މިއަދު ބާއްވަން އޮތް އަޑުއެހުން ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި

މިއަދު ބާއްވަން އޮތް އަޑުއެހުން ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި

Author
ޢަލީ އާދަމް
30 މެއި 2021 10:28
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް މިއަދު ބާއްވަން ތާވަލްކޮށްފައި އޮތް އަޑުއެހުން އެމަނިކުފާނު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައި އޮތީ ހެނދުނު 9:30 އަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެމަނިކުފާނަކީ 55 އަހަރުން މަތީގެ ހައި ރިސްކް ބޭފުޅެއް ކަމަށާއި ކޯވިޑާއި ގުޅިގެން އެ ފަދަ ފަރާތްތަކަށް ލުއި ދިނުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އެންގުމާއި އެއްގޮތަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް ރައީސް ޔާމިން އެދިވަޑައިގެންފައިވާތީ އެ އަޑުއެހުން ކެންސަލް ކުރީ ކަމަށެވެ.

ރައީސް ޔާމިން ކޯޓަށް ހާޒިރުކޮށްގެ މި ދަނޑިވަޅުގައި އަޑުއެހުންތައް ބޭއްވުން ރައްކާތެރި ކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ ފަރާތުންވެސް ރޭވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތް އޮންނަ ކަން ދުރާލައި އަންގާފައިވީ ނަމަވެސް މިއީ ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާތެރި ވަގުތެއް ކަމަށެވެ. އެހެންކަމުން މިފަދަ ވަގުތެއްގައި އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމަކީ އެއީ ސިއްހީ ނުރައްކަލަކަށް ހުށަހެޅޭނެ ސަބަބެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެދިފައިވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ޝަރީއަތް ކުރިއަށް ގެންދާށެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.