ފާއިތުވި ބައި ގަރުނުތެރޭ އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 1 މިލިއަނަށް އަރާފަ

ފާއިތުވި ބައިގަރުނު ތެރޭގައި އިސްރާއީލުން ހައްޔަރު ފަސްތީނު ރައްޔިތުންގެ އަދަދު 1 މިލިއަނަށް

ފާއިތުވި ބައިގަރުނު ތެރޭގައި އިސްރާއީލުން ހައްޔަރު ފަސްތީނު ރައްޔިތުންގެ އަދަދު 1 މިލިއަނަށް

1967ވަނަ އަހަރު، އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކުރިފަހުން، އެގައުމުން ހައްޔަރު ކޮށްފައިވާ ފަސްތީނުގެ ރައްޔިތުންގެ އަދަދު 1 މިލިއަނަށް އަރައިފިއެވެ.

އިސްރާއީލުން ހައްޔަރުކުރާ ފަލަސްތީނުގެ ރައްޔިތުންގެ ހިސާބުތައް ބަލަހައްޓަމުންދާ ޕަލެސްޓީނިއަން ޕްރިސަނާސް ކޮމީޓިން ހާމަ ކޮށްފައިވާ ގޮތުގައި، 1967 ވަނައަހަރު އިސްރާއީލުން ގާޒާ ސްޓްރިޕްއާއި، ހުޅަގު އައްސޭރި އަދި އިރުމަތީ ޖެރޫސެލަމް އިސްތިއުމާރު ކުރިފަހުން މިހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް ހައްޔަރު ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު އެއް މިލިއަނަށްވުރެ މައްޗަށްވަނީ އަރާފައެވެ. އަދި މީގެތެރޭގައި، 17،000 އަށްވުރެ ގިނަ އަންހެނުންނާއި 50،000 އަށްވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ.

އިސްރާއީލަކީ ބައިނަލް އަގުވާމީ ގާނޫނުތައް މުގުރާލުމަށްފަހު، ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެ، އެބިންތަކުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، ފަލަސްތީނުގައި އިސްތިއުމާރީ ވެރިކަމެއް ކުރަމުންދާ ދައުލަތެލެވެ.

މިގޮތުން އިސްރާއީލުން ކުރަމުންދާއިސްތިއުމާރީ ވެރިކަމަށް އެންމެބޮޑު އެއްބާރުލެއް ދެމުންދާ ގައުމަކީ އެމެރިކާއެވެ.

އިސްރާއީލު ދައުލަތެއްގެ ގޮތުގައި އެންމެ ފުރަތަމަ އުފެދިގެން އައީ، 1947 ވަނަ އަހަރު ޔުނައިޓެޑް ނޭޝަން (ޔޫއެން)އިން ފާސްކުރި ގަރާރަކުންނެވެ. “ޕާޓިޝަން ޕްލޭން”ގެ ނަމުން ނަން ދެވިފައިވާ މި ގަރާރު (ރިޒޮލިއުޝަން 181) ޔޫއެންއިން ފާސްކޮށްފައިވަނީ، އޭރު އިނގިރޭސިން ފަލަސްތީނުގައި ދަމަހައްޓަމުންއައި އިސްތިއުމާރީ ވެރިކަން ދެބަޔަކަށް ބަހާލައި، އޭރުގެ ފަލަސްތީނުގެ ބިމުގެ އެއްބައި ޔަހޫދީންނަށް ޚާއްސަ ކުރުމުގެ ގޮތުންނެވެ.

1948 ވަނަ އަހަރު އިސްރާއީލުގެ އުފެދުމާއެކު، އަރަބި-އިސްރާއީލީ ހަގުރާމައެއް ކުރެވިގެން ދިޔައެވެ. މިހަގުރާމަ 1949 ވަނަ އަހަރު ނިމިގެން ދިޔައީ، އަރަބި ގައުމުތައް ބަލިވެ، އިސްރާއީލް މިހަގުރާމަ ކާމިޔާބު ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން 75،000 ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ބޭރު ކުރެވުނެވެ.

އަދި މި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ބިން 3 ބަޔަކަށް ބެހިގެން ދިޔައެވެ. އެއީ، 1948 ވަނަ އަހަރު ދައުލަތެއްގެ ގޮތުގައި ޔޫއެންގެ ގަރާރަކުން އުފެއްދި އިސްރާއީލުގެ ދައުލަތާއި، (ސްޓޭޓް އޮފް އިސްރާއިލް) އާއި، ވެސްޓް ބޭންކް (އުރުދުންގެ ކޯރުގެ އައްސޭރި، ނުވަތަ ހުޅަގު އައްސޭރި) އާއި އަދި ގާޒާ ސްޓްރިޕް (އައްސޭރި ފަށުގައި އޮތް ގާޒާގެ އަވަށް) އެވެ.

1967ވަނަ އަހަރު، އިސްރާއީލުން އިސްވެ މިސްރަށާއި އަދި ސީރިއާގެ ވައިގެ ބާރުތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް ދިނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، މަޝްހޫރު 6 ދުވަހުގެ އަރަބި އިސްރާއީލުގެ ހަގުރާމަ ފެށިގެން ދިއުމެވެ.

މި ހަގުރާމާގައި އަރަބި ގައުމުތައް ބަލިވެ، މިސްރުގެ ބާރުގެ ދަށުން، ސިނާއީ ޕެނިންސޫލާއާއި ގާޒާ ސްޓްރިޕް އިސްރާއީލު އަތުލިއެވެ. އަދި އުރުދުންގެ ބާރުގެ ދަށުން، ވެސްޓް ބޭންކްއާއި، (އުރުދުންގެ ކޯރުގެ ހުޅަގު އައްސޭރި) އަދި އިރުމަތީ ޖެރޫސެލަމް އަތުލިއެވެ. ހަމަ އެއާއެކު، ސީރިޔާގެ ބާރުގެ ދަށުން ގޯލާންގެ އުސް ބިންތައް ހިފިއެވެ.

މިއަށްފަހު އަދި އަދަށް ދާންދެންވެސް އިސްރާއީލުން ގެންދަނީ، މި ސަރަހައްދުތަކަށް ވެރިވެގަނެ، މި ސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ގޮތުން، އިސްރާއީލުގެ ރައްޔިތުން ދިރިއުޅޭނެގެ ގެތައް އިމާރާތްކޮށް، އެ ސަރަހައްދުތަކުން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރަމުންނެވެ.

އިސްރާއީލުގެ އިސްތިއުމާރީ ވެރިކަމުގައި ފާއިތުވެދިޔަ 54 އަހަރު ދުވަހުގެ ތެރޭގައި، އެކިފަހަރުމަތިން އިސްރާއީލުންވަނީ ފަލަސްތީނަށް ލާއިންސާނީ އެތަކެއް ހަމަލާތަކެއް ދީ، ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެ ޝަހީދު ކޮށްލާފައެވެ.

އެންމެ ފަހުން އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހިންގު އުދުވާންގައި، ފާއިތުވެދިޔަ މޭމަހުގެ 10ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން މެދުނުކެޑި އިސްރާއީލުން ގާޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 250 މީހަކުވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *