ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ސިޔާސީ މައިދާނުގައި ހަރުދަނާ ލީޑަރުންތަކެއް އުފެއްދެވި އަދި ޒުވާނުންނަށް ކެބިނެޓުން ފުރުޞަތު ދެއްވި ލީޑަރެއްކަމަށް ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ސަރުކާރުގައި އެންމެ ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީނަށް ތުހުމަތުކުރައްވާ އެ ސަރުކާރުގެ ފިޝަރިޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވާހަކަ ދައްކާފައިވާ ދަނޑިވަޅެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޢަބްދުﷲ ޔާމީންކަމަށެވެ. ރައީސް ޔާމީނަކީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި، އަދި ކެބިނެޓުން ޒުވާނުންނަށް ފުރުޞަތުދެއްވި، "މީހުން މީހުންނަށް" ހެދި ލީޑަރެއްކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރުކުރެއްވި، ދިހުން ގެނެސްދެއްވި ތަރިންކަމަށެވެ.
އަޅުގަނޑު ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން. އެއީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި، ކެބިނެޓުން ޒުވާނުންނަށް ފުރުޞަތުދެއްވި، "މީހުން މީހުންނަށް" ހެދި ލީޑަރެއް! ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރުކުރެއްވި، ދިހުން ގެނެސްދެއްވި ތަރިން!
– އާދަމް ޝަރީފް ޢުމަރު
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ޑރ.ޝައިނީ ރައީސް ޔާމީނަށް ތުހުމަތުކުރައްވާ ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރަކަށް ހުންނަވައިގެންވެސް އެއްވެސް ތަނަވަސްކަމެއް ނުލިބުނުކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސް ވަރުގައި ކެބިނެޓް ވަޒީރަކަށްވީތީ ވީ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. ވެރިކަން ނިމުނުއިރުވެސް ހުރީ ހުސްއަތާކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ. ޝައިނީ ވިދާޅުވީ، ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓް ދިނުމަށް ރައީސް ޔާމީން ގާތު ވަރަށް ބޮޑަށް އެދުނުކަމަށެވެ. ނަމަވެސް ވެރިކަން ނިމިގެން ވަޒީރުކަން ކުރައްވާ ވަޑައިގަތީ ހުސްއަތާ އިންޝުއަރެންސް ވަރުވެސްނެތިކަމަށެވެ.
ޝައުނީ ވިދާލުވީ، އޭނާ ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށެވެ. ކެބިނެޓްގައި ހުންނަވައިގެން އެއްވެސް ފައިދާއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބިފައިނުވުމުން ވެރިކަން ވައްޓާލަންވެސް މަސައްކަތް ކުރެއްވިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝައިނީ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކެބިނެޓަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްވި ބޭފުޅަކަށް ޔާމީން ވާނެ ކަމަށެވެ. ކެބިނެޓުގައި އޭރު ތިއްބެވި ބޭފުޅުންނަށް ލިބިވަޑައިގަތީ އަދި ދެއްވީ ކޯއްޗެއްތޯ ޝައިނީ ސުވާލުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ