ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Author
އަހުމަދު
25 ޖުލައި 2026 08:06
0

 

ސަޢޫދީ ޢަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ޕްރިންސް ޑރ. މަންޞޫރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. އެމަނިކުފާނު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް މުޢިއްޒުގެ ޚާއްޞަ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ. މާލެ ވަޑައިގަތުމުން ޕްރިންސް ޑރ. މަންޞޫރަށް ވަނީ ރަސްމީ އިއްޒަތުގައި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސް ޑރ. މަންޞޫރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިވަން ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށާއި، ވަކިން ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދެއްވުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް"ގެ ދަށުން ވެދެއްވި އެހީތެރިކަމަށްޓަކައި ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޕްރިންސް ޑރ. މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިން އަބަދުވެސް ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ޙިއްޞާކުރާ ޢާންމު އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާތަކުން ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ރޮނގުތަކުން ގުޅުންތައް އިތުރަށް ފުޅާކުރެއްވުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.