ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މުޢިއްޒާއި ޚަލީލުއްރަޙްމާން މަޝްވަރާ ކުރައްވައިފި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މުޢިއްޒާއި ޚަލީލުއްރަޙްމާން މަޝްވަރާ ކުރައްވައިފި

Author
އަހުމަދު
25 ޖުލައި 2026 07:53
0

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ހޮނިހިރު ދުވަހު ހަވީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހި ސަރުކާރުގެ ޚާއްޞަ މެހްމާނެއްގެ ހައިސިއްޔަތުން މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންދެއްވިކަމަށްޓަކައި ރައީސް މުޢިއްޒު ވަނީ ޑރ. ޚަލީލުއްރަޙްމާނަށް ޝުކުރު އަދާކުރައްވައި، ދިވެހި ފަސްގަނޑަށް ހޫނު މަރުޙަބާއެއް ދަންނަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން، ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ މަގުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި، ޚާއްޞަކޮށް ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުމުގެ ދާއިރާތައް ފުޅާކުރުމާއި، ދިރާސީ ފުރުޞަތުތައް ފޯރުކޮށްދިނުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ފަރުދީ ފެންވަރުގައި ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ދެމިއޮތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ފަރާތަށްވެސް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ބޭފުޅުންވެސް ތިއްބެވީ ފުރިހަމަ ތައްޔާރުކަމުގައި ކަން ބައްދަލުކުރެއްވުން ނިންމަވާލެއްވި ވަގުތު ހާމަކުރެއްވި ކަމަށް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެ ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.