ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިޣުފާރުކޮށް މުނާޖާ ދެންނެވުމަށްމހޭދަކުރާ ވަގުތާއި، އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަޚުންނާ އެކު ހޭދަކުރާ ވަގުތުކަމަށް ވިދާޅުވިއެވެ. މިކަންކަމަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އިންސާނާ އަށް މަގު ދައްކައިދޭނޭ ކަންކަންކަމަށްވެސް ބަޔަންކުރެއްވިއެވެ.
މުސްލިމް އަޚުންނޭވެ! ތާބިޢީ ބޭކަލުންގެ އަރިހުން އައިސްފައިވާ ގޮތުގައި ޝައިޠާނާއަށް އެންމެ އުނދަގޫ ކަމަކީ ބުއްދިވެރި މުއުމިނަކު މަގުފުރެއްދުމެވެ. ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަށް ވުރެ، ސަތޭކަ ޖާހިލުން މަގުފުރެއްދުން ޝައިޠާނާއަށް ފަސޭހަވެގެން ވެއެވެ. ވީމާ، ބުއްދިވެރި ކޮންމެ މުސްލިމަކު ވެސްދުނިޔޭގެޙަޔާތް ވޭތިކުރަންވާނީ އުޚްރަވީ ޙަޔާތް ބާއްޖަވެރިވާނެ ގޮތަށެވެ.
– ހުކުރު ޚުޠުބާ
ޢިލްމުވެރީންގެ އަރިހުން ވާރިދުވެގެންވާގޮތުގައި ދުނިޔޭގެ އެއްވެސް އެދުމެއް ނެތް، ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް ﷲ ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ބުއްދިވެރިކަމާ ނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވާކަމަށާއި، ނަމަވެސް މި ދެބައި އިންސާނާ އަށް ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އެމީހެއްގެ ދުންޔަވީ އެދުމާއި، ދަހިވެތިކަމުގެ މައްޗަށް ބުއްދިވެރިކަން އިސްކޮށްފި މީހާގެ ހެޔޮކަން ބޮޑު ވެގެންވާކަމަށާއި، އެމީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި، ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓޭނެކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެހެންކަމުން ބުއްދި އަކީ ނިޢުމަތެއްކަން އެނގި ފާޅުވާކަމަށްވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ