ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވާތީ އެކަމާގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި މެމްބަރު އަލީ ހުސައިން ވިދާޅުވީ، ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ދިވެހި ޓީޗަރުން ލިބުމުގެ މައްސަލަ ދުވަހަކުވެސް ޙައްލު ނުވާނެކަމަށެވެ.
އަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޖުމުލަ 10 މުދައްރިސުން އިންޑިއާގެ ކެރެލާއިން ވަނީ ރާއްޖެ ގެނެސްފައެވެ. ކެރެލާއިން ވަނީ 5 ޢަރަބި މުދައްރިސުންނާއި 5، ޤުރުއާން މުދައްރިސުން ގެނެސްފައެވެ. އަދި އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއިން މުދައްރިސުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދުމަށް ތަކުރާރުކޮށް އިޢުލާންކޮށް މުދައްރިސުން ލިބިފައި ނުވާތީކަމަށެވެ.
މުދައްރިސުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުޞަތު ބިދޭސީ ޓީޗަރުންނަށް ދީފައިވާކަމަށާ، އެ މަޤާމްތަކަށް ރާއްޖޭގައި މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ. ދިވެހި މުދައްރިސެއް ލިބިއްޖެނަމަ އެ މަޤާމްތަކަށް ދިވެހިން ނަގާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހާއްސަކޮށް މުދައްރިސުންގެ މުސާރައިގެ މައްސަލައަކީ އެކަމާމެދު ބަހުސްކުރެވެމުންދާތާ ގިނަ ދުވަސްވީ މައްސަލައެކެވެ. އަދި މިހާތަނަށް އެދެވޭ ހައްލެ ލިބިފައިވެސް ނުވާ މި މައްސަލާގައި މުދައްރިސުންގެ މައިގަނޑު ކަންބޮޑުވުމަކީ އެމީހުންގެ ޒިންމާތަކާއި މަސްޢޫލިއްޔަތާއި އެއްވަރުގެ އާމްދަނީއެއް ނުވަތަ މުސާރައެއް ނުލިބުމުގެ މައްސަލައެވެ.
ޓީޗަރުންނަށް ދޭންޖެހޭ އުޖޫރައާއި ޢިނާޔަތްތައް އެންމެ ފުރިހަމައަށް ނުދެވޭކަމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީވެސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އަދި ޓީޗަރުންކުރާ ބުރަ މަސައްކަތުގެ އަގު އަދާ ނުކުރެވޭނެކަމަށާއި އެހެންނަމަވެސް ޓީޗަރުންގެ ޙާލަތު ރަނގަޅުކުރުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޭރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ