މަހުލޫފް ފައިސާއެއް ނުނަންގަވާނެ، ބޭކާރު ޚަރަދުކުކުރުން ހުއްޓާލައި ކޮމިޝަންތައް އުވާލަންވީ: ދިޔާނާ

މަހުލޫފް ފައިސާއެއް ނުނަންގަވާނެ، ބޭކާރު ޚަރަދުކުކުރުން ހުއްޓާލައި ކޮމިޝަންތައް އުވާލަންވީ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 03:38
0

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވިނަމަވެސް މިނިސްޓަރ މަހުލޫފް ޚިޔާނާތުގެ ފައިސާގައި ނުޖެހޭނެކަމީ ޔަގީންވާ ކަމެއްކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވި ނަމަވެސް، ޕީޖީ އޮފީހުން ވަނީ އިތުރު ކަންކަން ފުރިހަމަ ކުރުމަށްޓަކައި، މައްސަލަ އަލުން އޭސީސީއަށް ފޮނުވާލާފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރ މަހުލޫފްގެ ހޫނު ރައްދެއްވެސް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއަށް ވަނީ ދެއްވާފައެވެ. މަހުލޫފް ވިދާޅުވެފައިވަނީ  އޭނާއަކީ އޭސީސީގެ ރައީސާ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫންކަމަށެވެ. މައްސަލަތައް އެތައް ދުވަހު ބެލުމަށްފަހު ފުރިހަމަ ނުކޮށް، ދައުވާ ކުރަން ފޮނުވުމަކީ އަމިއްލަ މީހާގެ ނާގާބިލް ކަމުގެ ސަބަބުން ދިމާވާ ކަންތައްކަމަށާއި، މިކަން މިގޮތަށް ކުރުމަށްވުރެއް އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްއަށް ދައުވާކޮށްފައިވާ މައްސަލާގައި ދިޔާނާ ވިދާޅުވީ މަހުލޫފް އެމްއެމްޕީއާރުސީގެ ފައިސާ ނުނަންގަވާނެކަމަށެވެ. އަދި މިމައްސަލަ އިންސާފުވެރިކަމާއިއެކު ބަލައިފިނަމަ މިފައިސާ ލިބުނު އެއްވެސް މީހަކު މިއުޑު ދަށުގައި ނުހުންނާނެކަމަށެވެ. މިހާރުވެސް ކުރަންވީ ކަމަކީ އެމްއެމްޕީއާރުސީ މައްސަލަ ބެލުމުގެ ބަދަލުގައި ރައްޔިތުންގެ ފައިސާއިން އެތަކެއް ޚަރަދުކޮށްގެން ހިންގާ ކޮމިޝަންތައް އުވާލަންކަމަށް ދިޔާނާ ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފް ތިޔަ ފައިސާއެއް ނުނަންގަވާނެ. އަސްލުގައި ތެދުތެދަށް ތިޔަ މައްސަލަ ބަލައިފިނަމަ އެނގޭނެ އެމްއެމްޕީއާރުސީ ފައިސާގައި ޖެހުނު އެއްވެސް އަޅަކު މި އުޑުދަށުގައި ނެތްކަން. ރަނގަޅީ ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުކުރުން ހުއްޓާލައި، އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން.

– ދިޔާނާ ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ނުވަތަ މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމުކޮށްފައެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް މިސަރުކާރަށް ހޯދިފައި ނުވާއިރު، މިމައްސަލައަކީ މިހާރު ވަރަށް ބޮޑު ސިޔާސީ ހަތިޔާރެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.