ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރާނީ ހުޅުލޭ ރަންވޭގެ ސައިޒަށް، ބިން ބޭނުންވަނީ އެކަމަށް: ފައްޔާޒް

ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރާނީ ހުޅުލޭ ރަންވޭގެ ސައިޒަށް، ބިން ބޭނުންވަނީ އެކަމަށް: ފައްޔާޒް

Author
ޢަލީ އާދަމް
15 ޖޫން 2021 06:18
0

ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމަށް ޕްލޭން ކޮށްފައި އޮތީ ހުޅުލޭގައި އޮތް ވަރުގެ ރަންވޭއަކާއެކު ކަމަށާއި ރަށުން އިތުރަށް ކަނޑައަޅާ ބިން ބޭނުން ކުރަނީ އެމަސައްކަތަށާއި، އެއަރޕޯޓާއެކު ތަރައްގީކުރާ ސިޓީހޮޓަލަށާއި، އެމްއެންޑީއެފްގެ ނޮދަން ކޮމާންޑަށް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހަނިމާދޫގެ ބިމުން ބޮޑުބައެއް އެއަރޕޯޓް ތަރައްގީކުރުމަށާއި އިތުރު އެހެނިހެން ބޭނުންތަކަށް ބޭނުންކުރަން ނިންމާފައިވުމުން އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާގުޅޭގޮތުން މިނިސްޓަރ ފައްޔާޒަށް ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް 853،937 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި އެވަނީ މުސްތަގުބަލުގައި އެއާޕޯޓު ބޮޑުކުރުމަށާއި، އެބިމުން ބައެއް، އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ މައި މަރުކަޒު ބިނާކުރުމަށް ބޭނުންކުރުމަށާއި، އެއަރޕޯޓާއެކު ހަދާ ސިޓީ ހޮޓަލަށް ބޭނުންކުރުމަށް ކަމަށެވެ.

"އިންޑިއާ އެތާކު ތިބޭކަން ނޫން މިއުޅެނީ، ވަރަށް ސާފުކޮށް މި ދަންނަވަނީ" – ފައްޔާޒު

ފައްޔާޒް ވިދާޅުވީ، މުސްތަގުބަލުގައި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގެ ތިން ސަރަހައްދުގައި ތަރައްޤީކުރަން ކަނޑައަޅާފައިވާ އެންމެ ބޮޑެތި ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގެ ތެރެއިން އެއްތަނަށްވާނެ ކަމަށެވެ. މީގެ އިތުރުން އެ ބިމުގެ ގާތްގަނޑަކަށް ދެބައިކޮށް އެއްބައި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރުަށް ބޭނުންކުރާއިރު އެތަނަކީވެސް އެރަަށް އިގްތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ތަނަކަށް ވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަަޅުގަނޑުމެން މިހާރު ހަނިމާދުއަށް މިކުރާ އިންވެސްޓްގައި އެއޮތީ 3200 މީޓަރުގެ ރަންވޭއެއް، ފުރަތަމަ ފޭސްގައި މިކުރަނީ 2800. އެއީ އޭޓީއާރް އެއާ ލަންކާ ފްލައިޓް ޖެއްްސޭވަރުގެ އަދި މެދުއިރުމަތިން ދަތުރުކުރާ ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް" – ފައްޔާޒް

އެއަރޕޯޓްގެ ބޮޑު ޕްރޮޖެކްޓަށް މިހާރު ބިން ކަނޑަ ނާޅައިފިނަމަ އެސަރަހައްދުގައި މީހުން އާބާދުވެ ފަހުން އެބިންތަކުން މީހުން ހުސްކޮށް ތަރައްޤީގެ ޕްރޮޖެކްޓަށް ބިން ހޯދުން ދަތިކަމަކަށް ވާނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް ރަށުގެ ކައުންސިލާއި ރައްޔިތުން އެއަރޕޯޓާއި ސިޓީހޮޓާ ފަދަ ތަރައްޤީގެ މަޝްރޫޢުތައް ބޭނުން ނުވާނަމަ، އެޕްރޮޖެކްޓަތައް ސަރުކާރުން ކޮންމެހެން ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.