ސިނަމާލެ ބްރިޖުމަތީގައި ސައިކަލު މަތީ އޮށޯވެގެން، ބާރު ދުވެލީގައި ދުއްވި 3 ސައިކަލެއް ފުލުހުން ހިފަހައްޓައި، 30 ދުވަހަށް ޓޯކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެންނަނީ ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަތަރު ސައިކަލެއް ރޭސް ޖަހަމުންދާ މަންޒަރެވެ. އަދި އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވި މީހުން، ސައިކަލު މަތީ ބަނޑު އަޅައި އޮށޯވެގެން ބާރު ދުވެލީގައި ދުއްވަމުންދާ މަންޒަރު ފެނެއެވެ. މި މަންޒަރު ފެނުނު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، ވީޑިއޯއިން ފެންނަ ސައިކަލުތަކުގެ ތެރެއިން ތިން ސައިކަލެއް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެ ސައިކަލުތައް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށެވެ. ނަމަވެސް، ސައިކަލު ދުއްވި ފަރާތްތަކާ މެދު އިތުރު ފިޔަވަޅެއް އަޅައިފައިވޭތޯ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ބާރު ދުވެލީގައި އުޅަނދު ދުއްވުމަކީ ރާއްޖޭގައި މިހާރު ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ. މީގެ ކުރިން ވެސް ބާރު ދުވެއްޔެއްގައި ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، ބައެއް ފަރާތްތަކުގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. މިފަދަ ހާދިސާތަކުގައި ގިނައިން ޝާމިލުވަނީ ޒުވާނުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން، މި އަހަރު 1,751 ޓްރެފިކް އެކްސިޑެންޓް މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.
ކޮމެންޓު ފޮނުވާ