ޗީފް އޮފް ސްޓާފަކަށް ބޭރުމީހަކު ހަމަޖައްސާނަމަ ވަޒީރުކަމުން ޝާހިދު އިސްތިއުފާ ދެއްވަންޖެހޭ: އިހުސާން

ޗީފް އޮފް ސްޓާފަކަށް ބޭރުމީހަކު ހަމަޖައްސާނަމަ ވަޒީރުކަމުން ޝާހިދު އިސްތިއުފާ ދެއްވަންޖެހޭ: އިހުސާން

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2021 08:06
0

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރ ޝާހިދު އިންތިޚާބުވެ، ޗީފް އޮފް ސްޓާފްއަކަށް ބޭރު މީހަކު ހަމަޖައްސާނަމަ ފޮރިން މިނިސްޓަރުގެ މަޤާމުން މިނިސްޓަރ ޝާހިދު އިސްތިއުފާ ދެއްވަންޖެހޭކަމަށް ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް ހޮވިވަޑައިގަތް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްއަކަށް އިންޑިއާގެ ޑިޕްލޮމެޓްއަކު އައްޔަން ކުރަން އުޅޭކަމަށް އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ. އިހުސާން ވިދާޅުވީ ޝާހިދު އެމަޤާމަށް އިންތިޚާބުވީ ރާއްޖޭނެ ނަމުގައި ކުރިމަތި ލައްވައިގެންކަމަށެވެ. އެހެންކަމަށްވުމުން ޝާހިދުގެ ޗީފް އޮފް ސްޓާފަކަށްވެސް އައްޔަން ކުރަންޖެހޭނީ ރާއްޖެ މީހެއްކަމަށެވެ. އެކަން އެހެން ނުވެއްޖެނަމަ ފޮރިން މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވައި އިންތިޚާބުވި މަޤާމުގައި ދެމި ހުންނެވުމަށް އިހުސާން ވަނީ ގޮވާލާފައެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ގޮޑި ކާމިޔާބު ކުރީ ދިވެހިރާއްޖެއިން ކަމަށްވާތީ ޗީފް އޮފް ސްޓާފް އަކަށް ހުންނަންވާނީ ދިވެއްސެއް. އަދި މިމަޤާމަށް ބޭރުމީހަކު އައްޔަން ކުރާނަމަ ފޮރިން މިނިސްޓްރީގެ ވަޒީރުކަމުން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވަންވާނެ. މި ދެ އޮފީސް ވަކިވާންޖެހޭ.

– އަލީ އިހުސާން ވިދާޅުވިއެވެ.

"ދަ ހިންދޫ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އދ. ގައި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފްކަމަށް ހަމަޖެއްސުމަށް ނިންމާފައިވަނީ އދ. ގައި ހުންނަ އިންޑިއާ މިޝަނުގެ ޑެޕިއުޓީ މަންދޫބު ނަގަރާޖް ނައިޑޫއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރަމުން ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މި އިންތިޚާބުގައި އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ވޯޓުލާފައިވަނީ ސިއްރުންނެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މިމަޤާމަށް ހޮވިވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން ސާބިތުވެގެން މިދިޔައީ މުޅި ދުނިޔެ ރާއްޖެ ބަލައިގެންފައިވާ ކަން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޒަޢާމަތާއި ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލްކޮށް ބަލައިގެންފައިވާކަން ސާބިތުވެގެން ގޮސްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމް. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުން. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދުން. ޢާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއް އަހަރު. މި މަޤާމަށް ހޮވިވަޑައިގެންނަވާ ބޭފުޅެއްގެ މަސައްކަތުގެ ތެރޭގައި އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުތައް ބެލެހެއްޓުމާއި ބަހުސްތަކުގައި މެމްބަރު ޤައުމުތަކަށް ވަގުތު ކަނޑައެޅުމާއި ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ރިޔާސަތައް ލިބޭނެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަބުދުﷲ ޖަމީލު އަޙްމަދު
އަލީ އިހުސާންގެ ޕީއެޗްޑީއަކީ ކިޔަވައިގެން ހޯދި އެއްޗެއްތޯ ނުވަތަ ފޯމެއް ފުރާލައިން ހޯދި އެއްޗެއްތީ ސުވާލުކޮށްލަން ބޭނުން.
ސ ސުމާ މުހައްމަދު
މިއީ މަލްޓިލެޓެރަލް މަސައްކަތެއް. މާނައަކީ ގިނަ ގައުމުތަކެއްގެ ބައިވެރިވުން ހިމެނިގެން ދިވެހިރާއްޖެއިން ރިޔާސަތު ބަލަހައްޓައިގެން ކުރިއަށް ގެންދާކަމެއް. އެއްވެސް ގޮތަކަށް މިމަސައްކަތަކީ ބައިލެޓެރަލް ނުވަތަ ދިވެހިރާއްޖޭގެ ފޮރިން ޕޮލިސީއަށް ނަޒަރު ހިންގަންޖެހޭ ކަމެއް ނޫން. އަހަރެންވެސް ޢަބުދުﷲ ޝާހިދުއަށާއި މިސަރުކާރަށް އެހާ ތާއީދެއް ނުކުރަން. އެކަމަކު އަލީ އިސާނުތިދައްކަނީ ތާކުންތާކުޖެހޭ ވާހަކައެއް ކަމަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. އަދި އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ޑިޕްލޮމެޓިކް ސްޓަޑީސްގެ ދާއިރާއިން ރަގަޅު ޔުނިވަރސިޓީއަކުން ތައުލީމު ހާސިލްކޮށްފައިވާ އެއްވެސް މީހަކު އަލީ އިސާނުގެ ވާހަކަ ގަބޫލުކުރާނެކަމަށް ހިއެއްނުވޭ. އަހަރެން އަދަބުވެސް ފާޑިކިޔުމާއި ޚިޔާލުތަފާތުވުމަށް މަރުހަބާ ކިޔަން،