ދިރާގު ދިވެހި ޕްރިމިއާ ލީގު މިހާރު ކުޅެވިފައި އޮތް ހިސާބުން ނިންމާލުުމުން، ލީގު ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބިއްޖެއެވެ.
ޕްރިމިއާ ލީގުގެ ދެ ބުރުގެ ކުޅުން މިހާރު ކުޅެ ނިމިފައިވާއިރު، ތިންވަނަ ބުރު އަދި ފަށާފައެއް ނުވެއެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު މިހާރު އޮތްގޮތުން ލީގު އިތުރަށް ކުރިޔަށް ނުގެންގޮސް ނިންމާލަން ޖެހިދާނެކަމަށް މީގެ ކުރިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބައްސާމްވެސް ވަނީ ވިދާޅުވެފައެވެ.
ދެ ވަނަ ބުރުން ލީގު ނިންމާލުމާއެކު މާޒިޔާއިން ވަނީ ނުވަ ޕޮއިންޓުގެ ލީޑަކާއެކު ލީގު ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. މާޒިޔާއަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
މިއަދު ހަވީރު އޮންލައިންކޮށް ބޭއްވި އެފްއޭއެމްގެ ކޮންގްރެސްއަށް ފަހު ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލީގުގެ ތިންވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލުމަށް އެފްއޭއެމުގެ ހިންގާ ކޮމިޓީން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން އެފްއޭއެމުން ވަނީ މި އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުވެސް ނުކުޅެން ނިންމާފައެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވައި ނިންމާލަން ޖެހިޖެހިގެން ނިންމި ތިންވަނަ އަހަރެވެ.
މީގެ އިތުރުން މިއަދު ބޭއްވި ކޮންގްރެސްގައި ނިންމި އިތުރު ކަންތައްތަކަށް ބަލާލާއިރު، 14 އަހަރުން ދަށާއި، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޤައުމީ ޓީމުތައް މުބާރާތްތަކުގައި ބައިވެރި ނުކުރަން ނިންމާފައެވެ. ސަބަބަކީ މިހާރުގެ ހަލާތު އޮތްގޮތުން ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ނެތީމައެވެ.
އަދި މި މަހު ފަށަން އެފްއޭއެމުން ނިންމި ހުޅުމާލޭ ހައި ޕާފޯމަންސް ސެންޓަރާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ 18 އެކެޑަމީގެ މަސައްކަތް މިހާރު އޮތްގޮތުން ފެށޭތޯ ބަލަނީ އަންނަ އޮގަސްޓް މަހުގައެވެ.
މުސާރައިގައި މައްސަލައިގައި ފުޓްބޯޅައިގެ އެންމެހާ ކަންކަމުން ސަސްޕެންޑްކޮށްފައި ވާ ނިއުރޭޑިއަންޓް އާއި ވިކްޓްރީގެ ސަސްޕެންޝަން ދަމަހައްޓަން ފެނެތޯ ކޮންގްރެސްގައި މިއަދު ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވި ކްލަބުތަކުގެ ތާއީދާއެކު ސަސްޕެންޝަން ދަމަހައްޓަން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ