އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމުގައިވާ، ޕޫނޭގެ ރަށްބޭރުގައި ހުރި ކެމިކަލް ޕްލާންޓެއްގައި ރޯވެ 18 މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކެމިކަލް ޕްލާންޓުގައި އަލިފާން ރޯވިއިރު، ޕްލާންޓުގެ ތެރޭގައި، މަސައްކަތް ކުރާ 37 މުވައްޒިފަކު ބަންދުވެފައި ތިއްބެވެ.
އަދި އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އަލިފާން ނިއްވާ ފަރާތްތަކުން،ވަރަށް އަވަހަށް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވެއެވެ. އަދި ޕްލާންޓުގެ އެތެރޭގައި ތިބި މީހުން ސަލާމްތަކުރުމަށް، ޕްލާންޓުގެ ދެފަރާތުގައި ހުރި ފާރުތައްވެސް ތަޅާލަން އަލިފާން ނިއްވާ ފަރާތްތަކަށް މަޖޫރުވި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އަލިފާން ރޯވާން މެދުވެރިވީ ސަބަބައެއް އަދި އެގިފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފެކްޓަރީއަކީ، ވޯޓަރ ޓްރީޓްމަންޓްތަކަށް ބޭނުންވާ ކްލޮރިން ޑައި އޮކްސައިޑްގެ ޕްރޮޑަކުޓްތައް އުފައްދާ ކުންފުންޏެއްކަމުގައިވާ އެސް އޭ އަކުއާ ޓެކްނޮލޮޖީސްއިން ހިންގާފެކްޓަރީއެކެވެ.
މި ފެކްޓަރީ ހުންނަނީ ޕޫނޭއާއި 10 ކިލޯ މީޓަރު ދުރުގައެވެ. އަދި މި ސަރަހައްދަކީ، މިފަދަ ގިނަ ފެކްޓަރީތައް ހުންނަ ސަރަހައްދެކެވެ. އަދި ފެކްޓަރީތަކުގައި މަސައްކަތް ކުރާ މީހުން ދިރިއުޅެމުންދަނީ މި ފެކްޓަރީތަކުގެ ކައިރި ސަރަހއްދުތަކުގައެވެ.
މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވަނީ ހާދަިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި ވަނީ މި ހާދިސާގައި މަރުވި މީހުންގެ ކޮންމެ އާއިލާއަކަށްވެސް 2،800 އެމެރިކާ ޑޮލަރު ހަމަޖައްސަވާ ދެއްވާފައެވެ. އަދި އަނިޔާވި ކޮންމެ މީހެއްގެ އާއިލާއަަށް 690 އެމެރިކާ ޑޮލަރު ހަމަޖައްސަވާ ދެއްވާނެކަމަށްވެސް މޯޑި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ފެކްޓަރީ ހުންނަ މަހާރާސްތުރާގެ ސަރަހައްދީ ސަރުކާރުންވެސް ވަނީ މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ އާއިލާތަކަށް 6،800 އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ