ބޮލީވުޑްގައި މިހާރު ސުޕަ ސްޓާރުންގެ ގޮތުގައި ގުނާލެވޭ ގިނަ ތަރިންގެ ކާމިޔާބީގެ އަސްލަކީ އޭނާކަމަށް ލަވަކިއުންތެރިޔާ އަބީޖީތު ބައްޓަޗާރިޔާ ބުނެފި އެވެ.
90ގެ އަހަރުތަކުގައި މަޝްހޫރުވީ ގިނަ ފިލްމުތަކަކަށް ލަވަ ކިޔައިދީފައިވާ ލަވަކިޔުންތެރިޔާ އަބީޖީތު ދެކޭ ގޮތުން ބޮލީވުޑްގެ އެފަދަ ތަރިންގެ ކާމިޔާބީގެ ކްރެޑިޓް އޭނާއަށްވެސް ލިބެން ޖެހެއެވެ. އެގޮތުން އޭނާ ގަބޫލުކުރަނީ އަކްޝޭ ކުމާރާއި ސުނީލް ޝެއްޓީ ފަދަ ފިލްމީ ތަރިން ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާއެވެ.
"އަހަރެން ލަވަކިޔަނީ ތަރިންނަށް، އެކްޓަރުންނަކަށް ނޫން. ކިތައްމެ ރީއްޗަށް އަހަރެން ލަވަ ކީ ކަމުގައި ވިޔަސް އެމީހަކީ ތަރިއެއް ނޫންނަމަ އެ ވެގެންދަނީ ބޭކާރު ލަވައަކަށް. މިސާލަކަށް ޝާރުޚް ޚާން އަދި ސުނިލް ޝެއްޓީއަށް ބަލާލިޔަސް، ޝާރުކް އަކީ ތަރިއެއް އަދި އޭނާ ވާހަކަ ދައްކާއިރު ކޮންމެވެސް ކްލާސްއެއް އިނދޭ. އެއްވެސް މީހަކު ސުނިލް އަށް ލަވައެއް ކިޔާދޭނަމަ އެ ލަވަ ވާން ޖެހޭނީ "އެގްރެސިވް" ނުވަތަ "ވައިލްޑް" ލަވައަކަށް. އަހަރެން މި ދެ ފަންނާނުންނަށް ވެސް ލަވަ ކިޔާދިނިން. އަދި ހުރިހާ ލަވައެއް ވެސް ވަނީ ހިޓްވެފަ"
– އަބީޖީތު
އިތުރަށް ވާހަކަ ދައްކަމުން އަބީޖީތު ބުނެފައިވަނީ އޭނާގެ ލަވަތަކުގެ ސަބަބުން އަކްޝޭ ތަރިއަކަށް ވެފައި ވާކަމަށެވެ. އަކްޝޭ ފުރަތަމަ މި އިންޑަސްޓްރީއަށް ތައާރަފު ވެގެން އައި އިރު އޭނާ މަޝްހޫރުވެފައިވަނީ 'ގަރީބޯކާ މިތުން ޗަކްރަބަތީ" ނޫންނަމަ ފަގީރުންގެ މިތުން ޗަކްރަބަތީގެ ނަމުން ކަމަށް އަބީޖީތު ވަނީ ބުނެފައެވެ. ހަމަ އެހެންމެ މިތުން ފުރުތަމަ ބޮލީވުޑަށް ތައާރަފު ވީއިރު އޭނާއަކީ "ގަރީބޯކާ އަމީތާބް ބައްޗަން" ނޫންނަމަ ފަގީތުންގެ އަމީތާބު ކަމަށްވެސް އަބީޖީތު ވަނީ ބުނެފައެވެ.
އަދި މިއުޒިކަކީ އެކްޓަރަކު ތަރިއަކަށް ހެދުމުގައި ވަރަށް ވަރުގަދަ އެއްޗެއް ކަމަށާއި، ލެޖެންޑަރީ އެކްޓަރުންވެސް އުފެދިފައި ވަނީ އެހެން ކަމަށް އަބީޖީތު ވަނީ ބުނެފައެވެ.
އަކްޝޭ ކުމާރު ތަރިންގެ ތެރޭގައި ގުނާލެވުނީ 1992 ވަނަ އަހަރުގެ ފިލްމު "ކިލާޅީ" އިންނެވެ. މި ފިލްމުގެ ގިނަ ލަވަތަކެއް ކިޔައިދީފައި ވަނީ އަބީޖީތެވެ. އޭގެތެރޭގައި ފިލްމުގެ އެންމެ ކާމިޔާބު ލަވަ "ވާދާ ރަހާ ސަނަމް" ފާހަގަކޮށްލެވެ.
ކޮމެންޓު ފޮނުވާ