އޮސްޓްރިއާ ބަލިކޮށް 13 އަހަރަށް ފަހު ނެދަލެންޑްސް ދެވަނަ ބުރަށް

އޮސްޓްރިއާ ބަލިކޮށް 13 އަހަރަށް ފަހު ނެދަލެންޑްސް ދެވަނަ ބުރަށް

Author
ޔޫސުފް
18 ޖޫން 2021 02:28
0

މިހާރު ކުރިޔަށްދާ ޔޫރަޕުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާ ބަލިކޮށް، 13 އަހަރަށް ފަހު ޔޫރޯގެ ދެވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދައިފިއެވެ.

ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުގައި އޮސްޓްރިއާގެ މައްޗަށް ނެދަލެންޑްސް ކުރި ހޯދީ 0-2 ގެ ނަތިޖާ އަކުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ކުޅުނު ދެ މެޗުން މޮޅުވެގެން ހޯދި 6 ޕޮއިންޓާއެކުއެވެ. ދެވަަނައިގައި އޮތް ޔޫކްރެއިނަށް 3 ޕޮއިންޓް ލިބޭއިރު، ތިންވަނައިގައި އޮތް އޮސްޓްރިއާއަށް ވެސް ލިބެނީ 3 ޕޮއިންޓްއެވެ. ގްރޫޕްގެ ފުލުގައި އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބި އޮތް ނޯތު މެސެޑޯނިއާއެެވެ. އެހެންކަމުން މި ގްރޫޕުން ދެން ދެވަނަ ބުރުން ޖާގަ ލިބޭ ޓީމެއް ޔަގީން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔޫކްރެއިން އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗަށް ފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް އޮސްޓްރިއާ އާއި ހިލާފަށް ނެދަލެންޑްސް އިންވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި މެޗުގައި ނެދަލެންޑްސް އިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެމްފިސް ޑިޕާއި އެވެ. މިއީ ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އަށް އޮސްޓްރިއާގެ ޑޭވިޑް އަލަބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ޖެހި ލަނޑެކެއެވެ.

ދެވަނަ ހާފް ފަށައިގެން 66 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ޑަމްފްރީސްއެވެ.

ނެދަލެންޑްސް އަކީ މި ފަހަރުގެ ޔޫރޯ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކުރި ތިން ވަނަ ޓީމެވެ. ދެން މިހާތަނަށް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރި ޓީމުތަކަކީ، އިޓަލީ އާއި ބެލްޖިއަމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.